ކުޅިވަރު

ޔޫރަޕިއަން ޗެމްޕިއަންޝިޕުގެ ފައިސާގެ އިނާމުގެ އަގަކީ ކިހާވަރެއް؟


ޔޫރަޕްގެ 24 ގައުމާއެކު ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުރިއަށްގެންދާ ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ) އަކީ ކުޅިވަރުގެ އެންމެ ބޮޑު އެއް އީދެވެ. ވަރލްޑްކަޕަށްފަހު ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތެވެ. އެންމެ މަގްބޫލް މުބާރާތެވެ. އެންމެ އަގުބޮޑު މުބާރާތެވެ.

މިއަހަރުގެ ޔޫރޯ ޖަރުމަނުގައި ފަށާފައި ވަނީވެސް އަގުބޮޑު މުބާރާތެއްގެ ގޮތުގައެވެ. މުބާރާތުގެ އިނާމް ފައިސާގެ އަގަކީ 331 މިލިއަން ޔޫރޯއެވެ. އެއަދަދު ބެހިގެންވާ މައިގަނޑު ބައި ތަކަކީ މުބާރާތުގައި ވާދަކުރާ ކޮންމެ ގަމެއްގެ ފުޓްބޯޅަ އެސޯސިއޭޝަނަށް އެއް ހަމައަކުން ދޭ އަދަދަކާއި، މުބާރާތުގައި ހޯދާ ނަތީޖާތަކަށް ބަލައިގެން ދޭ އަދަދުތަކެކެވެ.

މުބާރާތުގައި. ވާދަކުރާ 24 ގައުމުގެ ތެރެއިން ކޮންމެ ގައުމެއްގެ ފުޓްބޯޅަ އެސޯސިއޭޝަނަށްވެސް ޔުއެފާއިން 9.25 މިލިއަން ޔޫރޯ ދޭނެއެވެ. އެއީ ޖުމްލަ 222 މިލިއަން ޔޫރޯއެވެ.
މީގެއިތުރުން ގްރޫޕް ސްޓޭޖް ފަހަނަ އަޅާ ދަތުރުކުރާ ޓީމްތަކަށް އެޓީމްތައް ކުރިއަށްދާ މިންވަރަކަށް އިނާމްގެ ގޮތުގައި ފައިސާ ދޭނެއެވެ. އެކަމަށް 109 މިލިއަން ޔޫރޯ ވަނީ ކަނޑައަޅާފައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ޖުމްލަ އެކު 28.5 މިލިއަން ޔޫރޯ ލިބޭނެއެވެ.

މީގެއިތުރުން މުބާރާތުގައި ވާދަކުރާ ކުޅުންތެރިން ކުޅޭ ކްލަބްތަކަށްވެސް ޔުއެފާއިން ފައިސާ ދޭނެއެވެ. އެފައިސާ ބެހިގެން ވަނި އެކްލަބެއްގެ ކުޅުންތެރިން ޔޫރޯގައި ކުޅޭ އަދަދާއި، އެކުޅުންތެރިން މުބާރާތަށް ގައުމީ ޓީމާއެކު ހޭދަކުރާ މުއްދަތުގެ މައްޗަށެވެ. އެއީ ކްލަބްތަކުން ޔޫރޯއަށް ކުޅުންތެރިން ރިލީޒް ކުރާތީ ޔުއެފާއިން ދޭ ފައިސާއެވެ. އެކަމަށް 240 މިލިއަން ޔޫރޯ ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން މުބާރާތަށް ފައިސާ ހޯދާ ނުވަތަ ލިބޭ ދޮރުތަކާއި، އެލިބޭ ފައިސާ ހޭދަކުރާ އެހެން ކަންކަމަކީވެސް މުބާރާތާ ގުޅޭ ޝައުގުވެރި ވާހަކަތަކެވެ. ޔޫރަޕިއަން ޗެމްޕިއަންޝިޕަކީ އެމުބަރާތުން ލިބޭ ފައިސާ ޔޫރަޕްގެ ފުޓްބޯޅައިގެ ކުރިމަގަށްވެސް އިންވެސްޓް ކުރާ މުބާރާތެކެވެ.