ޚަބަރު

ޔޫރޯފޯރި ސައިކަލް ބުރު މާދަމާ ހަވީރު 4 ޖަހާއިރު; ފަށާނީ ހުޅުމާލެ ސެންޓްރަލް ޕާކުން


  • ޔޫރޯފޯރި ސައިކަލް ބުރުގައި އެކި ސަރަހައްދުތަކަށް މަޑުކޮށް އާއްމުންނަށް ތަކެތިބަހާނެ

  • ސައިކަލް ބުރު ނިންމާނީ ސެންޓްރަލް ޕާކަށް

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފޯރި ގަދަކުރުމަށް ޕަބްލިކް ސަރވިސް މީޑިއާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބާއްވާ ސައިކަލް ބުރެއް މާދަމާ ހަވީރު އޮންނާނެއެވެ.

ޔޫރޯފޯރި ރެލީ ނަމުގައި ބާއްވާ މިސައިކަލް ބުރު ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 4 ޖަހާއިރު ހުޅުމާލެ ސެންޓްރަލް ޕާކުންނެވެ.

ހުޅުމާލެ ފޭސް އެކަކުން ފަށާ މިސައިކަލް ބުރު ފޭސް ދޭކަށް ދިއުމަށްފަހު ނިންމާނީ ސެންޓްރަލް ޕާކަށެވެ. މިސައިކަލް ބުރުގައި ކުރިއަށްދާއިރު އެކި ސަރަހައްދުތަކަށް މަޑުކޮށް އާއްމުންނަށް ބައެއް ތަކެތި ބެހުމަށްވަނީ ހަމަޖެހިފައެވެ.

މިމަހުގެ 14 ވަނަ ދުވަހު ފަށާ ޔޫރޯގެ މެޗުތައް ލައިވްކޮށް، ފުރިހަމަ އެޗްޑީ ކޮލިޓީގައި ބެލުންތެރިންނަށް ގެނެސްދިނުމުގެ ރައިޓްސް ޕީއެސްއެމަށް ލިބުމާ ގުޅިގެން މިމުބާރާތަކީ ރައްޔިތުންގެ ބައިވެރިވުމާއެކު ފޯރިގަދަކޮށް ކުރިއަށް ގެންދެވޭ މުބާރާތަކަށް ހެދުމަށް ތަފާތު ހަރަކާތްތައްދަނީ ހިންގަމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު "ޔޫފޯރިއާ"ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ހަވީރެއްވަނީ ބާއްވާފައެވެ. މިހަވީރަށް ގިނަ ޢަދަދެއްގެ ކުޑަކުދިން އާއިލާތަކާއެކު ގޮސްފައިވާއިރު ހަވީރަށް ބޮޑު ތަރުހީބެއްވަނީ ލިބިގެން ގޮސްފައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޚާއްސަކޮށްގެން ޕީއެސްއެމުން ޚާއްސަ ކަވަރޭޖެއް ގެނެސްދިނުމަށްވެސް ވަނީ ތައްޔާރުވެފައެވެ. މިމުބާރާތާ ގުޅޭ ހުރިހާ މަޢުލޫމާތެއް ގެނެސްދިނުމަށް ޕީއެސްއެމުން ވަނީ "ޕީއެސްއެމް ފޯރި 2024" ނަމުގައި ޚާއްސަ ކަވަރޭޖެއް ލޯންޗްކޮށްފައެވެ.

މިމުބާރާތުގައި ވާދަކުރާ ޓީމުތަކާ ކުޅުންތެރިންގެ މަޢުލޫމާތާއި މުބާރާތައް ތައްޔާރުވުމަށް ކުޅެމުންދާ މެޗްތަކުގެ ތަފްސީލް މަޢުލޫމާތު ޕީއެސްއެމްގެ ސްޕޯޓްސް އިން މިހާރުވެސް އަންނަނީ ގެނެސްދެމުންނެވެ. އަދި މިމަޢުލޫމާތު ޕީއެސްއެމް ނިއުސްގެ ވެބްސައިޓުންވެސް ފެންނަން ހުންނާނެއެވެ.

ހުކުރު ދުވަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމުން އެޗްޑީ ކޮލިޓީގައި ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޕީއެސްއެމްގެ ޓީވީއެމް އަދި ޔެސް ޓީވީން މުބާރާތުގެ މެޗުތައް ގެނެސްދޭނެއެވެ.