ޚަބަރު

އެހީއަށް ހުރަސް އެޅި ހައްދުފަހަނަ އެޅިި ޔަހޫދީންނާ ދެކޮޅަށް އެެމެރިކާއިން ފިޔަވަޅު އަޅައިފި


ފަލަސްޠީނުގެ ޣައްޒާގައި ބިކަކޮށް ނިކަމެތި ކޮށްލާފައިވާ މުސްލިމުންނަށް ފޯރުކޮށްދިނުމަށް ގެންދިޔަ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނަށް ޙަމަލާދީ, އެ ތަކެތި ހަލާކުކޮށްލުމުގެ ޖައްބާރު އަމަލު ހިންގި ޔަހޫދީންގެ ހައްދުފަހަނަ އެޅި ބައިގަނޑަކާ ދެކޮޅަށް އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ފިޔަަވަޅު އަޅާފައި ވަނީ ހައްދުފަހަނަ އެޅި ޔަހޫދީންގެ މައްޗަށް އެކުލެވިގެންވާ "ޒާވް 9"ގެ ނަން ކިޔާ ގުރޫޕަކާ ދެކޮޅަށް ކަމުގައެވެ.

ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބަރުކޮށްފައިވާ ލޮރީތަކަށް ޒާވް 9ގެ ހައްދުފަހަނަ އެޅި ގުރޫޕުން ޙަމަލާ ދީ, އެ ތަކެތީގައި ހުޅު ޖަހާފައި ވަނީ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން އެ ކަމަށް ފުރުޞަތު ދިނުމުންނެވެ. ހައްދުފަހަނަ ބައިގަނޑު ހުއްޓުވަން ޔަހޫދީ ފައުޖުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އިނގިލި ކުރިވެސް ހިއްލައިނުލައި, ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ތިބީ އެ މަންޒަރު ބަލަހައްޓާށެވެ. މިއީ, ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންގެ ބައިވެރިވުމާ އެކު ޒާވް 9ގެ ހައްދުފަހަނަ އެޅި ބައިގަނޑުން ހިންގާފައިވާ ނާތަހުޒީބު އަދި ޖައްބާރު އަމަލެއް ކަމުގައި ގަބޫލު ކުރެވޭ ސަބަބަކީ މިއީއެވެ.

ޒަޔަނިސްޓު އިސްރާއީލުގެ އޮފިޝަލުން ވެސް ވަނީ, އެހީގެ ސާމާނު އެތެރެ ކުރަން ސަރުކާރުން ގަސްދުގައި ހުރަސް އަޅަމުންދާ ކަމަށް އެއްބަސްވެފައެވެ. އިސްރާއީލުގެ ފުލުސް ކޮމިޝަނަރު ކޮބީ ޝަބްތާއީ ބުނީ, ޣައްޒާއަށް އެތެރެ ކުރާ އެހީގެ ސާމާނު ބަރުކޮށްފައިވާ ލޮރީތަކުގެ ރައްކާތެރިކަން ކަށަވަރު ކުރަން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓައިލާފައި ވަނީ އެ ޤައުމުގެ ހައްދުފަހަނަ އެޅި އަދި ޖައްބާރު ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްވީރްގެ އަމުރުގެ ދަށުން ކަމުގައެވެ.

"ޣައްޒާގައި އިންސާނީ މުސީބާތެއް ފެށުން ހުއްޓުވަން, އަދި އެ ސަހަރުގެ ރައްޔިތުން ހައިހޫނުން ސަލާމަތް ކުރަން ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. ޣައްޒާއަށް އެތެރެކުރާ އެހީގެ ސާމާނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ [ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެފައިވާ އިސްތިޢުމާރީ ބާރު] އިސްރާއީލުގެ ސަރުކާރުގެ ޒިންމާއެއް،" އެހީގެ ސާމާނު ބަރުކޮށްފައިވާ އުޅަނދުތަކަށް ދޭ މި ފަދަ ޙަމަލާތައް ބަލައިނުގަންނާނެ ކަމަށް ބުނެ އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރު ޤައުމުތަކުން ފޮނުވާފައިވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެ ސަހަރަށް އެތެރެ ކުރުމަށް ޔަހޫދީންގެ ހައްދުފަހަނަ އެޅި ގުރޫޕުތަކުން ދަނީ ހުރަސް އަޅަމުންނެވެ. ޔަހޫދީ ފައުޖުން ވެސް ދަނީ, ހައްދުފަހަނަ އެޅި ޔަހޫދީ ބައިގަނޑުތަކުން ހިންގާ އަމަލުތަކަށް ފުރިހަމައަށް އެއްބާރުލުން ދެމުންނެވެ. މިއީ, ޖައްބާރު ބެން-ގްވީރްގެ އެންގުމަށް ހިންގަމުންދާ އަމަލެކެވެ. ހައްދުފަހަނަ އެޅި ޔަހޫދީންގެ ބޭނުމަކީ ފަލަސްޠީނުގެ މުސްލިމުން ހައިހޫނުގައި ޖައްސައި, ޝަހީދުންގެ ޢަދަދު އިތުރު ކުރުމެވެ.

ޒާވް 9ގެ ހައްދުފަހަނަ އެޅި ޖައްބާރު ބައިގަނޑުން ވަނީ, ހުޅަނގު އައްސޭރި މަގުން ޣައްޒާއަށް އެތެރެ ކުރަން މަސައްކަތް ކުރި އެހީގެ ސާމާނު ބަރު ކޮށްފައިވާ ދެ ލޮރީއަށް ޙަމަލާ ދީފައެވެ. އަދި, އޭގައި ހުރި ކާބޯތަކެއްޗަށް ގެއްލުންދީ, އެ ތަކެތީގައި ހުޅު ޖަހާފައެވެ.

މި ކަމާ ގުޅިގެން އެމެރިކާއިން ވަނީ, އެ ޤައުމުގައި ހުރި ޒާވް 9ގެ މެންބަރުންނަށް ނިސްބަތްވާ މުދަލާއި ފައިސާ ހިފަހައްޓާފައެވެ. އަދި, އެ މީހުންނާ ވިޔަފާރީގެ މުއާމަލާތް ކުރުން އެމެރިކާގެ ރައްޔިތުންނަށް މަނާ ކޮށްފައެވެ. ނަމަވެސް, މި ކަމުގައި އަޑީގައި ހުރި ހައްދުފަހަނަ އެޅި ބެން-ގްވީރާ ދެކޮޅަށް ފިޔަވަޅެއް އަޅަން އެމެރިކާއިން ޖެހިލުންވެއެވެ. ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ.

މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,266އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 85,102އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.