ސްލޮވީނިއާ އަކީ ޔޫރަޕުގެ ކުޑަކުޑް ގައުމެކެވެ. ފުޓްބޯޅައިގެ ޕޫލް ވެސް އެހާ ބޮޑެއްނޫނެވެ. ނަމަވެސް އެމީހުންގެ މައި ފުށަކީ ޔޫގޯސްލާވިޔާ ކަމުން ފުޓްބޯޅަގެ ހުނަރާއި ލޯބި އެމީހުގެ ހަށީގައި އިންތިހާ އަށް އެބަހުއްޓެވެ. ސްލޮވީނިއާ އަކީ ޔޫގޯސްލާވިޔާ އަތުން މިނިވަންކަން ލިބުނު ގައުމެކެވެ. ގާތްގަނޑަކަށް ދެ މިލިއަން މީހުން ދިރިއުޅޭ ގައުމަކީ ދެހާހުގެ ކުރީކޮޅު ޔޫރޯގައި ރަނގަޅު ވާދައެއްކުރި ޓީމެކެވެ. ނަމަވެސް ލަޓްކޯ ޒަހޮވިޗްގެ ޒަމާނަށް ފަހު ދެން ފެނިގެންދިޔައީ ފުޓްބޯޅައިގެ ހަރީފު މޫސުމެކެވެ. މިއީ 2000 ވަނަ އަހަރަށް ފަހު އެ ގައުމުން ޔޫރޯގައި ކުޅޭ ފުރަތަމަ ފަހަރެވެ.
މި ފަހަރުގެ ޔޫރޯ އަށް ސްލޮވީނިއާ ކޮލިފައިވީ ޑެންމާކާ ޕޮއިންޓްގެ ގޮތުން ހަމަހަމަވެގެންނެވެ. ގްރޫޕުގެ ކުރި ސްލޮވީނިއާ އަށް ގެއްލުނީ ޑެންމާކް އަތުން ބަލިވުމުންނެވެ.
ސްލޮވީނިއާގެ ގިނަ ކުޅުންތެރިން ކުޅެނީ ޔޫރަޕުގެ ދަށް ޑިވިޝަންތަކުގަ އެވެ. ނަމަވެސް އެއްވަނަ ކީޕަރު އަދި ކެޕްޓަން ޖޭން އޮބްލަކް އަކީ ޔޫރަޕުގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކީޕަރެކެވެ. އޭނާ ކުޅެނީ ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑަށެވެ. ގައުމީ ޓީމަށް މިހާޔަނަށް ވަނީ 65 މެޗު ކުޅެދީފަ އެވެ. އޭނާގެ ހުނަރާއި ކުޅަދާނަ ކަމަކީ މުޅި ދުނިޔެ ހެކިވަމުންދާ ކަމެކެވެ.
ޓީމުގެ ދިފާއަށް ބަލާއިރު ގިނައީ އިޓާލިއަން ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. މުޅި ޓީމުގައި އިޓާލިއަން ލީގުގައި ކުޅޭ ފަސް ކުޅުންތެރިއަކު ތިބިއިރު އިނގިރޭސި ޕްރެމިއާ ލީގުގައި ކުޅޭ އެންމެ ކުޅުންތެރިއަކު ވެސް މި ޓީމުގައި ނެތެވެ. މިކަމުން ދައްކައިދެނީ ޔޫރަޕުގެ ގަދަ ލީގުތަކަށް ސްލޮވީނިއާ ކުޅުންތެރިން މާކެޓް ކުރަންޖެހިފައިވާ ކަމެވެ. ޔޫރޯ އަށް ކޮލިފައިވި ޓީމަކީ ޒުވާން ވަރަށް ހުނަރުވެރި ޓީމެވެ.
ސްލޮވީނިއާ ޓީމުގެ އެންމެ ވިދުން ގަދަ އެއް ޑިޕާޓްމަންޓަކީ ޓީމުގެ ފޯވަޑް ލައިނެވެ. ބެންޖަމިން ސެސެކޯ އަކީ ޔޫރަޕުގެ ކުލަބުތަކުން އޭނާގެ ހިދުމަތަށް އެދިއެދިހުރި ކުޅުންތެރިއެކެވެ. ޖަރުމަނުގެ ލައިޕްޒިގަށް ކުޅެމުން އަންނަ ކުޅުންތެރިޔާ ވަނީ މިހާތަނަށް 29 މެޗު ކުޅެދީ 11 ގޯލު ޖަހައިފަ އެވެ. ހުސްވެދިޔަ ފުޓްބޯޅަ ސީޒަނުގައި ވެސް އޭނާގެ ވިދުން ރަނގަޅެވެ. އިޓަލީގެ ޕިސާ އަށް ކުޅެމުން އަން ޔާން އެމް އަކީ ވެސް ޒުވާން ހުނަރުވެރި ފޯވަޑެވެ. އަދި ފްރާންސްގެ ބޯޑޯ އަށް ކުޅެމުން ޒޭން ވިޕޮންޓިކަކީ ވެސް ގައުމީ ޖާޒީގައި އަބަދުވެސް މޮޅަށް ކުޅޭ ކުޅުންތެރިއެކެވެ.
ގިނަ ކޯޗުންގެ ނަޒަރުގައި ސްލޮވީނިއާ އަކީ އޯލްޑް ސްކޫލް މެތަޑްގެ ފުޓްބޯޅަ ޓީމެކެވެ. ސަބަބަކީ އެމީހުން ކުޅޭ ފޯމޭޝަނަކީ އަބަދުވެސް 4-4-2 ކަމުގައިވުމެވެ. މައިގަނޑު ގޮތެއްގައި ދިފާއަށް އިސްކަންދީގެން ކުޅޭއިރު މަތިން ދިގު ބޯޅަތަކަށް އިސްކަން ދިނުމަކީ ވެސް ކޮލިފައިންގައި އެމީހުންގެ ފުށުން ވަރަށް ގިނައިން ފެނިފައިވާ ކުޅުމެކެވެ. އަދި އެޓޭކިން ސްޓައިލަށް ބަލާއިރު ދެ އަރިމަތިން ފަހަތާއި ކުރިއަށް ވެސް އެއްވަރަކަށް ކުޅޭ ކުޅުންތެރިންނަށް ކޯޗު ދަނީ އިސްކަންދެމުންނެވެ. ކޯޗު ކެކް ބުނީ ސްލޮވީނިއާ އަކީ މީސްކޮޅު މަދު އަދި މާވަރުގަދަ ފުޓްބޯޅަ ކުލަބުތަކަކާއި ލީގެއް ނެތް ބަޔަކަށް ވިޔަސް ޔޫރޯ ފަދަ މުބާރާތެއްގައި އެހެން ޓީމުތައް ސިހުން ގެނުވިދާނެ ޓީމެއް ކަމަށެވެ.