ޚަބަރު

ކުޑަހުވަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީގެ ކެނޑިޑޭޓް ޖާދުﷲ ހަމީދު ކާމިޔާބުކޮށްފި


  • ޕީއެންސީ ކެންޑިޑޭޓު ބައި-އިލެކްޝަން ކާމިޔާބު ކުރީ 200 ވޯޓުގެ ފަރަޤަކުން

ދ. ކުޑަހުވަދޫ ކައުންސިލުގެ ރައީސް އިންތިޙާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަން ވެރިކަންކުރާ ޕީއެންސީގެ ކެނޑިޑޭޓު ޖާދުﷲ ހަމީދު ކާމިޔާބުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ހުކުރު ދުވަހު ބޭއްވި ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސާއި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރާއި ލ. ގަމު ކައުންސިލް މެންބަރު އިންތިޚާބުކުރުމަށް ބޭއްވި ބައި-އިލެކްޝަންތަކުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އާންމުކޮށްފައެވެ.

އެގޮތުން ކުޑަހުވަދޫ ކައުންސިލްގެ ރައީސްގެ ބައި-އިލެކްޝަން ޖާދުﷲ ހަމީދު ކާމިޔާބުކޮށްފައިވަނީ 200 އެއްހައި ވޯޓުގެ ތަފާތުންނެވެ. މ. މުލަކު ކައުންސިލްގެ އަންހެން މެންބަރުގެ ބައި-އިލެކްޝަން އެ ގޮނޑިއަށް އަމިއްލަގޮތުން ކުރިމަތިލި، ރީމާ ހުސެއިން ވަނީ ކާމިޔާބުކޮށްފައެވެ. ލ. ގަމު ކައުންސިލްގެ މެންބަރު ކަމުގެ ބައި-އިލެކްޝަން ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަފްސަލް ޖައުފަރުއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޖުމްލަ 13 ފޮއްޓެއް ވޯޓުލުމަށް ބަހައްޓާފައިވާ މި ބައި-އިލެކްޝަންތަކުގައި 7401 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު 10 ބައި-އިލެކްޝަނެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކައުންސިލަރުން އިންތިޚާބުކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ 2 ކޮމިޓީއަކަށް މެންބަރުން އިންތިޚާބުކުރާ ބައި-އިލެކްޝަނެކެވެ.