ކުޅިވަރު

22 އަހަރުގެ ގްވާޑިއޯލްގެ ހިތުގައި މޮޑްރިޗަށް އޮތް އިހުތިރާމު!


ކްރޮއޭޝިޔާ އުފެއްދި އެންމެ ވަރުގަދަ ފުޓްބޯޅަ ލެޖެންޑަކީ ލުކަ މޮޑްރިޗެވެ. 38 އަހަރުގައި މިއަދުވެސް ކްރޮއޭޝިޔާ ގައުމީ ޓީމް ލީޑްކޮށް، މެދުތެރެ ބަލަހައްޓަން އޭނާ ހުރުމަކީ އޭގެ ވަރުގަދަ ހެއްކެކެވެ. މޮޑްރިޗްގެ ފުޓްބޯޅައިގެ ކާމިޔާބީތަކާ ހަމަކުރެވޭނެ އެގައުމުގެ ދެވަނަ ކުޅުންތެރިއަކުވެސް ނެތެވެ.

ކްރޮއޭޝިޔާގެ އުއްމީދުތައް މިހާރު ގުޅިފައިވާ މޮޑްރިޗްފަދަ ދެވަނަ ކުޅުންތެރިއަކީ ޑިފެންޑަރ ޖޮޝްކޯ ގްވާޑިއޯލް އެވެ. އޭނާގެ އުމުރުން އަދި އެންމެ 22 އަހަރެވެ. ކުޅެމުން އެދަނީ ދުނިޔޭގެ އެންމެ މޮޅު އެއް ޓީމް މެންޗެސްޓަރ ސިޓީގައެވެ. ސިޓީގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ޕްރިމިއަރ ލީގާއި ޔުއެފާ ސުޕަރ ކަޕް އުފުލާލި އެވެ. ހަ ފޫޓް އެއް އިންޗި ދިގު ޑިފެންޑަރަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިތުބާރު އެންމެ ބޮޑު ޑިފެންޑަރެވެ.

ކްރޮއޭޝިޔާ ޓީމަށް ބަލާއިރު މޮޑްރިޗް އާއި ގްވާޑިއޯލް އަކީ ކާމިޔާބު ސީޒަނަކަށްފަހު ގައުމީ ޓީމާ ގުޅުނު ދެ ކުޅުންތެރިންނެވެ. މޮޑްރިޗްގެ އުމުރަށް ބަލާއިރު މިހާރު ކުރިއަށްދާ ޔޫރަޕިއަން ޗެމްޕިއަންޝިޕަކީ ގައުމީ ޓީމްގައި މޮޑްރިޗްގެ ފަހު މުބާރާތަށްވެސް ވެދާނެއެވެ. އެހެންކަމުން މުބާރާތުގެ ރަނގަޅު ހިސާބަކަށް ދިއުމުގެ މުހިއްމުކަން ކްރޮއޭޝިޔާއަށް ވަކިން ބޮޑުވެއެވެ. މޮޑްރިޗަށް ޓަކައިވެސް އެކަން ކުރަން މުހިއްމުކަން ކުޅުންތެރިން ގަބޫލުކުރެއެވެ.

އޭގެތެރެއިން އެއް ކުޅުންތެރިއަކީ ގްވާޑިއޯލް އެވެ. އޭނާ ބުނީ މިއީ މޮޑްރިޗްގެ ބޮޑު ފަހު މުބާރާތަށް ނުވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. މޮޑްރިޗް އަދިވެސް ފެންނަނީ ފިޒިކަލީވެސް ފިޓްކޮށްކަން ފާހަގަކޮށް ޒުވާން ޑިފެންޑަރު ބުނީ ކްރޮއޭޝިޔާ ގައުމީ ފުޓްބޯޅަ ޓީމަށް ޓަކައި މޮޑްރިޗް ކޮށްދިން ކަންކަމުގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށެވެ. މޮޑްރިޗްގެ އަގު ވަޒަން ކުރުމަށް މިވަގުތު ކުރެވޭނެ އެންމެ ބޮޑު ކަމަކީ ޔޫރޯގައި ރަނގަޅު ހިސާބަކަށް ދަތުރުކުރުންކަން ގްވާޑިއޯލް ފާހަގަކުރިއެވެ.

"
އަހަންނަށް ހީވަނީ މޮޑްރިޗް ކްރޮއޭޝިޔާގެ ފުޓްބޯޅައަށް ކޮށްދިން ޚިދުމަތުގެ އަގު ވަޒަން ކުރެވޭނީ އަދި އޭނާގެ ލެގަސީ ދެމެހެއްޓޭނީ މިމުބާރާތް (ޔޫރޯ2024) ގައި ކާމިޔާބުކޮށްގެން.
ގްވާޑިއޯލް/ ކްރޮއޭޝިޔާ ޑިފެންޑަރ

ގްވާޑިއޯލް ބުނީ ކްރޮއޭޝިޔާގެ ފުޓްބޯޅަ އާއި ކްރޮއޭޝިޔާގެ ޒުވާން ކުޅުންތެރިންނަށްވެސް މޮޑްރިޗްގެ ފަރާތުން އަގު ނުކުރެވޭނެ ކަންތައްތަކެއް ކޮށްދީފި ކަމަށެވެ. ފުރަތަމަ ގައުމީ ޓީމާ ގުޅުމުން ޚުދު އޭނާއަށްވެސް މޮޑްރިޗްގެ ފަރާތުން ބޮޑު ސަޕޯޓަކާއި އެހީތެރިކަމެއް ދިންކަން ފާހަގަކުރިއެވެ.

ޔޫރޯގައި ރަނގަޅު ނަތީޖާއަކަށް އުއްމީދުކުރާއިރު އެކަމަށް ކްރޮއޭޝިޔާއަށް އޮތީ އުނދަގޫ މަގެކެވެ. ގްރޫޕް ސްޓޭޖް ފަހަނަ އަޅާ ދިއުމަށްވެސް އޮތީ ގޮންޖެހުން ބޮޑު ދަތުރެކެވެ. ސްޕެއިންއާއި އިޓަލީ އޮތީ ކްރޮއޭޝިޔާއާ އެއް ގްރޫޕެއްގައެވެ. މިގްރޫޕްގައި ދެން ހިމެނެނީ އަލްބޭނިޔާއެވެ.

މީގެތެރެއިންވެސް އެންމެ ބޮޑު ޗެލެންޖަކީ ސްޕެއިން އެވެ. ސްޕެއިންއާ ދެކޮޅަށް ކުޅުމަކީ ކްރޮއޭޝިޔާއަށް އަބަދުވެސް އުނދަގޫ ޗެލެންޖެކެވެ. އެކަމަކު ފުޓްބޯޅައިގެ ބްރޭންޑެއްގެ ގޮތުގައި ބަލާ ސްޕެއިންއާ ދެކޮޅަށް ކުޅެން ޖެހުމަކީ ފަޚުރެއް ކަމަށްވެސް ގްވާޑިއޯލް ދެކެއެވެ. ކަން ދިމާކުރި ގޮތުން މުބާރާތުގައި ކްރޮއޭޝިޔާ ކުޅޭ ފުރަތަމަ މެޗުގައި ނިކުންނަން ޖެހެނީވެސް ސްޕެއިންއާ ދެކޮޅަށެވެ. އެއީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ.