ޚަބަރު

ދެ ބްރޭންޑެއްގެ ކާބޯތަކެތި ވިއްކުން މަނާކޮށްފި


ރާއްޖޭގެ ބާޒާރުގައި ވިއްކަމުން އަންނަ "ޒީޝާން" ބްރޭންޑުގެ މަސްމިރުހާއި، "މިސްޓާ ބްރެޑްޒް" ބްރޭންޑްގެ ބޭކަރީ އުފެއްދުންތައް ވިއްކުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން މިއަދު މިކަމާ ބެހޭގޮތުން ނެރުއްވި ނޫސް ބަޔާނެއްގައި ވަނީ އެ ދެ ބްރޭންޑުގެ އުފެއްދުންތަކަކީ ކަމާ ބެހޭ އިދާރާތަކުން ހުއްދަ ނުހޯދައި ގަވާއިދާ ހިލާފަށް ވިއްކަމުން ގެންދާ ތަކެތި ކަމަށެވެ. އަދި އެ ތަކެތި އުފައްދާ ތަންތަނަކީ އާންމު ސާފުތާހިރުކަން ދަށްވުމުގެ ސަބަބުން ކާބޯތަކެތި އުފެއްދުމަށް އެކަށީގެންވާ ތަންތަން ނޫން ކަމަށް ވެސް އެ ނޫސްބަޔާނުގައިވެއެވެ.

މި ކާބޯތަކެތި ބޭނުންކުރުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނޭދެވޭ އަސަރު ކުރުވައި އަދި ކާބޯތަކެތީގެ ޒަރީއާ އިން ބައްޔެއް ފެތުރޭ ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމަކަށްވާތީ އެ ދެ ބްރޭންޑުގެ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެއް ކަމުގައި ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވަނީ އަންގަވާފައެވެ. މި ދެ ބްރޭންޑްގެ ކާބޯތަކެތި ބޭނުން ނުކުރުމަށް ވެސް އެ އޮތޯރިޓީ އިން ވަނީ އިލްތިމާސްކުރައްވާފައެވެ.