ކުޅިވަރު

ޕޮލަންޑް: އަދިވެސް ބަރޯސާވަނީ ލެވަންޑޯސްކީއަށް


އެންމެ ފަހުގެ ވޯލްޑްކަޕުގައި އާޖެންޓީނާ އާއި މެކްސިކޯ އަދި ސައޫދީ އަރަބިއާ ހިމެނުނު ގްރޫޕުން ދެ ވަނަ ބުރަށް ހޮވުމުން އެއީ ކާމިޔާބީއެއް ކަމަށް ޕޮލެންޑުން ސިފަކުރި އެވެ. ނަމަވެސް ފްރާންސް އަތުން ބަލިވެ ކެޓުމާއެކު ޕޮލެންޑް މުބާރާތުގައި ދެއްކީ މާ ދިފާއީ ކުޅުމެއް ކަމަށް ބުނެ ފާޑުކިއުންތައް އޮހިގަތެވެ. އެއަށްފަހު މި ފަހަރުގެ ޔޫރޯ ކޮލިފައިންގައި ވެސް ދެއްކީ ދަށް ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން ޕޮލެންޑްވީ މިފަހަރުގެ ޔޫރޯ އަށް އެންމެ ފަހުން ކޮލިފައިވި ގައުމަށެވެ. އެމީހުން ކޮލިފައިވީ ޕްލޭއޯފް ކުޅެގެން ވޭލްސް ބަލިކޮށްގެންނެވެ. ޕޮލެންޑަކީ ޔޫރޯގައި އެންމެ ދަށް އެއް ނަތީޖާ ނެރުނު އެއް ގައުމެވެ. ގްރޫޕް އީގައި އެމީހުން ދިޔައީ އަލްބޭނިޔާ އާއި ޗެކްރިޕަބްލިކްގެ ފަހަތުން ތިން ވަނަ އަށެވެ. ޕްލޭއޯފް ކުޅެން ޖެހުނީ މިހެންވެ އެވެ. ނަމަވެސް ޕޮލެންޑް ކޮލިފައިވުމުން އެކަމާ މަލާމާތްކުރި އެކަކު ވެސް ނެތް ކަހަލަ އެވެ. މީގެ ސަބަބަކީ ޕޮލެންޑްކީ ޔޫރަޕުގެ ފުޓްބޯޅައިގެ ވަރުގަދަ ނަމކަށްވެފައި އެމީހުން ނުލައި ޔޫރޯ ފަދަ ބޮޑު މުބާރާތެއް ފަޅުނުލިފާނެކަމަށްދެކޭތީ އެވެ.

ނަމަވެސް ޕޮލެންޑް ޓީމަކީ މިފަދައިން ވާންޖެހޭ ޓީމެއްނޫނެވެ. އެ ޓީމުގައި ޔޫރަޕުގެ ނަން މަޝްހޫރު ޓީމުތަކުގައި ނަގާކިޔާ ކުޅުންތެރިން އެބަތިއްބެވެ. ހަގީގަތަށް ބުނާނަމަ ޕޮލެންޑްގެ ގިނަ ކުޅުންތެރިންނަކީ ޔޫރަޕުގައި ކުޅޭ ތަރިން ތަކެކެވެ. އެންމެ ގިނަ ކުޅުންތެރިން ކުޅެނީ އިޓަލީ ލީގުގަ އެވެ. ގޯލްކީޕަރު ޝިޒެސްނީ އަކީ އިޓަލީގެ ޔުވަންޓަސްގެ ކީޕަރެވެ. ޕިއޮޓް ޒިއެލެންސްކީ އަކީ އިޓަލީގެ ނަޕޯލީގެ މިޑްފީލްޑަރެވެ. ނިކޮލާ ޒެލެންސްކީ ކުޅެނީ އިޓަލީގެ ރޯމާ އަށެވެ. ޓީމުގެ އެންމެ މަޝްހޫރު ކުޅުންތެރިއަކީ ފޯވަޑް އަދި ކެޕްޓަން ރޮބަޓް ލެވޮންޑޯސްކީ އެވެ. އޭނާ ކުޅެނީ ސްޕޭނުގެ ބާސެލޯނާ އަށެވެ. ނަމަވެސް ކުލަބު ލެވެލްގައި ޖަހާ ގޯލު ގައުމީ ޓީމުގައި ހާއްސަކޮށް ބޮޑު މުބާރާތެއްގައި އޭނާ އަށް ނުޖެހޭތީވެ ލެވޮންންޑޯސްކީއާމެދު ސަޕޯޓަރުން ކުރަނީ ހަމައެކަނި ފަނޑު އުއްމީދެކެވެ.

ފުޓްބޯޅައިގައި ޕޮލެންޑްގެ ވަނަމަކީ ދަ ވައިޓް ރެޑްސް އެވެ. މިއީ ޕޮލެންޑްގެ ރަސްމީ ސިފައިންގެ ޔުނީފޯމަށް ނިސްބަތްކޮށްކިޔާ ނަމެއްވެސްމެ އެވެ. ޓީމުގެ ޖާޒީ ތައްޔާރު ކުރުމުގައި އެންމެ ފުރަތަމަ ބަލާފައިވަނީ ސިފައިންގެ ޔުނީފޯމަށެވެ. ހުދުކުލަ އެމީހުންގެ އެއްވަނަ ކުލަކަމުގައި ހަދާފައިވަނީ ވެސް މިހެންވެ އެވެ.

ޕޮލެންޑް ޓީމުގެ ސްޓައިލަކީ ފަހަތުގައި ތިބުމެވެ. ކިތަންމެ ގިނައިރަކު ވެސް ފަގަތުގައި ތިބުމެވެ. ބޭނުނަމީ އިދިކޮޅު ކުޅުންތެރިން އެމީހުންގެ ޕެނަލްޓީ އޭރިތާ ތެރެއަށް ގެނައުމެވެ. އެއަށްފަހު އަވަސް ކުއްލި ހަމަލާއެއްދީ ކުރީގައި ތިބި ދެ ފޯވަޑުންގެ ބޭނުން ހިފުމެވެ. މިއީ ގަދަ ޓީމުތަކުގެ ކުރިމަތީގައި ކާމިޔާބު ފޯމިއުލާއަކަށް ނުވިޔަސް ކޯޗު ބޮޑަށް އިސްކަންދެނީ މި ކުޅުމަށެވެ. އޭނާ ދެކޭ ގޮތުގައި ޕޮލެންޑަކީ ކުރިއާއި ފަހަތް އަދި މެދުތެރެ އާއި ކީޕަރަށް ބަލާއިރު ވެސް ހަމަހަމަ ޓީމެކެވެ. މިހެންވެ ވިސްނުންތެރިކަމާއެކު ކުޅެގެންފިނަމަ ރޭވުންތައް ކާމިޔާބުވާނެ އެވެ. އެކަމަކު ކޯޗު އެއްބަސްވާ ކަމެއް އެބައޮތެވެ. އޭނާގެ މިޑްފީލްޑަރުންގެ ފޯމު އަވަސް އަވަހަށް ކަޓާކަމެވެ. ޓީމަށް ނަތީޖާ ނުނެރެވިދަނީ މިހެންވެ ކަމަށް އޭނާ ނިންމަ އެވެ.