ދުނިޔެ

ބަޣްދާދުގައި ބޮމެއް ގޮއްވާލުމުން 50 މީހުން މަރުވެއްޖެ


އިރާޤުގެ ވެރިރަށް ބަޣްދާދުގެ ޞަދްރު ސިޓީގައި ކާރު ބޮމެއް ގޮއްވާލުމުގެ ސަބަބުން 50 މީހުން މަރުވެ، 100 އަށްވުރެ ގިނަމީހުން ޒަޚަމްވެއްޖެއެވެ.

މި ކާރުބޮން ގޮއްވާލާފައިވަނީ ބަޣްދާދުގެ ޝީޢީންގެ އަޣްލަބިއްޔަތު އޮންނަ ޞަދްރު ސިޓީގެ ބާޒާރެއްގައި ކަމަށާ އެއީ މީހަކު އަމިއްލައަށް މަރުވެގެން ދިން ޙަމަލާއެއް ކަމަށް އިރާޤުގެ އަމަނާބެހޭ ފަރާތްތަކުން ބުނެއެވެ. ގިނަ ޢަދަދަކަށް އަންހެނުން މަރުވި މި ޓެރަރިސްޓް ޙަމަލާގެ ޒިންމާ އުފުލާފައިވަނީ ޙައްދުފަހަނަޅާފައިވާ އައިއެސް ޖަމާޢަތުންނެވެ. 

އައިއެސްގެ ނޫސް އެޖެންސީ "އަލްއަޢްމާޤް" އިން ބުނީ ޞަދްރު ސިޓީގެ ބާޒާރަށްދިން ކާރުބޮމުގެ ޙަމަލާއަކީ އެޖަމާޢަތުގެ ޙަމަލާއެއް ކަމަށާ އެ ޙަމަލާގެ މަޤްޞަދު ޙާސިލް ވެފައިވާ ކަމަށެވެ. ޞަދްރު ސިޓީގައި މިދިޔަ ފެބްރުއަރީ މަހުވެސް މިބާވަތުގެ ބޮމުގެ 2 ޙަމަލާއެއްދީ އެތައް ބަޔަކު މަރާލާފައިވެއެވެ. އެ 2 ޙަމަލާގެ ޒިންމާވެސް އުފުލާފައިވަނީ ޙައްދު ފަހަނަޅާފައިވާ އައިއެސް ޖަމާޢަތުންނެވެ.