ވެނެޒުއެލާއަށް ޖޫން މަހު އައި ބާރުގަދަ ދެ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 6,125 އަށް އުފުލިއްޖެއެވެ. ޖޫން 24 ވަނަ ދުވަހު އައި ބިންހެލުންތައް ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.2 އަދި 7.5 ގައެވެ. އެ ހާދިސާތަކުގައި ގިނަ ޢަދަދެއްގެ އިމާރާތްތައް ވެއްޓި، ބިނާރާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ބިންހެލުންތަކުގައި މަރުވި މީހުންގެ ޢަދަދު 6,125 އަށް އުފުލިފައިވާ ކަން ހާމަކުރެއްވީ، ޤާނޫނުހަދާ މަޖިލީހުގެ ރައީސް ޚޮރްޚޭ ރޮދްރީގޭޒްއެވެ.
ބިންހެލުމުގައި ލިބިފައިވާ ގެއްލުންތަކުގެ މަޢުލޫމާތު ޙިއްޞާ ކުރައްވަމުން ރޮދްރީގޭޒް ވިދާޅުވީ، ވެއްޓުނު އިމާރާތްތަކުގެ ސަބަބުން އަނިޔާވި 61,000 އަށްވުރެ ގިނަ މީހަކަށް، ހަސްފަތާލުތަކުގައި އެޑްމިޓު ކޮށްގެން ފަރުވާ ދީފައިވާ ކަމުގައެވެ. އަދި، ވެއްޓުނު އިމާރާތްތަކާއި ބިނާރަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އުފެދިފައިވާ ގައު ކުނޑި ސާފު ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، މިހާތަނަށް ސާފުކުރެވިފައި ވަނީ އެންމެ %16.5 ކަމުގައި އޭނާ ވިދާޅުވިއެވެ.
ބިންހެލުމާ ގުޅިގެން ޙާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރާއި އިދާރާތަކުން ލަސްވުމުގެ ޝަކުވާއާއި ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅު ކުރަމުންނެވެ. އެ ތުހުމަތުތަކަށް ރައްދު ދެއްވަމުން، ރައީސް ކަމުގެ މަޤާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދަވާ ދެލްސީ ރޮދްރީގޭޒް ވަނީ، ބިންހެލުމަށް އިޖާބަދިނުމުގައި ސަރުކާރާއި އިދާރާތަކުން އަމަލު ކޮށްފައިވާ ގޮތް ދިފާޢު ކުރައްވާފައެވެ. ނަމަވެސް، ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވި އެތައް ހާސް ބަޔަކު ސަލާމަތް ކުރުމަށް ސަރުކާރުގެ އިދާރާތަކާއި ސިފައިންނާއި ފުލުހުން އިހުމާލުވެ، އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޮޑެތި ލަސްތަކެއް ހުރި ކަމުގައި ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު އަދިވެސް ދަނީ ޝަކުވާ އުފުލަމުންނެވެ.