ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް "ފަލަސްތީނާއެކު ދިވެހީން" ނަމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ޓެލެތޯނަށް އާދަޔާ ޚިލާފު ބޮޑު ތަރުހީބެއް ލިބިެއްޖެއެވެ. ޓެލެތޯން ކުރިއަށްގެންދިޔައީ ބުދަ ދުވަހު ހެނދުނު 8 އިން މެންދަމު 12 އަށެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ބޭއްވި ޚާއްސަ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބެހެއްޓިއެވެ. މީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައިވެސް ފޮށިތައް ބެހެއްޓިއެވެ. އަދި އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމުވެސް ވަނީހަމަޖައްސާފައެވެ. މިހާރު ދަނީ ފައިސާ ގުނުމުގެ މަސައްކަތެވެ.
މި ޓެލެތޯނާ ގުޅޭގޮތުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ ޓެލެތޯންގެ ކަވަރޭޖު މިވަގުތު ނިންމާލިނަމަވެސް، ބުރާސްފަތި ދުވަހުގެ އިރުއޮއްސި 06:00އާއި ހަމައަށް އޮންލައިންކޮށް ފައިސާ ޖަމާކުރުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. އެގޮތަށް ހަމަޖެއްސީ އަދިވެސް ފައިސާ ޖަމާކުރަން ބޭނުންވާ އެތައް ބަޔަކު ތިބުމާއި ގުޅިގެން ގިނަ ބައެއްގެ އެދުމުގެ މަތީންކަމަށް ޒީނާ ވިދާޅުވިއެވެ.
މި ޓެލެތޯނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުން، ވަޒީރުން، ސަރުކާރާއި އަމިއްލަ ކުންފުނިތައް، ޚާއްޞަކޮށް ޢާންމު ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މި ޓެލެތޯން ފަށްޓަވައި ދެއްވައި ވިދާޅުވީ، ފަލަސްތީނުގައި ހިނގަމުންދަނީ ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މައްސަލައެއް ނޫން ކަމަށާއި މިއީ މުޅި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ކަމެއް ކަމަށެވެ. އަދި މުސްލިމުންނަށް ދިމާވާ މިފަދަ ކަންކަމުގައި މުޅި އުއްމަތް ޝާމިލްވާންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއީ ފަލަސްތީނާއި އިސްރާއީލާ ދެމެދުގެ މައްސަލައެއްކަމުގައި ބަލައިގެން އަޅުގަނޑުމެންނަށް ލޯމަރާލައިގެން ތިބެގެން ނުވާނެ. މިއީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެވެސް ޒިންމާއެއް، މަސްއޫލިއްޔަތެއްކަމުގައި ބަލަން ޖެހޭ. ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދިނުން. ދީލަތިކަމުގެ އިންތިހާއަށް ދާންޖެހޭ ކަމެއް މިއީ. އަޅުގަނޑުމެންނަށް ﷲ ނިޢުމަތް ދެއްވަނީ އެ ނިޢުމަތް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށްޓަކައި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް ފަސޭހައިން އޮންލައިންކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.
މި ޓެލެތޯނަށް ލިބޭ ފައިސާގެ ހުރިހާ ކަމެއް ކުރިއަށްގެންދަނީ މިނިވަން އޮޑިޓަރެއްގެ ގޮތުގައި "ކްރޯ މޯލްޑިވްސް އެލްއެލްބީ" ބެލުމުގެ ދަށުންނެވެ.
މި ޓެލެތޯނުން ލިބޭ ހުރިހާ ފައިސާއެއް ފަލަސްޠީނަށް ދިނުމަށް ހަމަޖެހިފައިވަނީ ދިވެހި ޚާރިޖިއްޔާ މެދުވެރިވެ، ފަލަސްޠީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް "އަންރުވާ" މެދުވެރިކޮށެވެ.