މިއަހަރު ދިވެހި ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އައިސްތިބި ދިވެހި ޙައްޖާޖީން މިނާއަށް ދިއުމަށް މިރޭ ދަތުރުފަށާނެއެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރާ 1100 އަށްވުރެ ގިނަ މީހުން މިނާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އެކަމަށް ޚާއްސަކޮށްފައިވާ ބަސްތަކުގައެވެ.
ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު މައްކާގައި ތިބިއިރު ޙައްޖުވެރިން މިނާއަށް ފުރުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ. ޙައްޖުވެރިން މިނާއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބަސްތަކުގައި ބައިބަޔަށް ބަހާލައިގެންނެވެ. މިނާ އަރަފާތުގައި ދިވެހި ޙައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ތަންތަނުގައި މިހާރު ވަނީ ޓެންޓް ޖަހާ އޭސީ ހަރުކޮށްފައެވެ.
ދިވެހި ޙައްޖުވެރިން މަޝާއިރުތަކަށް ތައްޔާރުކުުރުމުގެ ގޮތުން މިފަހަރުގެ ޙައްޖުގައި ބައިވެރިވެވަޑައިގަންނަވާ ޝެއިޚުންގެ ޓީމުން އަންނަނީ ދީނީ ހޭލުން ތެރިކަން އިތުރުކޮށް ޙައްޖާ ގުޅޭ މަޢުލޫމާތުތައް ހިއްސާކުރައްވަމުންނެވެ. މީގެ އިތުރުން މިނާ އަރަފާތުގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ދިނުމުގެ ގޮތުން ޙައްޖު ކޯޕަރޭޝަނުން ވަނީ އެތަންތަނުގައި ބަލި މީހުންނަށް ކޮންމެހެން ބޭނުންވާ ސާމާނު ހޯއްދަވައިދެއްވާފައެވެ. އަދި މިނާގައި ދިވެހިންނަށް ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމާއި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ތައްޔާރުވެފައިވެއެވެ.
ޙައްޖުގެ މަޝާއިރުތަކަށް ދިވެހި ޙައްޖުވެރިން ތިބީ ފުރިހަމައަށް ތައްޔާރަށް ކަމަށް ޙައްޖުވެރިން ފާހަގަކުރެއެވެ. އަދި ޙައްޖުވެރިންނަށްޓަކައި ޙައްޖު ކޯޕަރޭޝަނުން ހަމަޖައްސާފައިވާ އިންތިޒާމްތަކާ މެދު ހިތްހަމަޖެހޭކަން ޙައްޖުވެރިން ފާހަގަކުރެއެވެ.
މިއަހަރުގެ ޙައްޖުދުވަސް ނުވަތަ އަރަފާތު ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ. އެހެންކަމުން މިރޭ މިނާއަށް ދިއުމަށްފަހު ޙައްޖުވެރިން އަރަފާތު ބިމަށް ހޮނިހިރު ދުވަހު ދާނެއެވެ. އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާވެސް އެނބުރި ދާން ޖެހެނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11،12 އަދި 13 ވަނަ ދުވަސްވެސް ހޭދަކުރަނީ މިނާގައެވެ.
ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ އެންމެހާ ކަންކަން ބެލެހެއްޓުމުގައި އެހީތެރިންގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ޚާއްސަގޮތެއްގައި މިއަހަރުގެ އަރަފާތު ދުވަހަކީ ހޫނުގަދަ
ދުވަހަކަށް ވުމުން އެތެރެހަށީގެ ޚާއްސަ ޑޮކްޓަރަކާއެކު 5 ޑޮކްޓަރުންނާއި 6 ނަރުހުން ހަރަކާތްތެރިވެއެވެ.