ޚަބަރު

އަޟްހާ ޢީދުގެ ހަރަކާތްތައް ފަށާނީ "ވެދުމާ ދިޔުން" ހަރަކާތާއެކު


  • މާލެ ސަރަައްދުގެ ޢީދު ހަރަކާތް ހަރަކާތް ކުރިއަށް ދާނީ ޖޫން 15، 16 އަދި 17 ވަނަ ދުވަހު

  • މިފަހަރު ޢީދު ޝޯ އޮންނާނީ ސޯޝަލް ސެންޓަރުގައި

މިއަހަރުގެ އަޟްހާ ޢީދުގެ ހަރަކާތްތައް ފަށާނީ ދިއުމުގެ ހަރަކާތަކާއެކުކަމަށް ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ)އިން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސްއިން މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެރޭ 9:00 ޖަހާއިރުއެވެ.

"ވެދުމާ ދިޔުން" އަކީ އިހުގެ ކާބަފައިން އެއިރެއްގައި އެރަށެއްގެ ވެރިއަކަށް ހުންނަ ބޭފުޅެއްގެ އަރިހަށް އީދުގެ ކުޅިވަރުތައް ކުރިއަށްގެންދިއުމުގެ ހުއްދައަށް އެދި ދެންނެވުމަށް ދާދިޔުމަކަށް ކިޔޭ ނަމެކެވެ.

އަޟްހާ ޢީދުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ ގޮތާއި ގުޅޭގޮތުން، އެންސީއޭގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރ އިބްރާހީމް މަމްދޫހު ވިދާޅުވީ މި ހަރަކާތް ރޭވިފައިވަނީ ވީހާވެސް ބޮޑަށް ކުރީ ޒަމާނުގައި އެކަން ކޮށް އުޅުނުގޮތަށް ބަލައި އެގޮތަށް ކަމަށެވެ.

"ވެދުމާއި ދިއުމުގެ ހަރަކާތުގެ ތެރޭގައި ލޮންސި އައްޑަނަ ފަދަ އާލަތްތައް ބޭނުންކުރާނެ. އަޅުގަނޑުމެން އެންމެ ސަޤާފީ ގޮތަށް ދިވެހި ހެދުމުގައި، އެންމެ ކުރީ ޒަމާނުގައި މިކަން ކުރި ގޮތަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ދިރާސާކޮށްގެން ބަލައިގެން ކުރިއަށް މިގެންދަނީ" މަމްދޫހު ވިދާޅުވިއެވެ.

ބޮޑު އީދުގެ ހަރަކާތްތައް 3 ދުވަހުގެ މުއްދަތައް ކުރިއަށްދާއިރު މި ހުރިހާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައެވެ.

އީދު ދުވަހު 11 ހަރަކާތްތަކެއް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ހެނދުނު 7:00 ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމާއި، ހެނދުނު 8:00 ގައި މަޖީދީމަގުގައި އީދު ސައެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އީދު ދުވަހުގެ ހަވީރު 16:00 ގައި މާލޭގެ 8 ސަރަހައްދެއްގައި ސަގާފީ ކުޅިވަރުތައް ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކުގެ ތެރޭގައި ކޯޑި ކެނޑުމާއި، ބޮޑުމަށް ނެރުމާއި، ބޮޑު ބެރުގެ ހަރަކާތުގެ އިތުރުން ލަނގިރި ޖެހުން ފަދަ ހަރަކާތްތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން އޮލިމްޕަސް ސަރަހައްދުގައި ފަންނާނުންގެ ކުރެހުމުގެ ހަރަކާތެއް ކުރިއަށްދާނެއެވެ. އަދި ރޭގަނޑު 21:00 ގައި ސޯޝަލް ސެންޓަރުގައި ފަންނާނުންގެ ސްޓޭޖް ޝޯއެއް ބާއްވާނެ ކަމަށް އެންސީއޭއިން ވިދާޅުވެއެވެ.

މީގެއިތުރުން 17 ޖޫން 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި އާޓިފިޝަލް ބީޗުގައި އަދި ރަސްފަންނުގައި ފެންކުޅި ކުޅުމަށް ހަމަޖެހިފައިވާކަމަށް އެންސީއޭއިން ވިދާޅުވެއެވެ.

މާލެ ސަރަހައްދުގައި މިފަހަރު ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތައް ރޭވިފައިވާއިރު، ފިޠުރު ޢީދާއި އެއްގޮތައް ރާއްޖެއާއި މާލެ ސަރަހައްދު ޢީދު އަލިން ދިއްލާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިހާރުވެސް ޢީދު ލައިޓުތައް އެކި ސަރަހައްދުގައި ހަރުކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.