ހަންގޭރީ އަކީ ޔޫރަޕުގެ ފަތުރުންވެރިންގެ މަންޒިލެކެވެ. ފުޓްބޯޅައިގެ މުއްސަދި ސަގާފަތެއް ވެސް އޮތް ގައުމެކެވެ. 20 ވަނަ ގަރުނުގެ މެދުތެރޭގައި ހަންގޭރީގައި އޮތީ ދުނިޔެ އިން ފާހަގަކޮށްލެވުނު ފަދަ މޮޅު ޓީމެކެވެ.
ވޯލްޑްކަޕާއި ޔޫރޯ އަދި އޮލިމްޕިކްސްގައި ވިދާލި ކުޅުންތެރިން މިހާރު ތިބީ ވަރަށް ދޮށީ އުމުރެއްގަ އެވެ. 1964 ވަނަ އަހަރުގެ ޔޫރޯގެ ތިން ވަނަ ހޯދި ހަންގޭރީ ޓީމުގެ ގޯލްކީޕަރު އެންޓަލް ސެންޓި މިހައިލީ އާއި ކާމިޔާބު ކޯޗު ލާސްލޯ ކިސް ވަނީ ރާއްޖޭގެ ކްލަބް ވެލެންސިއާ އަށް ކޯޗުކޮށްދީ ވަރަށް ގިނަ ކުޅުންތެރިން ތަމްރީނުކޮށްދީފަ އެވެ. އޭގެ ފަހުން ރާއްޖެ އައި އިސްތަވާން އުރުބާނީ ވެސް ހަންގޭރީގެ ފުޓްބޯޅައިގެ ކުލަ ދިވެހި ގައުމީ ޓީމުގައި ޖައްސައިދިނެވެ.
އިހުގައި ހަންގޭރީގެ ކުޅުންތެރިންގެ ވިދުވަރު ހުރިވަމުން ފީފާއިން އަހަރުގެ އެންމެ މޮޅު ގޯލު ޖަހާ ކުޅުންތެރިޔާ އަށް ދޭ އެވޯޑްގެ ނަމަކަށް ދީފައިވަނީ އެގައުމުގެ ކުރީގެ އެއްވަނަ ފޯވަޑް ފެރެންކް ޕުސްކާސްގެ ނަމެވެ. އޭނާ އަކީ 20 ވަނަ ގަރުނުގައި ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އެއީ 84 ގޯލެވެ. ނަމަވެސް ގައުމުގެ އިގްތިސާދީ ބާރު ދެރަވަމުން އައިސް އޭގެ ނޭދެވޭ އަސަރު ފުޓްބޯޅަ އަށް ކޮށް އެންމެ ފަހުން އަރައި ނުގަނެވި ހަންގޭރީގެ ގައުމީ ޓީމު ވަޅުޖެހުނީ އެވެ.
ނަމަވެސް މިހާރުގެ ޓީމު މިއާ ތަފާތެވެ. ވިދިވިގެން 10 މެޗުން ބަލިނުވެ ހަންގޭރީގެ ޓީމު ހިފަހައްޓާލާނެ ކަމަށް އެކަކު ވެސް ގަބޫލެއް ނުކުރާނެ އެވެ. އެކަމަކު ޔޫރޯގެ ކުރިން އެމީހުން ވަނީ 2023 ވަނަ އަހަރު މިކަން ހާސިލްކޮށް، މިފަހަރުގެ ޓީމަކީ ސަމާސާ ބައެއްނޫންކަން ސާބިތުކޮށްދީފަ އެވެ.
ހަމްގޭރީގެ ގިނަ ކުޅުންތެރިން ކުޅެނީ ޔޫރަޕުގެ މަތީ ފަންތީގެ ލީގުތަކުގަ އެވެ. މީގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ލިވަޕޫލަށް ކުޅެމުން އަންނަ ޑޮމެނިކް އެސްޒޮބޮސްލާއީ އެވެ. އެނާގެ މި ބަދަކީ ހަ ޖީލެއްގެ ފަހުން ޔޫރަޕުގެ ވަރުގަދަ ކުލަބަކަށް ހަންގޭރީގެ ކުޅުންތެރިއަކު ގެންދިޔަ ފުރަތަމަ ފަހަރެވެ.
