ޚަބަރު

"ޢަރަފާތު ދުވަހު، އިސްލާމީ އުންމަތް ދައްކައިދެނީ، އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރު"


  • މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫއަކީ "ޢަރަފާތް ދުވަސް"

  • މާދަމާ އަކީ އަރަފާތް ދުވަސް

  • މި ދުވަހު ހެޔޮ އަމަލުތައް އިތުރުކުރަން ވަނީ ހަނދާންކޮށްދީފައި

ޢަރަފާތު ދުވަހު، އިސްލާމީ އުންމަތް ދައްކައިދެނީ، އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރުކަމަށް މިއަދުގެ ހުކުރު ޙުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގެ މައުޟޫއަކީ "ޢަރަފާތް ދުވަސް"އެވެ.

ހުކުރު ޙުޠުބާގައި ވިދާޅުވީ ޢަރަފާތު ދުވަހު ފެނިގެންދަނީ ތަފާތު އެކި ހިސާބުތަކުން މުސްލިމުން އެއް ތަނަކަށް އެއްވާތަން ކަމަށާއި މީހުންގެ ކުލަ ތަފާތުވިޔަސް އަދި ނަސްލާއި ވާހަކަދައްކާ ބަހުރުވަ ތަފާތުނަމަވެސް އެ އެންމެން އެއްތާކަށް އެއްކުރުވަނީ އެބައިމީހުންގެ އީމާންކަން ކަމަށެވެ.

ހުކުރު ޙުޠުބާގައި ވިދާޅުވީ މުސްލިމުން ޢަރަފާތު ބިމުގައި ތިބޭ މަންޒަރަކީ ޝައުޤުވެރިކަމާއެކު، މީސްތަކުންގެ ކަޅި އެ ދިމާއަށް އަނބުރައިލެވޭ މަންޒަރެއްކަމަށެވެ. އަދި އެއީ ހިތްތަކަށް ފިނިކަމާއި އުފާވެރިކަން ގެނުވާ މަންޒަރެއް ކަމަށެވެ. އެއީ މައްކާގެ ބިމުގައި މާތްالله ލައްވައިފައިވާ ޙައްޖުގެ މަނާސިކުތައް ފުރިހަމަކުރުމާއި އެ މަތިވެރި އަޅުކަން އަދާކުރާ މަންޒަރު ފެނިގެންދާއިރު އެ ކަމުން ދައްކައިދެނީ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"ޙައްޖު ދުވަހަކީ، އަހަރުތެރޭގައިވާ އެންމެ މާތް ދުވަހެއް، އެ ދުވަހަކީ ޢަރަފާތު ދުވަހެވެ. ޙައްޖުގެ އެންމެ މަތިވެރި ރުކުން އަދާކުރާ ދުވަހެވެ. ޢަރަފާތު ބިމުގައި ޙައްޖުވެރީން އެ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ތިބޭ ދުވަހެވެ. ޙައްޖުގެ އަޅުކަމާ ބެހޭ ގޮތުން މާތް ނަބިއްޔާ ޙަދީޘްކުރައްވައިފައިވެއެވެ. "ޙައްޖަކީ ޢަރަފާތުގައި ހުރުމެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ހައްޖުދުވަހުގެ ރޯދައިގެ މާތްކަމާއި ގުޅޭގޮތުން ޚުޠުބާގައި ވިދާޅުވީ އެ ދުވަހުގެ ރޯދައިގެ ދަރުމައަކީ އިސްވެދިޔަ އަހަރުގައި ކުރެވިފައިވާ ކުދިފާފަތަކާއި ކުރިއަށް އޮތް އަހަރުގެ ކުދި ފާފަތަކުގެ ކައްފާރާއެއްކަމަށެވެ.

ހައްޖު ދުވަހު ދުޢާކުރުމާއި ޒިކުރުކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުމަށް ހަނދުމަކޮށްދީ ޚުޠުބާގައި ވިދާޅުވީ އަރަފާތު ދުވަހު ޙައްޖުވެރީން ތަވާޟުޢުވެރިކަމާއި ޚުޝޫޢަތްތެރިކަމާއި ނިކަމެތިކަން އިޙްސާސްކޮށް ގިނަގިނައިން ތަލްބިޔާގެ އަޑު އުފުލާންވާނެކަމަށެވެ.

"ޙަޔާތުގައި ކުރެވިފައިވާ ކުށްފާފަތަކަށް ވިސްނައި ފާފަފުއްސަވައިދެއްވައިތޯއާއި ނަރަކައިން މިންޖުކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކުރާން ވާނެއެވެ. މާތް ނަބިއްޔާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ޢަރަފާތު ދުވަހަށް ވުރެ ގިނައިން اللهُ تَعَالَى އެކަލާނގެ އަޅުން ނަރަކައިން މުއްތިކުރައްވާ އެހެން ދުވަހެއް ނުވެއެވެ." އެ ދުވަހު އެ ޖަމާޢަތުގައި ބައިވެރި ނުވެވޭ މީހުން ވެސް އެ ދުވަހު ގިނަގިނައި ޒިކުރުކުރުމާއި ދުޢާކުރުމާއި ރޯދަހިފުމާއި އެ ނޫން ވެސް ހެޔޮ ޢަމަލު ގިނަކުރުން ހުއްޓެވެ! އެ ދުވަހު އެ ތާނގައި ހުރުމުގެ ނަސީބު ދެއްވައިތޯ ވެސް ދުޢާކުރާށެވެ" ޚުޠުބާގައި ވިދާޅުވިއެވެ.

މާތްالله ޙައްޖުވެރީންނަށް މާތްކަން ދެއްވައިފައިވާ އިރު އެ ޖަމާޢަތުގައި ބައިވެރި ނުވެވި އަމިއްލަ ވަޒަނުގައި ތިބޭ މީހުންނަށް ވެސް އެ ދުވަހު މާތްކަން ލިބިގަތުމުގެ ގޮތުން ކުރެވިދާނެ ކަންކަން އެބަހުރިކަމަށާއި އޭގެ ތެރޭގައި، ރޯދަހިފުމުގެ އިތުރުން ޒިކުރުކުރުމާއި ދުޢާކުރުމާއި ތަކުބީރުކިޔުން ފަދަ ހެޔޮ ޢަމަލުތައް ހިމެނޭކަން ޚުތުބާގައިވަނީ ހަނދާކޮށްދެއްވާފައެވެ.