ޚަބަރު

ޔޫރޯ ގެނެސްދިނުމަށް ޕީއެސްއެމް އޮތީ ތައްޔާރަށް: ޒީނާ


  • ޔޫރޯ މެޗުތައް ގެނެސްދޭނެ ހަމައެކަނި ދިވެހި މީޑިއާއަކީ ޕީއެސްއެމް

  • ޔޫރޯގެ ކަވަރޭޖް ތެރެއިން ޓީމުތަކާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ލިބޭނެ

މިރޭ ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ މުބާރާތް ގެނެސްދިނުމަށް ޕީއެސްއެމް ޓީމު އޮތީ ތައްޔާރަށްކަމަށް ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ފޯރި ނަމުގައި ޕީއެސްއެމްއިން ފަށާފައިވާ ކަވަރޭޖްގެ ތެރެއިން ކުރިއަށްގެންދިޔަ ޔޫރޯ ރެލީގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ، މިދުވަސްވަރު ފުޓުބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު މިހާރު އިންތިޒާރުކުރަމުންދަނީ މިރޭ ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ މުބާރާތަށްކަމަށެވެ.

މިފަހަރުގެ ޔޫރޯ ރައްޔިތުންނަށް ދެއްކުމުގެ ބްރޯޑްކާސްޓިންގ ރައިޓްސް އޮތް މީޑިއާގެ ޙައިސިއްޔަތުން މި މުބާރާތް ރައްޔިތުންނަށް ގެނެސްދިނުމަށް ޕީއެސްއެމްގެ ޓީމު ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް ޒީނާ ވިދާޅުވިއެވެ.

"ޕީއެސްއެމްގެ ޝޯވ ތަކުގައި ޓީމުތަކާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައްވެސް ގެނެސްދޭނެ. މިފަހަރު ޕްރީ ޝޯވތައްވެސް ވަރަށް ކުރިން ފަށައިފި. އުއްމީދުކުރަނީ މިފަހަރުގެ މުބާރާތްވެސް ރައްޔިތުން ބޭނުންވާފަދަ ގޮތަކަށް ގެނެސްދެވޭކަމަށް. އަދި ޚާއްސަކޮށް ފާހަގަކޮށްލަންޖެހޭ މިފަހަރުގެ މުބާރާތަށް ޒުވާނުން ދޭ އެއްބާރުލުން." ޒީނާ ވިދާޅުވިއެވެ.

ޕީއެސްއެމްއަށް ޔޫރޯ ބްރޯޑްކާސްޓިން ރައިޓްސް ލިބުމާއެކު ވަނީ ޔޫރޯއާއި މެދު ރައްޔިތުންގެ މެދުގައި ފޯރި ގަދަކޮށް ރައްޔިތުންނާއި ގުޅިގެން މުބާރާތް ކުރިއަށްގެންދިޔުމަށްޓަކައި މަސައްކަތް ފަށާފައެވެ.

އެގޮތުން ޔޫރޯ ފޯރީގެ ނަމުގައި ޚާއްސަ ކަވަރޭޖެއް ފަށާ މިކަވަރޭޖްގެ ތެރެއިން ޔޫރޯގެ އެންމެ ފަހުގެ މަޢުލޫމާތުތައް އަންނަނީ ގެނެސްދެމުންނެވެ. މީގެ އިތުރުން ޔޫރޯ ޕްރޮމޯޓުކުރުމަށްޓަކައި ޔޫފޯރިއާގެ ނަމުގައިވަނީ ކުޑަކުދިންގެ ހަވީރެއް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާފައެވެ. މި ހަވީރަށްވެސް ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.