ކުޅިވަރު

އިޓަލީ: މުޅިން ބަދަލުވެއްޖެ، އެންމެ ބޮޑު މައްސަލައަކީ ފޯވާޑް ލައިން


އިޓަލީ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ބްރޭންޑެކެވެ. ވޯލްޑްކަޕް ހަތަރު ފަހަރު ކާމިޔާބު ކުރިއިރު މި ފަހަރުގެ ޔޫރޯ އަށް ނުކުންނަނީ ތަށި ދިފާއު ކުރުމަށެވެ. ނަމަވެސް ރޮބާޓޯ މަންޗިނީ އަށް ފަހު އިޓަލީގެ ޓީމު ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. މިހާރުގެ ކޯޗު ލޫސިއާނޯ ސްޕަލެއްޗީ ގެންގުޅެނީ ވެސް މުޅިން ތަފާތު ގޭމެކެވެ.

އިޓަލީގެ އެންމެ ބޮޑު މައްސަލައަކީ ވަރުގަދަ ގައުމުތަކާ ދެކޮޅަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުމެވެ. މިކަމުގެ މިސާލަކީ އިނގިރޭސިންނާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ނަތީޖާ ނެރެވިފައިނުވާތީ އެވެ. މީގެ އިތުރުން އިޓަލީގެ ފުޓްބޯޅައިގެ ކޮރަޕްޝަނުގެ މައްސަލަ އާއި 90ގެ ތެރޭގައި ދުނިޔޭގެ އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އިޓާލިއަން ލީގު ހީނަރުގެ އެލީގުގައި ކުޅޭ ކުލަބުތަކުގެ މާލީ ހާލަތު ދަށްވުމުގެ ހިތިކަން ވެސް ވަނީ ގައުމީ ޓީމާ ހަމައަށް ފޯރައިފަ އެވެ.

ނަތީޖާއެއްގެ ގޮތުން އިޓަލީއަކީ މޮޅު ކޯޗުންގެ ފެކްޓަރީއަކަށްވި ނަމަވެސް ގައުމީ ޓީމަށް މަރުހަބާ ކިޔަން ބޭނުންވަނީ މަދު ކޯޗެކެވެ. ނަން މަޝްހޫރު އަދި ކާމިޔާބު ކޯޗުން ތިބީ ދުރުގަ އެވެ.

މިހާރުގެ ސްޕަލެއްޗީ އަކީ ވެސް އޭނާގެ ކޯޗިން ކެރިއަރުގައި ކާމިޔާބު ކޯޗެއްނޫނެވެ. މިހެންވެ ގައުމީ ޓީމާ ހަވާލުވުމަށްފަހު އޭނާގެ އުކުޅަކަށްވެފައިވަނީ ކުރީގެ ނަން މަޝްހޫރު ކުޅުންތެރިން އޭނާގެ އެހީތެރިންނަށް ގެނައުމެވެ. އިޓަލީގެ މީޑިއާތަކުން ބުނަނީ މިއީ ފާޑުކިޔައި ހަދާ މީހުންގެ އަނގަތައް މައިތިރި ކުރުމަށް ކޯޗު ގެންގުޅޭ މޮޅު އުކުޅެއް ކަމަށެވެ.

ކުރީގެ އެއްވަނަ ކީޕަރު ޖިއާން ލުއިޖީ ބުފޮން ފަދަ ކުޅުންތެރިން ގާތްކޮށް އެމީހުން ގައުމީ ޓީމުގެ މަގާމުތަކުގައި ތިބުމުން އަމާޒުވާ ފާޑުކިއުންތައް މަދުވާނެ ކަމަށް ދެކެނީ ހަމައެކަނި ސްޕަލެއްޗީ އެކަންޏެއްނޫނެވެ. އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ވެސް ވިސްނުމަކީ މިއީ އެވެ.

