17 މިލިއަން މީހުންގެ އާބާދީ އެއް އޮތް ނެދަލޭންޑްސްގެ އަމާޒަކީ މި ފަހަރުގެ ޔޫރޯގެ ތައްޓެވެ. ނަމަވެސް މެދުތެރެ އަށް ކުޅޭ ބާސެލޯނާގެ ޑިފެންޑަރު ފްރޭންކީ ޑިޔޮންގަށް ނުކުޅެވުމަކީ އެމީހުންގެ އުއްމީދު ފަނުފުލުން ދިއުން ފަދަ ކަމެކެވެ. ސަބަބަކީ އޭނާ ފަދަ ދެވަނަ ކުޅުންތެރިއަކު ނެދަލޭންޑްސްގެ މެދުތެރެއަށް ނުހޯދޭނެތީ އެވެ. ނަމަވެސް ޒަވީ ސިމޮން ފަދަ ޒުވާން ކުޅުންތެރިން ލީޑަރޝިޕް ނަގައިފިނަމަ ނެދަލޭންޑްސްގެ އުއްމީދުތަކުގައި ދިރުމެއްވުން ގާތެވެ.
ކޯޗު ރޮނަލްޑް ކޫމަން ކުޅުންތެރިންނަށް މިހާރު ވިސްނައިދެމުން އަންނަނީ ނެދަލޭންސްގައި ފުޓްބޯޅައިގެ މުހިންމު ތާރީހެއް އޮތް ކަމެވެ. އެއީ އިހުގައި ޔޫރަޕުގެ އެންމެ ވަރުގަދަ އެއް ޓީމުކަމެވެ. 1988 ވަނަ އަހަރުގެ ޔޫރަޕުގެ ޗެމްޕިއަން ޓީމުކަމެވެ. މިކަންކަން ވިސްނައިދިނަސް ފަހުގެ ތާރީހުން ފެންނަން އޮތީ އެތައް ރަންޖީލެއް ފާއިތުވެދިޔައިރު ވެސް އެމީހުންނަށް 88ގެ ފަހުން އެމީހުންނަށް ތައްޓެއް ހޯދިފައިނުވާ ކަމެވެ. ފަހުގެ ތާރީހެއްގައި ނެދަލޭންޑްސް ކުޅުނު ހަމައެކަނި ފައިނަލަކީ ވެސް 2010 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލެވެ. އެކަމަކު ސްޕޭން އަތުން ބަލިވީ އެވެ.
ނެދަލޭންޑްސް ލީގަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ލީގެކެވެ. ހާއްސަކޮށް ދެކުނު އެމެރިކާ ކުޅުންތެރިން ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް ދިއުމުގެ ދަތުރުގެ ޓްރާންސިޓް މަންޒިލަކީ ވަރަށް ގިނަ ފަހަރު ނެދަލޭންޑްސްގެ ކުލަބުތަކަށް ކަމަށްވެ އެވެ. ނެދަލޭންޑްސްގެ ޕީއެސްވީ އާއި އަޔެކްސް އަކީ އެންމެ ފާހަގަކޮށްލެވޭ ދެ ކުލަބެވެ. ބްރެޒިލްގެ މަޝްހޫރު ރޮނާލްޑޯ އާއި ރޮމާރިއޯ ސްޕޭނުގެ ބާސެލޯނާ އަށް ކުޅެން ބަދަލުވީ ޕީއެސްވީގައި މޮޅަށް ކުޅެ، ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
ނެދަލޭންޑްސް ޓީމު މަޝްހޫރު ވެފައިވަނީ އޮރެންޖްގެ ނަމުންނެވެ. ޓީމުގެ ޖާޒީއާ ވެސް މި ނަމާ ގުޅުވަ އެވެ. މިއީ އެ ގައުމުގެ ރަސްމީ ކުލަވެސްމެ އެވެ. ޓީމުގެ ގިނަ ކުޅުންތެރިންނަކީ ޔޫރަޕުގެ އެންމެ ގަދަ ކުލަބުތަކަށް ކުޅޭ ކުޅުންތެރިންނެވެ. ޓީމުގެ ކެޕްޓަނަކީ ލިވަޕޫލްގެ ވެސް ކެޕްޓަންކަން ކުރަމުން އަންނަ އިތުބާރު ޑިފެންޑަރު ވާޖިލް ވެންޑައިކެވެ. އޭނާގެ ކުރީގެ ފޯމަށް އައިސްފައިވާއިރު ވެންޑައިކްގެ އެންމެ ހާއްސަ ސިފައަކީ އޭނާގެ ލީޑަރޝިޕްގެ ވަރުގަދަކަމެވެ. އޭނާ އަށް އެހީވުމަށް ފަހތުގައި ތިބި ބަޔާން މިއުނިކްގެ މަތިއަސް ޑިލިޓާއި މެންޗެސްޓާ ސިޓީގެ ނަތަން އާކް ފަދަ ކުޅުންތެރިންނަކީ ޔޫރަޕުގައި ވިދާލާ ކުޅުންތެރިންނެވެ. ނަމަވެސް ޑިލިޓް އިޓަލީގެ ޔުވެންޓަސްއިން ބަޔާނަށް ދިޔައިރު އޭނާ އަށް އަދިވެސް ޑިފެންސް ކުރަން ދަސްނުވާކަމުގެ ވާހަކަ މީޑިޔާގައި ވަރަށް ގަދަ އެވެ.
އަނެއްކޮޅުން އެންމެ ފަހުގެ ވޯލްޑްކަޕުގައި މޮޅަށް ކުޅުނު ނަމަވެސް ފޯވަޑް ކޯޑީ ގަޕޯ އަށް ކުލަބު ލެވެލްގައި އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ. އޭނާގެ ޕާޓްނަރަކަށް ކުޅެމުން އަންނަ މެންފިސް ޑިޕާއީ އަކީ ވެސް ބޮޑު މުބާރާތެއްގައި ލީޑްކުރި ފޯވަޑެއްނޫނެވެ. މިއީ ވެސް ތައްޓާ ހަމައަށް ދިއުމަށް ނެދަލޭންޑްސް އަށް ހުރި ގޮންޖެހުމެކެވެ.
މިހެންވެ ޓީމުގެ ސްޓައިލް ކަނޑައެޅުމަކީ ވެސް ކޯޗު ކޫމަން އަށް ފަސޭހަ ކަމަކަށްނުވި އެވެ. ކޮލިފައިންގައި އޭނާ ވަނީ ތަފާތު ތިން ފޯމޭޝަނަކަށް ޓީމު ލައްވައި ކުޅުވައިފަ އެވެ. މިއީ ޔޫރަޕުގެ ގަދަ ލީގުތަކުގައި ކުޅޭ މޮޅު ކުޅުންތެރިން ކިތަންމެ ބައިވަރު ޓީމުގައި ތިއްބަސް ޔޫރޯ އަށް ނުކުންނައިރު ޓީމު ސެޓްނުވާކަމުގެ އަލާމާތެއް ކަމަށް ތަޖުރިބާކާރުން ސިފަކުރެ އެވެ.