ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާޙައުލަށް ތައްޔާރުކުރުމަށް ޚާއްޞަ ތަމްރީނެއް


  • ޕްރޮގްރާމް ހިންގާނީ ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ކެއަރ ސޮސައިޓީއާ ގުޅިގެން

  • މަސައްކަތުގެ މާޙައުލުގެ މިންގަނޑުތަކާ އަޚްލާގު ކިޔައިދޭނެ

  • ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދޭނެ

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާޙައުލަށް ތައްޔާރުކުރުމަށް، ތަމްރީންދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެއެވެ.

މި މަސައްކަތަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ކެއަރ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް އެ ވުޒާރާއާއި ކެއަރ ސޮސައިޓީއާއި ދެމެދު ވަނީ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ.

ޢިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒަރާއިން ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އެ ވުޒާރާގެ ދަފްތަރުގައި ވަޒީފާގެ ފުރުޞަތު ހޯދުމަށް އެދިފައިވާ މީހުންގެތެރެއިން ވަޒީފާއަށް ހޮވިފައިވާ މީހުންނަށްކަމަށެވެ. ދެމަސް ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، މަސައްކަތަށް ބޭނުންވާ އެކި ހުނަރުތައް ދަސްކޮށްދެވޭނެއެވެ. އެގޮތުން މަސައްކަތުގެ މާޙައުލުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާ އަޚްލާގު ކިޔައިދޭނެއެވެ. އަދި މަސައްކަތުގެ މާޙައުލުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ޢަމަލުކުރާނެ ގޮތްތަކުގެ މަޢުލޫމާތު ދޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވާ، މަސައްކަތުގެ މާޙައުލަށް ނެރުމުގެ މައިގަނޑު އެއް މަޤްޞަދަކީ އެމީހުންގެ ފަރާތުން އެހެން މީހުން ހިތްވަރު ލިބިގަނެ، ކޮންމެ މީހަކީވެސް މުޖުތަމަޢުގައި ބޭނުންތެރި މީހަކަށް ހެދުންތަކަށް ޢިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ކުރިއަށް އޮތް ތަނުގައި އިތުރު އެހެން މުއައްސަސާތަކާއި ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ފަހި ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފަހި މާޙައުލެއް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އެއް ކަމަކީ، މަސައްކަތުގެ މާޙައުލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން އުޅެވޭނެ ފަހި މާޙައުލަކަމަށް ހެދުމަށް އިމާރާތްތައް ބިނާކުރާ ގޮތަށް ބަދަލުގެނައުމުގެ އުސޫލެއް ކަނޑައެޅުމަށް ނިންމި ނިންމުމެވެ. އަދި މިހާރު ހުރި އޮފީސްތަކުގައިވެސް ބަދަލުގެނެވެސް ހުރި އޮފީސްތަކުގައި އެ ބަދަލު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.