ޚަބަރު

ޢީދުގެ ބޮޑު ޖަމާޢަތް މާލެ ސަރަހައްދުގެ 6 ތަނެއްގައި


  • 28 މިސްކިތެއްގައިވެސް ޢީދު ނަމާދުކުރުން ކުރިއަށްދާނެ

މާލެ ސަރަހައްދުގެ 6 ތަނެއްގައި މި ފަހަރު އަޟްހާ ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން ނޫސްވެެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ އަންވަރު ހަސަން ވިދާޅުވީ، އަޟްހާ ޢީދު ބޮޑު ޖަމާޢަތް 6 ސަރަހައްދެއްގައި އޮންނައިރު މާލެ ސަރަހައްދުގެ 28 މިސްކިތެއްގައިވެސް ޢީދު ނަމާދުކުރުން ކުރިއަށްދާނެ ކަމަށެވެ.

"ގްރޭޓަރ މާލެ ސަރަހައްދުގައި ބޮޑު ޖަމާޢަތުގައި ނަމާދުކުރުމުގެ އިންތިޒާމުތައް މިނިސްޓްރީގެ ފަރާތުން މިހާރުވަނީ ކުރެވިފަ. އެކަމުގައި މާލޭގައި 28 މިސްކިތެއްގެ އިތުރުން ބޮޑު 6 ޖަމާޢަތެއްގައި ޢީދު ނަމާދުކުރުން އޮންނާނެ. ބޮޑު ޖަމާޢަތްތައް ހުރިތަންތަނުގެ ތެރޭގައި ސަލްމާން މިސްކިތް، އިސްލާމީ މަރުކަޒު، މާފަންނު ސްޓޭޑިއަމް، ވިލިމާލެ ބޯޅަ ދަނޑު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ބޮޑު ޖަމާޢަތުގެ އޮންނާނެ " ސްޓޭޓް މިނިސްޓަރ އަންވަރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ވަނީ ބޮޑު ޖަމަޢާތަށް ދާ ފަރާތްތަކުން ގެއިން ތައްޔާރުވެގެން ދިއުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ގޮނޑީގައި ނަމާދު ކުރާ ފަރާތެއް ނަމަ ގޮނޑި ހިފައިގެން ދިއުމަށްވެސް މިނިސްޓްރީން އިލްތިމާސް ކުރައްވައެވެ.

މީގެއިތުރުން އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ވަނީ، ވިއްސާރަވެއްޖެނަމަ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން ނޯންނާނެކަމަށެވެ. އަދި އެ ހާލަތުގައި ހުކުރުކުރާ މިސްކިތްތަކުގައި ޢީދު ނަމާދު ކުރިއަށްދާނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.