ކުޅިވަރު

އޮލިމްޕިކްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަކަށް ޓީޓީ އައްޔަ


ފްރާންސްގެ ވެރިރތަށް ޕެރިހުގައި ބާއްވާ އޮލިމްޕިކް ގޭމްސްގައި ވާދަކުރާ ރާއްޖެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަކަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ ރައީސް އަލީ ރަޝީދު (އައްޔަ) ހަމަޖައްސައިފިއެވެ.

އަންނަ މަހުގެ 26 އިން ފެށިގެން އޮގަސްޓް 11 ވަނަ ދުވަހަށް ކުރިއަށްދާ އޮލިމްޕިކްސްއަށް ރާއްޖެއިން ދާނީ ތާރީޚީ އެންމެ ބޮޑު ކޮންޓިންޖެންޓެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިހެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެވެސް މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އައްޔަގެ ޒިންމާއަކަށް ވާނީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓުގެ ކަންކަން ހަމަޖެއްސުމެވެ.

މިއީ އޮލިމްޕިކްސްއަށް ކޮލިފައިވެގެން ރާއްޖޭގެ އެތުލީޓަކު ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގެ އެތުލީޓުން ވާދަކުރަމުން އައީ އިންވިޓޭޝަނަލް ފުރުސަތުގެ ތެރެއިންނެވެ.

އޮލިމްޕިކްސްއަށް ކޮލިފައިވެގެން މި ފަހަރު ރާއްޖެއިން ވާދަކުރާ އެތުލީޓަކީ 16 އަހަރުގެ ޓީޓީ ތަރި، ފާތިމަތު ދީމާ އަލީ އެވެ. ދީމާ ކޮލިފައިވީ ކޮލިފައިން ބުރެއް ފަހަނައަޅައި ގޮސްގެންނެވެ.

އެތުލެޓިކްސްގައި ރާއްޖެއިން ވާދަކުރަނީ ޖެމެއިކާގައި ޓްރެއިނިން ފުރިހަމަކުރަމުން އަންނަ އިބާދުﷲ އާދަމެވެ. އޮލިމްޕިކްސްގައި މި ފަހަރު ބެޑްމިންޓަނުން ވާދަކުރަނީ ފާތިމަތު ނަބާހާ އެވެ. ނަބާހާ އަކީ ޖެހިޖެހިގެން ދެ އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ދިވެހި އެތުލީޓެވެ.

މި ފަަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭގެ ފަރާތުން ސްވިމިންގައި ވާދަކުރާނެ އެތުލީޓުން ކަނޑައަޅާނީ ސިންގަޕޫރުގައި ކުރިއަށްދާ މުބާރާތަށް ބެލުމަށްފަހު އެވެ.