ހުސްވި ސީޒަނުގެ މެދުތެރެއިން އަނިޔާގެ މައްސަލަތައް ދިމާވި ނަމަވެސް 23 އަހަރުގެ މިޑްފީލްޑް ކުޅުންތެރިޔާ މިހާރު ހުރީ ގަދަވެ ހެޔޮހާލުގަ އެވެ. އޭނާއެކޭ އެއްފަދައިން ފްރެއިބާގްގެ ރޮނަލްޑް ސަލާއީ އަކީ ވެސް މޮޅު ކުޅުންތެރިއެކެވެ. މީގެ އިތުރުން ޑިފެންޑަރު ވިލީ އޮރްބާން އަކީ ކޯޗު މާކޯ ރޮސީގެ ޓީމުން އެންމެ ފުރަތަމް ޖާގަ ލިބޭނެ ކުޅުންތެރިޔާ އެވެ. ލައިޕްޒިގް ކީޕަރު ޕީޓާ ގުލާސީ އަކީ ވެސް މޮޅު ކީޕަރެކެވެ.
އެކަމަކު އަނިޔާވެ ގިނަ ދުވަސްތަކެއްވަންދެން ކުޅުމާ ދުރުގައި ހުރިއިރު ބަދަލު ކީޕަރު ޑެނިސް ޒިބިއުސް ދެއްކި ކުޅުމުގެ ސަބަބުން ޔޫރޯގައި ކުޅުވާނެ ކީޕަރު އިހްތިޔާރު ކުރުމަކީ ކޯޗަށް ފަސޭހަވާނެ ކަމެއްނޫނެވެ. ސަބަބަކީ ބަލިނުވެ ޔޫރޯ ކޮލިފައިން ކެމްޕޭން ނިންމާލުމުގައި ޓީމުގެ ކޮންމެ ކުޅުންތެރިއަކު ވެސް މުހިންމު ދައުރެއް އަދާކޮށްދީފައިވާތީ އެވެ. ހާއްސަކޮށް ސާބިއާ ފަދަ ގައުމެއް އޮއްވައި ކޮލިފައިންގެ އެއްވަނަ ލިބުމަކީ ހަގީގަތުގައި ވެސް މޮޅަށް ކުޅެގެން ނޫނީ ނުވާ ވަރުގެ ކަމެއްކަން ކޯޗު މާކޯ ރޮސީ ފާހަގަކުރެ އެވެ.
އޭނާ ފަދަ ކޯޗަކީ ލިބުމަކީ ކޮންމެ ކޮންމެ ގައުމަކަށް ލިބޭނެ ނަސީބެއްނޫނެވެ. އޭނާ އަކީ ކުޅުންތެރިންނާ ވަރަށް ގުޅޭ ކޯޗެވެ. ކުޅުންތެރިންނަށް ބޮޑު މިނިވަންކަމެއްދީގެން އެކަމަކު އޭނާޣެ ކޮންޓްރޯލް ގެއްލުވާނުލައި ކުރިއަށްދާން އެނގޭ ކޯޗެވެ. ރޮސީ ތަފާތު ސްޓައިލްތަކަށް ކުޅުވަ އެވެ އެކަމަކު ފަހަތުގައި ތިން ޑިފެންޑަރުން ބައިތިއްބައިގެން ކުޅުވުމަކީ އޭނާގެ އާދައަކަށް މިހާރުވަނީ ވެފަ އެވެ. ކޯޗު ބުނީ ޓީމުގައި ތިބި ކުޅުންތެރިންނަށް ކުޅެން އެންމެ ފަސޭހައީ ތިން ޑިފެންޑަރުންނާއެކު ކަމަށާއި މިހެންވެ ސްޓައިލް ބަދަލުނުކުރަން އޭނާ ނިންމާފައިވާ ކަމަށެވެ.