ދުނިޔެ

ބަޣުދާދަށް ދިން ޓެރަރިސްޓް ޙަމަލާތަކެއްގައި 80 މީހުން މަރުވެއްޖެ


އިރާގުގެ ވެރިރަށް ބަޣުދާދަށް ބުދަދުވަހު ދިން ޓެރަރިސްޓް ޙަމަލާތަކުގައި 80 މީހުން މަރުވެފައިވާކަމަށް އިރާގުން ހާމަކޮށްފިއެވެ. 

އިރާގުގެ އަމަނާބެހޭ ފަރާތްތަކާ އަދި ސިއްޙަތާބެހޭ ފަރާތްތަކުން ބުނީ ބަޣްދާދުގެ ސަދްރު ސިޓީގައި ގޮއްވާލި ކާރުބޮމުގެ އިތުރުން އެހެން ދެތަނެއްގައިވެސް އަމިއްލައަށް މަރުވެގެން ދެބޮން ގޮއްވާލާފައިވާކަމަށާ މިޙަމަލާތަކުގައި އަށްޑިހަ މީހުން މަރުވެ ސަތޭކަ ތިރީހަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާކަމަށެވެ.

މިތިން ބޮމުގެ ތެރެއިން އެންމެ ބާރުގަދަ ބޮން ގޮއްވާލާފައިވަނީ ބަޣްދާދުގެ ޝިޔައީންގެ އަޣްލަބިއްޔަތު އޮންނަ ސަދްރު ސިޓީގެ އާންމު ބާޒާރެއްގައެވެ. މިޙަމަލާގައި ފަންސާސް ފަސްމީހުން މަރުވެފައިވެއެވެ. އަނެއް ދެ ބޮމުގެ ތެރެއިން އެއްބޮން ގޮއްވާލާފައިވަނީ ބަޣްދާދުގެ ހުޅަނގު އުތުރުގައި ޝިޔައީންގެ މަޒާރުތަކެއް ހުންނަ އަލްކާޟިމިއްޔާ އަވަށުގައެވެ. އެޙަމަލާގައި ސަތާރަ މީހުން މަރުވެފައިވެއެވެ. ތިންވަނަ ބޮން ގޮއްވާލާފައިވަނީ ބަޣްދާދުގެ ހުޅަނގުގައި ސުންނީންގެ އަޣްލަބިއްޔަތު އޮންނަ ވިޔަފާރި ސަރަހައްދެއްގައިވާ ފުލުހުންގެ ޗެކްޕޮއިންޓެއްގެ ކައިރީގައެވެ. މިޙަމަލާގައި އަށްމީހުން މަރުވެފައިވެއެވެ. 

img:http://s2.psmnews.mv/images/660x400/14630385176984.jpg|އިރާޤްގައި ބޮމުގެ ހަމަލާދިން ސަރަޙައްދެއްގައި ބަޔަކު ހަރަކާތްތެރިވަނީ / ފޮޓޯ: ޒިންހުއާ

ބުދަދުވަހު ބަޣްދާދަށް ދިން މިޙަމަލާތަކުގެ ޒިންމާވެސް އުފުލާފައިވަނީ ހައްދުފަހަނަޅާފައިވާ އައިއެސް ޖަމާއަތުންނެވެ. އައިއެސްގެ ނޫސް އެޖެންސީ "އަލްއަޢްމާގް" އިން ބުނީ ބަޣްދާދަށްދިން ބޮމުގެ ތިން ޙަމަލާއަކީ އެޖަމާއަތުގެ ހަނގުރާމަވެރިން އަމިއްލައަށް މަރުވެގެންދިން ޙަމަލާތަކެއްކަމަށާ އެޙަމަލާތަކުން އެޖަމާއަތުގެ މަގްސަދު ޙާސިލް ވެފައިވާ ކަމަށެވެ. 