އިޓަލީގެ ފުޓްބޯޅައިގައި ފާއިތުވެދިޔަ އަހަރުތަކުގައި އެންމެ ބޮޑަށް ނުފެނިދިޔަ ކަމަކީ މަޝްހޫރު މޮޅު ފޯވަޑަކު ނެތުމެވެ. އިޓަލީ އަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ފޯވަޑުން ފެނިގެންދިޔަ ގައުމެކެވެ. އަލެސެންދްރޯ ޑެލްޕިއެރޯ އާއި ރޮބާޓޯ ބާޖިއޯ އާއި ކްރިސްޓިއަން ވިއޭރީ ފަދަ އެތައް ފޯވަޑުނެއް ފެނިގެންދިޔަ ނަމަވެސް މިހާރުގެ ޓީމުގައި އެ ފެންވަރުގެ ފޯވަޑެއްނެތެވެ. ގިނަ ފަހަރު ޓީމު މޮޅު ކޮށްދެނީ މެދުން ކުޅޭ ކުޅުންތެރިއެއް ނުވަތަ ޑިފެންޑަރކު ގޯލު ޖަހައިގެންނެވެ.

ޓީމުގެ މިވަގުތު އެންމެ އިސް ފޯވަޑަކީ ސިރޯ އިމޮބައިލް އެވެ. އެކަމަކު އެންމެ ފަހުގެ ޔޫރޯ އާއި ކޮލިފައިންގައި އޭނާގެ ފުށުން ފެނުނު ދެރަ ކުޅުމުގެ ސަބަބުން ގިނަ ސަޕޯޓަރުންގެ ހިތަކު އޭނާގެ ނަމެއްނެތެވެ. މިއަށްވުރެ ބޮޑަށް މިހާރު ވިދަމުން އަންނަ ކުޅުންތެރިއަކީ އިޓަލީގެ އެޓްލާންޓާގެ ފޯވަޑް ޖިއާން ލޫކާ ސްކަމާކާ އެވެ. ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން މަޝްހޫރު ލިވަޕޫލް ކަޓައިގެން ދިޔައީ ވެސް ލިބުނު ދެ ފުރުސަތެއްގައި ބަޔަކު ހީވެސް ނުކޮށް ތިއްބާ އޭނާ ޖެހި ގޯލުންނެވެ. ނަމަވެސް ކޯޗު ބުނީ ފުރަތަމަ 11ގައި ކުޅޭ ފޯވަޑަކު ނުނިންމާ ކަމަށާއި އެއީ ފަހުގެ ކަމެއް ކަމެކެވެ.
ކުރިއެކޭ ވެސް އެއްފަދައިން އިޓަލީގެ ދިފާއު ވަރުގަދަ އެވެ.

އިންޓަމިލާނުގ ފްރެޑްރިކޯ ޑިމާކޯ އާއި އަލްސެންދްރޯ ބަސްޓޯނީ އާއި މަޓެއޯ ޑްރަމައިން އަކީ ފަހަތުގައި ތިބި މުހިންމު ކުޅުންތެރިންނެވެ. ގޯލްކީޕަރު ޕީއެސްޖީގެ ޖިއާން ލޫކާ ޑޯނަރޫމާ އަކީ ކުލަބުގައި ދޭތެރެދޭތެރެއިން ފޯމު ކެޓިޔަސް ގައުމީ ޓީމުގައި މޮޅަށް ކުޅޭ ކީޕަރެކެވެ. އޭނާގެ އިސްކޮޅަކީ ވެސް އިޓަލީ އަށް ލިބޭ ބޮޑު އެޑްވާންޓޭޖެކެވެ.

މި ފަހަރުގެ ޔޫރޯގައި ކުޅޭ އިޓަލީ ޓީމުގައި ގިނައިން ތިބީ އެ ގައުމުގެ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. ގައުމުން ބޭރުގައި ކުޅެނީ ޑޯނަރޫމާ އާއި ބަދަލު ކީޕަރު ޓޮޓެންހަމުގެ ވިކާރިއޯ އާއި އާސެނަލްގެ ޖޯޖީނިއޯ އެވެ.