ކޯޗު އިޓަލީގެ ފްރެންޗެސްކޯ ކަލްޒޯނާ އަކީ ކުރިން ވިޔަފާރީގެ ތެރޭގައި އުޅުނު މީހެކެވެ. ސްލޮވާކިޔާގެ ގައުމީ ކޯޗު ކަމަކީ ގައުމީ ޓީމެއްގައި އޭނާ ކުރާ ފުރަތަމަ ތަޖުރިބާ އެވެ. އިޓަލީގެ ނަޕޯލީގައި ހުރެފައި އޭނާ ގައުމީ ޓީމާ ހަވާލުވެ ވަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ހާސިލްކޮށްފަ އެވެ. ޔޫރޯ ކޮލިފައިންގައި ކުޅުނު އަށް މެޗުގެ ތެރެއިން އޭނާގެ ޓީމު ބަލިވީ އެންމެ ދެ މެޗުންނެވެ. އެވެސް ޕޯޗުގަލް އަތުން އެކަންޏެވެ. މިހެންވެ ކަލްޒޯނާގެ ޓީމާމެދު ގިނަ ބަޔަކު ދެކެނީ ވަރަށް އުއްމީދީ ނަޒަރަކުންނެވެ.
ސްލޮވާކިޔާ އަކީ ކުރީގެ ޗެކްސްލޮވާކިޔާ އެވެ. ފުޓްބޯޅައިގެ މުއްސަނދި ތާރީހެއް އެ ގައުމުގައި އެބައޮތެވެ. އެއީ އިހުގައި ވަރުގަދަ ޓީމެއް އޮވެ ޔޫރަޕުގައި ރަނގަޅު ވާދައެއް ކޮށްފައިވާ ޓީމެކެވެ. ނަމަވެސް އޭރުގެ ޖީލަށް ނިމުން އައިސް ސްލޮވާކިޔާގެ ފުޓްބޯޅަ އަށް އިރުނާރާތާ އަހަރުތަކެއްވެއްޖެ އެވެ. އެކަން ބަދަލު ކުރަން ނުކުންނަ މިހާރުގެ ޓީމުގެ ގިނަ ކުޅުންތެރިން ކުޅެނީ ޖަރުމަނާއި އިޓަލީގެ ލީގުގަ އެވެ. މީގެ އިތުރުން ތުރުކީ އާއި ޑެންމާކް އަދި އެމެރިކާ ލީގުގައި ވެސް ބައެއް ކުޅުންތެރިން ކުޅެ އެވެ.
މި ޓީމުގެ ގޯލްކީޕަރަކީ ނިއުކާސަލް ޔުނައިޓެޑްގެ ކީޕަރު މާޓިން ޑުބްރަވްކާ އެވެ. އޭނާ ގައުމީ ޓީމަށް 43 މެޗު ކުޅެދީފައިވާއިރު ވާދަވެރިއަކަށް ހުރީ ފުލްމް އަށް ކުޅޭ މަރެކް ރޮޑަކް އެކަންޏެވެ. މީގެ ތެރެއިން ކޯޗު އިސްކަންދޭނީ ޑުބްރަވްކާ އަށެވެ. ސަބަބަކީ އޭނާގެ ތަޖުރިބާ އެވެ.
ފަހަތަށް ބަލާއިރު ހާތާ ބާލިންގެ ޕީޓަ ޕެކަރިކާއި އިޓަލޫގެ ކަގްލިއާރީގެ އާދަމް އޯބާޓް އާއި ފޭނޫޑްގެ ޑޭވިޑް ހަންކޯ އަކީ މޮޅު ކުޅުންތެރިންނެވެ. ނަމަވެސް ނަގާނިޔާނީ ކެޕްޓަން މިލާން ސްކްރިނިއާ އެވެ. ފްރާންސްގެ ޕީއެސްޖީއަށް މިހާރު ކުޅެމުން އަންނަ ޑިފެންޑަރަކީ އިޓަލީގެ އިންޓަމިލާނުގައި ގިނަ ދުވަސްތަކެއްވަންދެން މޮޅަށް ޑިފެންސްކުރި، ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ވެސް ފާރަލަމުން އަންނަ ކުޅުންތެރިއެކެވެ. ހާއްސަކޮށް ބޮލުން ޖެހުމާއި ހިލޭ ޖެހުންތަކުގައި ވެސް އޭނާ އަކީ ފާހަގަކޮށްލެވޭ އަދި ގޯލު ޖަހަން ފަރިތަ ކުޅުންތެރިއެކެވެ.
މެދަށް ބަލާއިރު ޗެކް ރިޕަބްލިކްގައި ކުޅެމުން އަންނަ ތޯމަސް ރިގޯ އާއި ޖަރުމަނުގެ ހަމްބާގުގައި ކުޅެމުން އަންނަ ލާސްކޯ ބެނާސް އާއި އިޓަލީގެ ނަޕޯލީ އަށް ކުޅޭ ސްޓަނިސްލާވް ލޮބޮޓްކާ އަކީ ޓީމުގެ މުހިންމު ކުޅުންތެރިންނެވެ. އެޓޭކިން ލައިން އަޕް ނުވަތަ ފޯވަޑް ލައިނަށް ބަލާއިރު ހެލަސް ވެރޯނާގެ ތޯމަސް ސުސްލާވް އާއި ފޭނޫޑްގެ ލިއޯ ސުއާ އާއި ސްލާވިއާ ޕްރާގްގެ އިވާން އަކީ ލިބޭ ފުރުސަތުތައް ގިނަ ފަހަރު ނިންމާލާނެ ކުޅުންތެރިން.
ނަމަވެސް ސްކޮވާކިޔާގެ މީޑިޔާތަކުން އަމާޒުކުރާ އެންމެ ބޮޑު ފާޑުކިއުމަކީ ޓީމު މާބޮޑަށް ދިފާއީ ކުޅުމެއް ކުޅޭ ކަމެކެވެ. ތިބި ކުޅުންތެރިންނަށް ބަލާއިރު ސްލޮވާކިޔާ އަކީ އެޓޭކިން ފުޓްބޯޅައަކަށް އިސްކަންދީފިނަމަ މާފަސޭހައިން ނަތީޖާ ނެރެ ބެލުންތެރިން ބަލާހިތްވާ ކުޅުމެއް ކުޅޭނެ ޓީމެއް ކަމަށް ސަޕޯޓަރުން ދެކެ އެވެ.
ނަމަވެސް ކޯޗު ކަލްޒޯނާގެ ވިސްނުން ތަފާތެވެ. އޭނާ ދެކޭ ގޮތުގައި ޓީމުގައި އޮތީ ރަނގަޅު ފައުންޑޭޝަނެކެވެ. މިހެންވެ އަވަސް އަރުވާނުލައި ޓީމު ހެޔޮގޮތުގައި ގެންގުޅުމުން ފަހުން ކުރާ ފައިދާ ބޮޑުވާނެ އެވެ.