ދީން

ރާއްޖޭގެ ޙައްޖާޖީން ދަތުރުކުރާނެ އެއަރލައިނެއް ހޯދަނީ


މިއަހަރު ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީންގެ ވައިގެ ދަތުރުތަކުގެ އިންތިޒާމް ހަމަޖައްސައިދޭނެ ބައިނަލްއަޤްވާމީ އެއަރލައިނެއް ހޯއްދަވަމުން ގެންދަވާކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޯޕަރޭޝަނުން މިހާރުވަނީ ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރައްވާފައެވެ. ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، މި ޢިއުލާނު ކުރައްވާފައިވަނީ، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަޕޯރޓުން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގެ ކިންގ ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެމެދު ދެކޮޅު ދަތުރު ކޮށްދޭނެ ފަރާތެއް ހޯއްދެވުމަށްކަމަށެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވައިގެ ދަތުރުފަތުރު ކުރުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެއަރލައިންތަކަށް މި ފުރުޞަތު އޮންނާނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

2015 ވަނަ އަހަރު ވުޖޫދަށް އައި ޙައްޖު ކޯޕަރޭޝަނުން އެންމެ ފުރަތަމަ ޙައްޖަށް މީހުން ގެންދަވާފައިވަނީ، މިދިޔަ އަހަރުއެވެ. ރާއްޖެއިން މިދިޔަ އަހަރު 1000 މީހުން ޙައްޖަށް ދިޔައިރު، އޭގެތެރެއިން، 800 ޙައްޖާޖީން ދިޔައީ، ޙައްޖު ކޯޕަރޭޝަންގެ ފަރާތުންނެވެ. 

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން މިހާރުވަނީ އިތުރު 1000 މީހުންގެ ޙައްޖު ކޯޓާ، ރާއްޖެއަށް ދެއްވާފައެވެ. ވީމާ މިއަހަރު 2000 މީހުން ރާއްޖެއިން ޙައްޖަށް ދާނެއެވެ. ނަމަވެސް އެ ކޯޓާގެ ތެރެއިން ހައްޖު ކޯޕަރޭޝަނަށް ލިބިފައިވަނީ ކިހާ މިންވަރެއް ކަމެއް ސަރުކާރުން އަދި ހާމަކުރައްވާފައެއް ނުވެއެވެ. މިދިޔަ އަހަރުވަނީ، ޙައްޖު ކޯޕަރޭޝަނާއެކު، ހަތަރު ކުންފުންޏަކަށް ޙައްޖަށް ގެންދިއުމަށް ފުރުޞަތު ދެއްވާފައެވެ.