ޚަބަރު

ޢަރަފާތް ދުވަސް؛ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަސް


  • އަރަފާތް ދުވަހަކީ އެތައް މިލިއަން މުސްލިމުން އެބިމުގައި މުޅި ދުވަސް ހޭދަކުރާ ދުވަސް

  • އަރަފާތް ދުވަހަކީ މުސްލިމުންގެ ހަމަހަމަކަން ދައްކުވައިދޭ ދުވަސް

  • ޙައްޖު ދުވަހުގެ އިރުއޮއްސުމުގެ ކުރިން ޢަރަފާތު ބިމަށް ނުވަދެވޭ މީހާއަށް ޙައްޖު ނުލިބޭނެ

މާތްﷲގެ ޙަޟްރަތުގައި ރޭތަކުގެ ތެރެއިން އެންމެ މާތް ރެއަކީ، ލައިލަތުލް ޤަދުރި ވިލޭރޭކަމުގައި ލެއްވި ފަދައިން، ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ، ޢަރަފާތް ދުވަސް ނުވަތަ ޙައްޖުދުވަހެވެ. މިދުވަހަކީ އެތައް ގޮތަކުން ބަރަކާތްތެރި ދުވަހެކެވެ.

މިއަދަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނާ މެދު އެންމެ ބޮޑަށް ފަޚުރުވެރިވެވޮޑިގަންނަވާ ދުވަހެވެ. އެކަލާނގެ ހަނދުމަކޮށް ފުއްސެވުމާއި ދިންނެވުން ހޯދުމަށް އެތައް މިލިއަން މުސްލިމުން ޢަރަފާތު ބިމުގައި މުޅި ދުވަސް ހޭދަކުރާ ދުވަހެވެ. މިއަދަކީ، ވެރިއެއް، މުއްސަންޖެއް، ފަޤީރެއް އާދައިގެ މީހެއް ތަފާތުކުރުމެއް ނުވާ މުސްލިމުންގެ ހަމަހަމަކަން ދައްކުވައިދޭ ދުވަހެވެ.

މިއަދަކީ މާތްﷲ އެންމެ ގިނަ މީސްތަކުން ނަރަކައިން މުއްތި ކުރައްވާ ދުވަސްކަމުގައިވަނީ ލައްވަވާފައެވެ. އަދި މީސްތަކުންގެ މުހުތާދުތައް ފުއްދަވާ، ދުޢާ އިޖާބަކުރައްވާ މަތިވެރި ދުވަހެއްގެ ގޮތުގައި އެކަލާނގެ ޢަރަފާތް ދުވަސް ލެއްވެވިއެވެ. މީގެއިތުރުން ޢަރަފާތް ދުވަހަކީ މާތްﷲގެ ދީން ފުރިހަމަކުރެއްވިކަން ޢިއުލާންކުރެއްވުނު ދުވަހެވެ. މުޅި އިސްލާމީ އުންމަތަށް ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް މަތިވެރި ވަޞިއްޔަތްޕުޅު ދޫކޮށްލެއްވި ދުވަހެވެ.

މިދުވަހުގެ މުހިންމުކަން ބަޔާންކުރައްވާ ކީރިތި ރަސޫލާގެ ޙަދީޘެއްގެ މާނައިގައިވެއެވެ. "ޙައްޖަކީ ޢަރަފާތެވެ." އެހެންކަމުން މިއަދުގެ އިރުއޮއްސުމުގެ ކުރިން ޢަރަފާތު ބިމަށް ނުވަދެވުނު މީހާއަށް ޙައްޖު ނުލިބޭނެއެވެ.

ޙައްޖު ދުވަހު ޢަރަފާތުގައި ޙައްޖާޖީން މާތްﷲގެ ރުއްސެވުމާއި ފުއްސެވުން އެދި އަޅުކަމުގައި ވަގުތު ހޭދަކުރަމުންދާއިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ޙައްޖަށް ނުދެވޭ މުސްލިމުން ރޯދަ ހިފުމާއި، ޤުރުއާން ކިޔެވުމާއި، ފާފަފުއްސެވުން އެދި ދުޢާކުރުމާއި، ޒިކުރުކުރުންމަތީ ދެމިތިބެއެވެ. މާތްﷲގެ ރަޙުމަތަށް އެދިގެން އެދުވަހު ޞަދަޤާތްކުރެއެވެ. އިސްލާމީ އުންމަތަށް އަންނަ އެންމެ ބަރަކާތްތެރި މިދުވަހުގެ ރަޙުމަތް ލިބިގަނެ އެމީހެއްގެ އީމާންކަން ވަރުގަދަކުރުމަށް ހުރިހާ މުސްލިމުން މިއަދު ގަދައަޅައި މަސައްކަތް ކުރެއެވެ.

ޙައްޖަކީ އެންމެމާތް އަޅުކަމުގެ ތެރެއިން ހިމެނޭ، އަދި اللهއަށް ކުއްތަންވުމުގެ ގޮތުން އަދާކުރެވޭ މަތިވެރިއަޅުކަމެކެވެ. އެއީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން 5 ވަނަ ރުކުނެވެ. ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކަށް އުމުރުން އެއްފަހަރު ކުރުން ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. ޝަރުޢުގައި ޙައްޖަކީ ވަކިދުވަސްވަރެއްގައި، ވަކިގޮތްތަކެއްގެ މަތީން، އަދާކުރެވޭ އަޅުކަމެއް އަދާކުރުމަށްޓަކައި، ކަޢުބަތުﷲ ގެފުޅަށް ގޮސް، ގެފުޅު ވަށައިގެން ޠަވާފުކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާ ދެމެދު ސަޢުޔުކުރުމާއި ޙައްޖުމަހުގެ 9 ވަނަދުވަހު ޢަރަފާތު ބިމުގައި މަޑުކުރުމާއި އެ ދުވަހުގެ ރޭ މަޣުރިބް ނަމާދާއި ޢިޝާ ނަމާދަށްފަހު މުޒްދަލިފާގައި ވަގުތުހޭދަކޮށް، އެއަށްފަހު މިނާގައި އެރޭގެ މެންދަމުގެ ބައެއްގައި ވަގުތު ހޭދަކުރުން ހިމެނޭ އަޅުކަމެކެވެ.