ކުޅިވަރު

ނަތީޖާ ދިމާކުރާ އެތް ބުރަވަނީ ޖަރުމަން މޮޅުވާނެ ކަމަށް!


ޖަރުމަނާއި ސްކޮޓްލެންޑް ވާދަކުރާ މެޗުން ޔޫރަޕިއަން ޗެމްޕިއަންޝިޕް މިރޭ ޖަރުމަނުގެ މިޔުނިކްގައި ފަށާނެއެވެ. މެޗުގެ ކުރިން މެޗުގެ އަންދާޒާ ސްކޯ ދިމާކުރުމަކީ ކުޅިވަރުގެ މުހިއްމު ބައެކެވެ. އެއީ ފުޓްބޯޅައިގައިވެސް ޝައުގުވެރި ބައެކެވެ.

ސްކޮޓްލެންޑް އަތުން ޖަރުމަނު މޮޅުވާނެ ކަމަށް ފުޓްބޯޅައިގެ ނަޒަރިއްޔާތުން ވިސްނާ ބޮޑު އިންސައްތައެއް ބުރަވެއެވެ. ސްކޮޓްލެންޑް މޮޅުވާނެ ކަމަށް ހަގީގަތުގައި ބުރަަވަނީ މަދު ބައެކެވެ. އޭގެތެރެއިންވެސް ގިނަ ބަޔަކީ ހިތާ ދެކޮޅަށް އެގޮތަށް ގަބޫލުކުރާ މީހުންނެވެ.

އިންސާނުން މެޗުގެ ނަތީޖާ ދިމާކުރަން ކުރާ މަސައްކަތަށްވުރެ ބޮޑަތި މުބާރާތްތަކުގައި ޝައުގުވެރިކަން ބޮޑީ އެއްގަމާއި ކަނޑުގެ ދިރުންތަކުން ކުރާ އެފަދަ އަންދާޒާ އެވެ. އެފަދަ ދިރުންތައް ބޭނުންކޮށްގެން ކުޅިވަރުގެ ފޯރި ގަދަކޮށް، ކުޅިވަރުގެ ވާހަކަ ދެކެވޭ މިންވަރު ބޮޑުކުރަން ކުރާ މަސައްކަތެވެ.

ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން ޖަރުމަނު މޮޅުވާނެ ކަމަށް އެފްރިކާ ދަރިފަސްކޮޅުގެ އެތެއް ނިންމި ނިންމުމަކީ މިރޭ ފަށާ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ދަނޑު ބޭރުގެ ޝައުގުވެރި އެއް ވާހަކައެވެ. ސްކޮޓްލެންޑާއި ޖަރުމަނުގެ ދިދަ ކުރިމަތީގައި ހަރުކޮށް، ބޫބީގެ ނަމުން ނަން ދީފައިވާ އެތަށް ބޯޅަ ޝޫޓް ކުރަން ފުރުޞަތު ދިނުމުން ޝޫޓްކުރީ ޖަރުމަނުގެ ދިދައާ ދިމާއަށެވެ. އެއީ މިރޭގެ މެޗުން ޖަރުމަނުން މޮޅުވާނެ ކަމަށް އެތް ނިންމީ ކަމަށް ވަނީ ކަނޑައަޅާފައެވެ. އެފްރިކާ ދަރިފަސްކޮޅުގެ އެތެއް ނަމަވެސް މެޗުގެ ނަތީޖާ އަންދާޒާކުރި އެތަކީ އިޓަލީއަށް ނިސްބަތްވާ ބާވަތުގެ އެތެކެވެ.

ބޫބީގެ ނަމުން ނަންދީފައިވާ ބާވަތުގެ އެތަކީ އެފްރިކާއަށް ނިސްބަތް ވިޔަސް ޖަރުމަނުގެ މެދުތެރޭ ސަރަހައްދުގައިވެސް އުޅޭ، ޖަރުމަނުގައި ގެންގުޅޭ އެތެކެވެ. ސްކޯ ދިމާކުރުމުގައި މިހާތަނަށް އެންމެ ބޮޑު މަގްބޫލުކަމެއް ހޯދީ 2010 ވަނަ އަހަރުގެ ވަރލްޑްކަޕްގައި އޮކްޓޮޕަސް އެވެ.