އަލްބޭނިޔާއާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ ކަމަށް ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީިގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ ބުނެފި އެވެ. މެޗުގެ ކުރިން އޮތް ނުސްވެރިންގެ ބައްދަލުވުމުގައި ސްޕަލެއްޓީގެ ތައުރީފް އޮއްސާލީ އަލްބޭނިޔާގެ ކޯޗު ސިލްވީނިއޯ އަށެވެ.
ސްޕަލެއްޓީ ބުނީ އަލްބޭނިއާ އާއެކު ސިވްވީނިއޯ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެކަމަކު އޭނާގެ ގޭމް ޕްލޭނާ އެއްގޮތަށް މެޗު ކުރިއަށްގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިޓަލީ ކޯޗު ބުންޏެވެ. އޭނާ އިތުރަށް ބުނީ އިޓަލީ އަށް ތަފާތު އެކި ފޯމޭޝަންގައި ކުޅެވިދާނެ ކަމަށާއި، އެކަމުގެ ގާބިލްކަން ހުރި ކުޅުންތެރިން ސްކޮޑުގައި ތިބި ކަމަށެވެ.
ސްޕަލެއްޓީ ވަނީ، އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ ނިކޮލާ ބަރެއްލާ އާ ގުޅޭގޮތުންވެސް ވާހަކަދައްކާފައެވެ. އެގޮތުން، ސްޕަލެއްޓީ ބުނީ ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ބަރެއްލާ ބައިވެރިވި ކަމަށާއި، ދެން އޮތް ފަރިތަކުރުމުގައި ވެސް ބައިވެރިވާނެ ކަމަށެވެ. ނަމަވެސް ބަރެއްލާ ޓީމުގައި ހިމެނުމާ މެދު އިތުރު މަޝްވަރާކުރާނެ ކަމަށް ސްޕަލެއްޓީ ވަނީ ބުންޏެވެ.
އިޓަލީގެ ކެޕްޓަން ޖިއަންލުއިޖީ ޑޮންނަރުއްމާ ބުނީ މިފަހަރުގެ މުބާރާތާ ކުރިމަތިލާނީ މިދިޔަ ޔޫރޯ ނިންމާލި ގޮތަށް އެ ރޫޚުގައި ކަމަށެވެ. އިޓަލީ ކީޕަރު ޑޮންނަރުއްމާ ބުނީ އަލްބޭނިއާގައި ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު ރަނގަޅު ކުޅުންތެރިން އެބަތިބި ކަމަށެވެ. ހާއްސަކޮށް ކައުންޓަރ އެޓޭކުތަކުގައި އިޓަލީން ސަމާލުވެ ތިބެންޖެހޭނެ ކަމަށާއި، އެ މީހުންނަށް ހުސް ޖާގަ ދީގެން ނުވާނެ ކަމަށް ޑޮންނަރުއްމާ ބުންޏެވެ.
ކެޕްޓަންކަމުގެ މަސްއޫލިއްޔަތާއެކު އިތުރު ބަދަލެއް ނާންނާނެ ކަމަށާއި، އެއީ އިތުރުވި ޒިންމާއެއް ކަމަށް ޑޮންނަރުއްމާ ދެކެއެވެ. އޭނާ ބުނީ އިޓަލީ ޓީމުގައި ގިނަ އަދަދަކަށް ލީޑަރުން އެބަތިބި ކަމަށާއި، އޭނާ އަކީ ވެސް އޭގެތެރެއިން އެކަކު ކަމަށެވެ.
އިޓަލީ އާއި އަލްބޭނިއާގެ އިތުރުން މި ގްރޫޕުގައި ދެން އޮތީ ސްޕެއިނާއި ކްރޮއޭޝިއާ އެވެ. އަލްބޭނިއާ އާ ދެކޮޅަށް އިޓަލީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.