ޚަބަރު

ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރަން ބޭނުންވާ މުހިއްމު ބިލްތަކާއެކު ލެޖިސްލޭޓިވް އެޖެންޑާ ޢާއްމުކޮށްފި


  • މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި 73 ބިލެއް ސަރުކާރުން ހުށައަޅާނެ

  • ޖުމްލަ 213 ބިލް ހިމެނޭއިރު މުޅިން އަލަށް 78 ބިލެއްވަނީ ހިމަނާފައި

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ނޭޝަނަލް ޕްލޭނިންގ ޤާނޫނުގެ ބިލާއެކު މުޅިން އަލަށް ޖުމްލަ 76 ބިލެއް ހިމެނޭހެން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ޢާއްމުކޮށްފިއެވެ.

2023 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތް 5 އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޤަސްދުކުރާ ބިލުތައް އެކުލެވޭ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ޖުމްލަ 213 ބިލެއް ހިމެނެއެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ޢާއްމުކުރައްވާ ވާހަކަފުޅުދައްކަވަމުން، ދައުލަތުގެ ބަންޑާރަ ނައިބު އަޙްމަދު ޢުޝާމް ވިދާޅުވީ މިއެޖެންޑާ އެކުލަވާލުމުގައި 6 ދާއިރާއަކާ ގުޅޭ ގޮތުން ބިލްތައް ހިމެނުމަށް އިސްކަންދެއްވާފައިވާނެ ކަމަށެވެ.

އޭގެތެރޭގައި ޤާނޫން އަސާސީގެ ދަށުން އެކުލަވާލަންޖެހޭ ބިލުތަކާއި، ޤާނޫން އަސާސީއާ ތަޢާރުޟުވުމުގެ ސަބަބުން އިސްލާހް ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ޤާނޫންތަކާ ގުޅޭ ބިލުތަކާއި، ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ހިންގުމުގައި ޤާނޫނެއް ހެދިފައި ނެތް އެހެންނަމަވެސް ކޮންމެހެން ޤާނޫނަކުން ބާރުލިބި ދޭންޖެހޭ ކަންކަމާ ގުޅޭ ބިލްތައް ހިމެނޭކަމަށެވެ. އަދި މިހާރު އަމަލުކުރަމުންދާ ޤާނޫންތަކުގެ ތެރެއިން ޤާނޫން ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އިސްލާހް ގެންނަންޖެހޭ ޤާނޫންތަކާ ގުޅޭ ބިލްތަކާއި، މިހާރު އަމަލުކުރަމުންދާ ޤާނޫންތަކުގެ ތެރެއިން ޤާނޫން ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އިސްލާހް ގެންނަންޖެހޭ ޤާނޫންތަކުގެ ބިލްތަކާއި، ޒަމާނާ ނުގުޅޭތީ އިސްލާހް ކުރަންޖެހޭ ނުވަތަ އުވާލަންޖެހޭ ޤާނޫންތަކާ ގުޅޭގޮތުން އެކުލަވާލަން ޖެހޭ ބިލްތަކުގެ އިތުރުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ދިވެހިރާއްޖޭގައި ޢަމަލުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫންތަކާ ގުޅޭ ބިލްތައް ހިމެނޭ ކަމަށް އުޝާމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކުރިއަށް އޮތް 20 އަހަރުގެ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ބޭނުންވާ ނޭޝަނަލް ޕްލޭނިންގ ޤާނޫނުގެ ބިލްވެސް މިއެޖެންޑާގައި ހިމަނާފައިވެއެވެ. މި ޤާނޫނުގެ އެންމެ މުހިއްމު ބޭނުމަކީ ސަރުކާރުތައް ބަދަލުވީނަމަވެސް ބުރަ މަސައްކަތްކޮށްގެން އެކުލަވާލާ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ބަދަލު ނުގެނެވޭ ގޮތް ހައްދަވާ ޤާނޫނީ ބާރުވެރިކަން އެޕްލޭނަށް ދެއްވުން ކަމަށް ސަރުކާރުންވަނީ ކުރިން ވިދާޅުވެފައެވެ.

އެޖެންޑާއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ބަންޑާރަ ނައިބު އަޙްމަދު ޢުޝާމް ވިދާޅުވީ އެޖެންޑާގައި ޖުމްލަ 213 ބިލް ހިމެނޭ އިރު މީގެތެރެއިން 78 ބިލަކީ މުޅިން އަލަށް އެކުލަވާލާ ބިލްތައްކަމަށެވެ.

"މުޅިން އަލަށް 78 ބިލް ހިމެނޭއިރު، އިސްލާޙުކުރަން ނުވަތަ އުވާލަންޖެހޭ 135 ބިލެއް މިއެޖެންޑާގައި ހިމެނިފައިވާނެ. ޖުމްލަ 15 މައުޟޫއަކަށް މިލެޖިސްލޭޓިވް އެޖެންޑާ އެކުލަވާލާފައިވަނީ." އުޝާމް ވިދާޅުވިއެވެ.

ދުސްތޫރީ އަދި ޤާނޫނީ ކަންކަމާއި، ދައުލަތް ހިންގުމާއި ގުޅޭ ދާއިރާއާއި، ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ޙައްގުތަކާއި މިނިވަންކަމާއި ގުޅޭ ދާއިރާއާއި، އިސްލާމްދީނާއި ޤައުމިއްޔަތާއި ގުޅޭ ދާއިރާއާއި، ޤައުމީ ސަލާމަތާއި ޚާރިޖީކަންކަމާއި ގުޅޭ ދާއިރާއާއި، ކޮރަޕްޝަނާއި ކުށްކުރުން ހުއްޓުވުމުގެ ދާއިރާއާއި، ޢާއިލާ އަދި މުޖުތަމަޢުގެ ކަންކަމާއި ގުޅޭ ދާއިރާއާއި، ސިއްޙަތާއި ދުޅަހެޔޮކަމާއި ގުޅޭ ދާއިރާއާއި، ތިމާވެށި ރައްކާތެރިކުރުމާއި ގުޅޭ ދާއިރާއާއި، ވިޔަފާރި އާއި އިޤްތިޞާދާއި ގުޅޭ ދާއިރާއާއި، ފައިސާ އަދި މާލީ ކަންކަމާއި ގުޅޭ ދާއިރާއާއި ބިމާއި މުދަލާއި ޢުމްރާނީ ތަރައްޤީގެ ދާއިރާއާއި ތަޢުލީމާއި މަސައްކަތްތެރިކަމާއި ގުޅޭ ދާއިރާގެ އިތުރުން ޒަމާނާއި ނުގުޅޭތީ އުވާލަންޖެހޭ ބިލްތަކުގެ ދާއިރާ މިއެޖެންޑާގައި ހިމެނެއެވެ.