ކުޅިވަރު

އަނިޔާގެ ސަބަބުން ލެވަންޑޯސްކީއަށް ޔޫރޯގެ ފުރަތަމަ މެޗު ގެއްލިއްޖެ


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޮލަންޑު ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމުގެ ކެޕްޓަން ރޮބަޓް ލެވަންޑޮސްކީއަށް ނުކުޅެވޭނެކަން އެ ޓީމުގެ މެޑިކަލް ޑޮކްޓަރުން ބުނެފިއެވެ.

ލެވަންޑޮސްކީއަށް ނުކުޅެވެނީ މުބާރާތުގެ ކުރިން ތުރުކީއާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އަނިޔާވުމުގެ ސަބަބުންނެވެ. މެޗަށްފަހު ހެދި ޓެސްޓުތަކުން ލެވަންޑޮސްކީ ފިޓުވާން ދުވަސްކޮޅެއް ނަގާނެކަމަށް ޑޮކްޓަރުން ބުނެއެވެ. އެހެންކަމުން ޔަގީންކަމާއެކު އޭނާއަށް ފުރަތަމަ މެޗު ނުކުޅެވޭނެކަން ވަނީ ޔަގީންކޮށްދީފައެވެ.

ތުރުކީއާއި ދެކޮޅަށް ކުޅުނު މެޗުގައި ލެވަންޑޮސްކީ ބަދަލުކޮށްފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. ޔޫރޯގެ ފުރަތަމަ މެޗުގައި ޕޮލަންޑު ބައްދަލުކުރާނީ ނެދަލަންޑްސް އާއެވެ. މި މެޗުގައި ލެވަންޑޮސްކީއަށް ނުކުޅެވުމަކީ މުޅި ޓީމަށް ލިބުނު ދެރައެއް ކަމަށާއި ނަމަވެސް އެކަތިގަނޑެއްގެ ގޮތުގައި މުޅި ޓީމު ކުރިމަތިލައިފި ނަމަ ނަތީޖާ ނެރެވޭނެކަމަށް ޕޮލަންޑުގެ ކޯޗު ގަބޫލުކުރެއެވެ.

ތުރުކީ އާ ދެކޮޅަށް ކުޅުނު މި މެޗުގައި އަނިޔާވެފައިވަނީ ލެވަންޑޯސްކީގެ ފަލަމަސްގަނޑަށް ކަމަށް އެ ޓީމުން ބުނެފައިވެއެވެ. އެ ޓީމުން ބުނެފައިވަނީ ލެވަންޑޯސްކީ އަށް ކުޅެވޭނީ މުބާރާތުގެ ދެވަނަ މެޗުން ފަށައިގެން ކަމަށެވެ. އެއީ ޕޮލެންޑުން އޮސްޓްރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. ނަމަވެސް ދެވަނަ މެޗު ގެއްލުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ. ދެވަނަ މެޗަށް އަނިޔާ ރަނގަޅުވި ނަމަވެސް މުޅިން ފިޓުވާނެ ދުވަހެއް ނޭނގެއެވެ.

ޕޮލަންޑް ހިމެނެނީ ގްރޫޕް ޑީގައެވެ. ގްރޫޕް ޑީގައި ޕޮލަންޑް އާއެކު ދެން ހިމެނެނީ ނެދަލަންޑްސް އާއި އޮސްޓްރިއާގެ އިތުރުން ފްރާންސެވެ.

މި މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޮލެންޑްގެ ފުރަތަމަ މެޗުގައި އެ ޓީމުން މި މަހުގެ 16 ވަނަ ދުވަހު ނިކުންނާނީ ނެދަލަންޑްސް އާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ޕޮލެންޑުން މި މަހުގެ 21 ވަނަ ދުވަހު އޮސްޓްރިއާ އާއި ދެކޮޅަށް ނިކުންނައިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ 25 ވަނަ ދުވަހު ޕޮލަންޑް އިން ނިކުންނާނީ ފްރާންސް އާ ދެކޮޅަށެވެ.