ކުޅިވަރު

މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި


ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި 11 ވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޖޫން 6 އިން 14 އަށް ނެޝަނަލް ޓެނިސް ސެންޓަރުގައި ކުރިއަށްދިޔަ މި މުބާރާތުގައި 71 ފިރިހެން އަދި 57 އަންހެން ކުޅުންތެރިންނާއެކު ޖުމްލަ 128 ކުޅުންތެރިން އެކި ކެޓަގަރީތަކުގައި ވާދަކޮށްފައިވެއެވެ.

މި އަހަރުގެ މުބާރާތުގެ މުޅިން އަލަށް އަތޮޅުތެރެއިން ކުޅުންތެރިން ބައިވެރި ވެފައިވެއެވެ. އެގޮތުން ޅ.ނައިފަރުން 16 ކުޅުންތެރިން ވާދަކުރިއިރު ބައެއް ކުޅުންތެރިން މެޗުތައް ކާމިޔާބުކޮށް ކުއާޓާ އަދި ސެމީ ފައިނަލްގައި ކުޅެފައިވާކަން ފާހަގަކުރެވެއެވެ.

އަތޮޅުތަކަށް ޓެނިސް ތައާރަފުކޮށް ޓެނިސް ކުޅެން ދަސްކޮށްދިނުމުގެ ގޮތުން ޅ.ނައިފަރުގައި ޓެނިސް ކޯޓް ގާއިމުކުރެވުނީ 2023 ވަނަ އަހަރުއެވެ.

މުބާރާތުގެ ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް އިނާމު ދިނުމަށް ހުކުރު ދުވަހު ދުވަހު ހާއްސަ ރަސްމިއްޔާތެއް ނެޝަނަލް ޓެނިސް ސެންޓަރުގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީންއެވެ.

މި ރަސްމިއްޔާތުގައި މުބާރާތުގެ އޮފިޝަލުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ހަވާލުކުރުމާއި މުބާރާތުގައި ބައިވެރިވި 12 އަހަރާއި 12 އަހަރުން ދަށުގެ ކުޅުންތެރިންނަށް މުބާރާތުގައި ބައިވެރިވިކަމުގެ ލިޔުން ހަވާލުކުރި އެވެ.

މީގެއިތުރުން މުބާރާތުގެ އެކި ކެޓަގަރީ ތަކުން ރަނައަޕް ހޯދި ކުޅުންތެރިނާއި ޗެމްޕިއަންކަން ހޯދި ކުޅުންތެރިންނަށް އިނާމާއި ލިޔުން ހަވާލުކުރި އެވެ.

މި އަހަރުގެ މުބާރާތުގެ ފިރިހެން އޯޕަން ޗެމްޕިއަންކަން ހޯދީ ޢަބްދުﷲ ފާއިޙް ފަޒީލެވެ. އަދި އަންހެން އޯޕަން ޗެމްޕިއަންކަން ހޯދީ އާރާ އާސާލް ޢާޒިމެވެ.

މި ރަސްމިއްޔާތުގައި އެސޯސިއޭޝަންގެ ފަރާތުން މުބާރާތުގެ ސްޕޮންސަރ ލިލީ އިންޓަރނޭޝަނަލް އާއި ގޮތްގޮތުން ރާއްޖޭގައި ޓެނިސް ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ފާހަގަކޮށް ޝުކުރުއަދާކޮށްފައިވެއެވެ. އެގޮތުން އަދުގެ ސަރުކާރަށާއި ކުޅިވަރާބެހޭ ވަޒީރަށް ޝުކުރު ދެންނެވިއެވެ.

ހަމައެހެންމެ ފާއިތުވި އަހަރުތަކުގައި ލިލީ ގްރޫޕްގެ ފަރާތުން އެސޯސިއޭޝަނާއި ރާއްޖޭގައި ޓެނިސް ކުރިއަރުވަން ދެމުން ގެންދާ އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކޮށްފައިވެއެވެ.

އެސޯސިއޭޝަންގެ އަމާޒަކީ، މި މުބާރާތުން ލިބުނު ތަޖްރިބާގެ އަލީގައި، އަތޮޅުތެރޭގައި އަދި މާލޭގައި ކުޅުންތެރިނަށް ދެވޭ ތަމްރީނުތައް އިތުރަށް ވަރުގަދަކޮށް ކުރިއަށް އޮތް އަހަރުތަކުގައި، ދިވެހި ކުޅުންތެރިންގެ ފެންވަރު މަތިކުރުމެވެ.