ސަދްރު ސިޓީގައި މިދިޔަ ފެބްރުއަރީ މަހުވެސް މިބާވަތުގެ ދެ ބޮން ގޮއްވާލައި ތިރީހަށްވުރެ ގިނަ މީހުން މަރާލާފައިވެއެވެ. އެދެ ހަމަލާގެ ޒިންމާވެސް އުފުލާފައިވަނީ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުންނެވެ. ބަޣްދާދުގެ ތިން ސަރަހައްދެއްގައި ބުދަދުވަހު ބޮންތައް ގޮއްވާލައި އަށްޑިހަ މީހުން މަރާލާފައި މިވަނީ ބަޣްދާދުގެ އަމަނާބެހޭ ހާލަތު ރަނގަނޅުވެ އެސިޓީއަށް މަޑުމަޑުން ހަމަޖެހުން އަންނަމުންދާ ދުވަސްވަރެއްގައެވެ. ބޮމުގެ މިތިން ޙަމަލާއާއެކުވެސް ބަޣްދާދުގެ ސަލާމަތާއި ރައްކާތެރިކަން މީގެ ހައެއްކަ އަހަރާ އަޅާބަލާއިރު ވަރަށްބޮޑުތަން ރަނގަނޅު ވެފައިވާކަމަށާ އަދި އައިއެސް ޖަމާއަތުގެ ނުރައްކާވެސް ކުރިޔާއަޅާބަލާއިރު މިހާރު ވަރަށްބޮޑަށް ކުޑަވެފައިވާކަމަށް އިރާގުގެ އަމަނާބެހޭ ފަރާތްތަކުން ބުނެއެވެ. 

img:http://s4.psmnews.mv/images/660x400/14630385323232.jpg|އިރާޤްގައި ބޮމުގެ ހަމަލާދިން ސަރަޙައްދެއްގައި ބަޔަކު ހަރަކާތްތެރިވަނީ / ފޮޓޯ: ޒިންހުއާ

ދެހާސް ސާދަވަނަ އަހަރުން ފެށިގެން އިރާގު ސިފައިންގެ ލަޝްކަރުތައް ގެންދަނީ އައިއެސް ޖަމާއަތާ ދެކޮޅަށް ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރަމުންނެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އިރާގުގެ އުތުރާއި ހުޅަނގުގައިވާ ބޮޑެތި ސިޓީތަކާއި ގިނައަދަދެއްގެ ވިލެޖްތަކުން އައިއެސް ޖަމާއަތް ފައްސާލައި އެތަންތަން ވަނީ އަލުން އަނބުރައި އިރާގު ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ. 

މީގެތެރޭގައި އަލްއަންބާރު ޕްރޮވިންސްގެ ވެރިރަށް ރަމާދީ ހިމެނެއެވެ. އިރާގުގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުން ބުދަދުވަހު ގެ ބޮމުގެ ޙަމަލާތަކަކީ އައިއެސް ޖަމާއަތުގެ ބާރު އިރާގުގައި ކުޑަވަމުންދާތީ އެޖަމާއަތުގެ ލީޑަރުންނާއި ހަނގުރާމަވެރިން މާޔޫސްވެގެން ދިން ޙަމަލާތަކެކެވެ. މިޙަމަލާތަކާއެކުވެސް ކުރިޔާއާޅާބަލާއިރު އައިއެސް ޖަމާއަތުގެ ނުރައްކާ ބަޣްދާދަށް ކުޑަ ކަމަށް އިރާގުގެ މަސްއޫލުވެރިން ދެކެއެވެ. އަދި ދެހާސް ސާދަވަނަ އަހަރު އައިއެސްގެ ކޮންޓްރޯލްގެ ދަށުގައި އިރާގުގެ ސާޅީސް އިންސައްތަ ބިން އޮތްނަމަވެސް މިހާރު އެޖަމާއަތުގެ އަތްދަށުގައިވަނީ އިރާގުގެ އެންމެ ސާދަ އިންސައްތަ ބިންކަމަށް އިރާގު ސަރުކާރުން ބުނެއެވެ.