ކުޅިވަރު

ސްކޮޓްލެންޑާ މެދު ވަރަށް ސަމާލުވާންޖެހޭ: ނާގަލްސްމަން


  • []

"
"ސްކޮޓްލެންޑުން ކުޅެނީ ގިނަ ހުރަސްތަކެއްނަގައިގެން، އެމީހުން ވަރަށް ނުރައްކާތެރިވާނެ،"
ހޫލިއަން ނާގަލްސްމަން

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ސްކޮޓްލެންޑާ ދެކޮޅަށް ނިކުތުމުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކައިގައި ޖަރުމަނުގެ ކޯޗު، ހޫލިއަން ނާގަލްސްމަން ވަނީ، ސްކޮޓްލެންޑްގެ ކުޅުމުގެ ސްޓައިލާ ބެހޭގޮތުން ތައުރީފުކޮށްފައެވެ.

ނާގަލްސްމަން ބުނީ، ސްކޮޓްލެންޑްގެ ހުރިހާ ކުޅުންތެރިން ވެސް ކޮންމެ ބޯޅައަކަށް ގަދައަޅައި ބުރަ މަސައްކަތްތަކެއް ކުރާކަމަށާއި، އެ ޓީމުން ގިނަ ހުރަސްތަކެއްނަގައިގެން އިދިކޮޅު ޓީމުގެ ޑިފެންސަށް މައްސަލަތައް ކުރިމަތިކުރުވާކަމަށެވެ.

މި ހުރިހާ ސަބަބުތަކަށް ބަލާއިރު އެ ޓީމު ނުރައްކާތެރިވާނެ ކަމަށާއި، އެހެންކަމުން މެޗުގެ ހުރިހާ ވަގުތެއްގައި އޭނާގެ ޓީމުން އެންމެ ރަނގަޅަށް ފޯކަސްކޮށްގެން ފުރިހަމަ އަށް ތައްޔާރުވެގެން ތިބެންޖެހޭނެ ކަމަށް ނާގަލްސްމަން ވަނީ ފާހަގަކޮށްފައެވެ.
މި ފެންވަރުގެ ބޮޑު މުބާރާތެއްގައި ޕްރެޝަރާ ކުރިމަތިލާންޖެހޭނެކަމާއި، އެއީ މާބޮޑު ކަމެއް ނޫން ކަމަށް ނާގަލްސްމަން ބުންޏެވެ. އަދި ގިނަ އަދަދެއްގެ ފުޓްބޯޅަ ކުޅުންތެރިންގެ މިވަރުގެ ޕްރެޝަރުގައި ކުޅެން ބޭނުންވާނެ ކަމަށް ވެސް ނާގަލްސްމަން ވަނީ ބުނެފައެވެ.

ނާގަލްސްމަންގެ ވާހަކައިގައި ވަނީ، ޖަރުމަނު ޓީމުގެ ހުރިހާ ކުޅުންތެރިންގެ މޫނުމަތިން، އަމިއްލަ ގައުމު މޮޅުކޮށްދޭން ބޭނުންވެފައިވާ މިންވަރު ފެނިގެންދާކަމަށް ވެސް ބުނެފައެވެ. އަދި މިވަރުގެ ބޮޑު މުބާރާތެއްގައި އަމިއްލަ ގައުމު ގޮވައިގެން ނިކުތުމަކީ އޭނާ އަށް ވަރަށް ހާއްސަ އުފަލެއް ލިބިގެންދާ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

އިއްޔެ ޕްރެސްގައި ޖަރުމަނުގެ ކެޕްޓަން، އިލްކާއި ގުންޑޮގާން ބުނީ، ސްކޮޓްލެންޑްގެ ބައެއް ކުޅުންތެރިން (ޕްރިމިއާ ލީގުގައި ކުޅެފައިވާތީ) ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެ ކުޅުންތެރިން އެންމެ މަތީ ލެވެލްގައި ކުޅޭތާ އަހަރުތަކެއް ވެފައިވާކަން ފާހަގަކޮށް، ގުންޑޮގާން ބުނީ އެ ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ފަސޭހަނުވާނެ ކަމަށެވެ.

އެއްވެސް ހާލެއްގައި ސްކޮޓްލެންޑްގެ ކުޅުންތެރިން އަންޑާއެސްޓިމޭޓްކޮށްގެން ނުވާނެ ކަމަށް ވެސް ގުންޑޮގާންގެ ވާހަކައިގައި ފާހަގަކުރިއެވެ.