ކުޅިވަރު

ބެލިންހަމަށް އިނގިރޭސިންގެ އުއްމީދުތައް ހާސިލުކޮށްދެވޭނެ!


ހުކުރު ދުވަހު ޖަރުމަނުގައި ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ 2024) ފަށާއިރު މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި އިންގްލެންޑް ހިމެނުމަކީ ސުވާލެއް އޮތް ކަމެއް ނޫނެވެ. ސުވާލަކީ އިންގްލެންޑްގައި އޮތް ވަރުގަދަ ބެލެންސް ސްކޮޑާއެކު ސައުތް ގޭޓަށް އިނގިރޭސިންގެ އުއްމީދުތައް ހާސިލްކޮށްދެވިދާނެތޯ އެވެ.

ފާއިތުވި ބޮޑު ތިން މުބާރާތުގައިވެސް ކުޅުންތެރިންނަށް ބަލާއިރު އިނގިރޭސީން އޮތީ ފެވަރިޓުންގެ ލިސްޓްގެ ކުރީގައެވެ. އެކަމަކު މިދިޔަ ތިން މުބާރާތާ އަޅާބަލާއިރު ވެސް ކުރިއަށް އޮތް ޔޫރޯ މުބާރާތަކީ ހުރިހާ ގޮތަކުންވެސް އިނގިރޭސިންނާ މެދު ކުރެވޭ އުއްމީދު ބޮޑު މުބާރާތެކެވެ. އޭގެތެރެއިން އެއް ސަބަބަކީ ޖޫޑް ބެލިންގހަމް އެވެ.

ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑާ ގުޅި ފުރަތަމަ ސީޒަންގައި އޭނާ ދެއްކި ތަފާތުގެ ސަބަބުންނެވެ. 15 ވަނަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑް ހޯދުމުގައި ބެލިންގހަމް އަދާކުރި ދައުރުގެ ސަބަބުންނެވެ. ލަލީގާ ކާމިޔާބުކުރަން މެދުތެރެއިން ކުޅެ ޖެހި ގޯލްތަކާއި، ލަނޑު ޖަހަން ތަނަވަސްކޮށްދިން ފުރުޞަތު ތަކުގެ ސަބަބުންނެވެ.

ލީގުގައި ކުޅުނު ފުރަތަމަ ސީޒަންގައިވެސް އެލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާވެސް އެކު ބެލިންގހަމް ހުރީ އިނގިރޭސި ޓީމް ކޮނޑު އަޅައިގެން އެހެން ކުޅުންތެރިންނާއެކު ތަށި ހޯދުމަށް ފައްކާވެފައެވެ. އެކަމަށް ބާރުދެނީ ކުރިއަށް އޮތް ޔޫރޯ މުބާރާތަށްފަހު ކުޅުން ހުއްޓާލާ މިޑްފީލްޑަރ ޓޯނީ ކްރޫޒް އެވެ. ރެއާލްގައި ބެލިންގހަމްއާއެކު މެދުތެރޭގައި ތަފާތު ދެއްކި ކްރޫޒް ގަބުލުކުރާ ގޮތުގައި އިނގިރޭސިންގެ އުއްމިދުތައް ހަގީގަތަކަށް ހަދައިދޭން ބެލިންގހަމް ހުރީ ފައްކާވެފައެވެ.

"
އޭނާ އަކީ ޕްރެޝަރ ހެންޑްލް ކުރެވޭ ވަރުގެ ކުޅުންތެރިއެއް. އޭނާ (ބެލިންގހަމް) ގެ އުމުރުން އަދި އެންމެ 20 އަހަރު، އެކަމަކު އެއީ އެއްވެސް މައްސަލައެއް ނޫން.
ޓޯނީ ކްރޫސް - ޖަރުމަނު މިޑްފީލްޑަރ

ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމަށްފަހު ބެލިންގހަމް އަންނަނީ އިނގިރޭސި ޓީމާއެކު ފަރިތަކުރަމުންނެވެ. ބެލިންގހަމްގެ އިތުރުން މެންޗެސްޓަރ ސިޓީގެ ފިލް ފޮޑެން ހުރުމަކީވެސް އިނގިރޭސި ޓީމާމެދު އޮތް އިތުބާރު ބޮޑުވާ ސަބަބެކެވެ. ފޮޑެން އަކީ މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާއެވެ. މެދުތެރެއިން ކުޅެ ލަނޑު ޖަހާ ލަނޑު ޖަހަން އެހީވެދިނެވެ. ނިމިގެން ދިޔައީ ޒުވާން ދެ މިޑްފީލްޑަރުންގެވެސް އެންމެ ރަނގަޅު ސީޒަނެވެ. އެހެންކަމުން އެ ދެ ކުޅުންތެރިންނާއެކު އިނގިރޭސިންނަށް އޮތީ އުއްމިދުގެ މައްޗަށް އޮތް އުއްމީދެވެ.