ކުޅިވަރު

ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް: ބަނޑޮސް ބަލިކޮށް ޒޯން އެކެއްގެ ޗެމްޕިއަންކަން ރީތި ރަށަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަރ ރިސޯޓް ވޮޮލީބޯލް ޗެމްޕިއަންޝިޕުގެ ޒޯނު އެކެއްގެ ޗެމްޕިއަންކަން ވަން އެންޑް އޮންލީ ރީތި ރަށުން ހޯދައިފިއެވެ.

މުބާރާތުގެ ޒޯން އެކެއްގެ ޗެމްޕިއަންކަން ރީތިރަށުން ހޯދީ އިއްޔެ ކުޅުނު ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ބަނޑޮސް މޯލްޑިވްސް 3-1 ސެޓުން ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓު ބަނޑޮހުން ކާމިޔާބުކުރީ 25-23 އިންނެވެ. ނަމަވެސއ ދެވަނަ ސެޓު ރީތިރަށުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކާއެކު 26-24 އިންނެވެ. މުޅި މެޗުގައި ވެސް އެންމެ ވާދަވެރިކޮށް ފެނުނީ މި ސެޓުގައެވެ.

ތިންވަނަ ސެޓުގައި ބަނޑޮހުގެ ކުޅުން ދެއްކޭގޮތެއް ނުވިއެވެ. މި ސެޓު ރީތި ރަށުން ކާމިޔާބުކުރީ 25-20 އިންނެވެ.

ހަތަރުވަނަ ސެޓުގެ ކުރީކޮޅު ބަނޑޮހުން މޮޅަށް ކުޅުނު ނަމަވެސް އެ ސެޓުގެ ފަހުކޮޅު ރީތި ރަށުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މި ސެޓު ރީތިރަށުން ކާމިޔާބުކުރީ 25-22 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރީތި ރަށުގެ އަލީ ހުޒާމް (ހުޒަންޓޭ) އެވެ.