ކުޅިވަރު

އުއްމީދަކީ ހައިރާންކުރަނިވި ފުޓްބޯޅަ މެޗެއް ކުޅުން: ސްވިޓްޒަލަންޑް ކޯޗު


ޔުއެފާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގެ ދެވަނަ މެޗުގައި މިރޭ ހަންގޭރީއާ ދެކޮޅަށް ނިކުތުމުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްވިޓްޒަލޭންޑްގެ ކޯޗު، މުރާތު ޔަކީން ބުނީ، އުއްމީދަކީ ހައިރާންކުރަނިވި ފުޓްބޯޅަ މެޗެއް ކުޅުން ކަމަށެވެ.

އަދި އޭނާގެ ޓީމުގެ ފަރިތަކުރުންތައް ދިޔައީ ރަނގަޅަށް ކަމަށާއި، ހަންގޭރީއާ ދެކޮޅަށް ނިކުންނައިރު އޭނާ ބޭނުންވާ ކަންތައްތައް ކުޅުންތެރިންނަށް އެނގޭނެ ކަމަށް ވެސް ޔަކީން ބުންޏެވެ.

ކޯޗު ޔަކީން ބުނީ، ހަންގޭރީ އަކީ ވަރުގަދަ ޓީމެއް ކަމަށާއި، އޭނާގެ ޓީމަށް އެ މެޗު ފަސޭހަނުވާނެ ކަމަށެވެ.

ޔަކީން ބުނީ، މި ފަހަރުގެ ޔޫރޯ އަކީ ކޯޗެއްގެ ގޮތުގައި އޭނާގެ ފުރަތަމަ މުބާރާތް ކަމަށެވެ. މި އަހަރުގެ މުބާރާތް ކުޅެވިގެންދަނީ އަމިއްލަ ގައުމާ ވަރަށް ގާތުގައި ކަމަށް ފާހަގަކޮށް ޔަކީން ބުނީ، ޖަރުމަނުގައި ބޭއްވި 2006 ގެ ވޯލްޑް ކަޕްގައި އޭނާ ކުޅެފައިވާއިރު މިހާރުގެ ޓީމުން ވެސް އޭރުގެ ޓީމުގެ ތެރޭން ފެނިގެންދިޔަ ފަދަ އުފާވެރިކަން ފެންނަ ކަމަށެވެ.

އެހެންކަމުން، ކުރީގައި އަހަރުތަކެއް ވަންދެން ޖަރުމަނުގައި ކުޅެފައިވުމުން މިފަހަރުގެ މުބާރާތް ހާއްސަވާ ކަމަށް ވެސް ޔަކީން ވަނީ ބުނެފައެވެ.

ސްވިޓްޒަލޭންޑްގެ ކެޕްޓަން، ގްރޭނިޓް ޒާކާ ބުނީ، މުބާރާތަށް ލަގެޖް ބަންދުކޮށްގެން އޭނާ އައީ ގިނަ ދުވަސްތަކެއް ޖަރުމަނުގައި ހޭދަކުރުމަށް ކަމަށެވެ. އެހެންކަމުން އެމީހުންގެ ފުރަތަމަ އަމާޒަކީ ހަންގޭރީއާ ދެކޮޅަށް މޮޅު ކުޅުމެއް ކުޅެ، ތިން ޕޮއިންޓް ހޯދުން ކަމަށް ޒާކާ ބުންޏެވެ.

ޒާކާ ބުނީ، މެޗާ މެދު މާބޮޑަށް ނުވިސްނާނެ ކަމަށާއި، އަދި މެޗަށް ތައްޔާރުވުމަށް އޭނާގެ ޓީމަށް ތަޖުރިބާ އެބައޮތް ކަމަށް ވެސް ބުންޏެވެ.

ސްވިޓްޒަލޭންޑާއި ހަންގޭރީގެ އިތުރުން މި ގްރޫޕުގައި ދެން ހިމެނެނީ ޖަރުމަނާއި، ސްކޮޓްލެންޑެވެ.