ޚަބަރު

ފަލަސްޠީނު މައްސަލައަށް އެންމެ ބޮޑު ސަމާލުކަމެއް ދެއްވީ ރައީސް މުއިއްޒު: ޢަބްދުއްރަޙީމް


  • "ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނަށް ޕީޕީއެމް/ޕީއެންސީ ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރުން އެހީ ދެއްވި

މިހާތަނަށް ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ފަލަސްޠީނު މައްސަލައަށް އެންމެ ބޮޑު ސަމާލުކަމެއް ދެއްވި ވެރިޔަކީ ރައީސުލްޖުމްޙޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް މިހެން ވިދާޅުވީ "ފަލަސްތީނާއެކު ދިވެހީން" ނަމުގައި ޕަބްލިކް ސަރވިސް މީޑިއާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޓެލެތޯންއަށް އެހީވުމަށް ޕީޕީއެމް/ޕީއެންސީ ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރުންނާއެކު ވަޑައިގެން ދެއްކެވި ވާހަަކަފުޅުގައެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސުލްޖުމްޙޫރިއްޔާ ފައްޓަވާދެއްވި ޓެލެތޯނަކީ ވަރަށް މާތް މަޤުސަދެއްގައި ފަައްްޓަވާދެއްވި ތެލެތޯނެއްކަމަށެވެ. އަދި އެއީ ސީދާ ރައީސުލްޖުމްޙޫރިއްޔާގެ އެންގެވުމަށް ފެއްޓެވި ތެލެތޯނެއްކަންވެސް ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.

ފަލަސްޠީނަށް އެހީވުމަށްޓަކައި ރައީސުލްޖުމްޙޫރިއްޔާ މިފަދަކަމެއް ފައްޓަވާދެއްވީތީ، މަޖިލިސް މެމްބަރުންގެ މަޤްސަދަކަށްވީ އެކަމަށް އެންމެ ފުރަތަމަ އިޖާބަދޭ ބަޔަކަށްވުންކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

" އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި މިހާތަަނަށް ދިވެހި ރާއްޖޭގެ ވެރިކަންކުރެއްވި ބޭފުޅުންގެ ތެރެއިން ފަލަސްތީނުގެ މައްސަލައިގަ އެންމެބޮޑު ސަމާލުކަމެއް ދެއްވައިގެން، މަސައްކަތްކުރައްވާ ވެރިއެއްގެގޮތުގަ އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކަމަށްޓަކާ އެންމެ ފުރަތަމަ ކަމަަކަށް ޕީޕީއެމް/ޕީއެންސީ ޕާލަމެންޓަރީ ގްރޫޕުގެ ހުރިހާ މެމްބަރުންގެ ނަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން" ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވިއެވެ.

މިފަދަ ދަނޑިވަޅެއްގައި ސިޔާސީ ވިސްނުމާއި ދުރުވެ، މިހާތަނަަށް ބާއްވާ އެންމެ ކާމިޔާބު ޓެލެތޯނަށް މި ޓެލެތޯން ހެދުމަށް، އެންމެވެސް އެހީތެރިވުމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އެދިވަޑައިގެންނެވިއެވެ.

'ފަލަސްޠީނާއެކު ދިވެހީން' ޚާއްޞަ ޓެލެތޯނު ކުރިއަށް ދާނީ މިރޭ 12 ޖެހުމާއި ހަމައަށެވެ. މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށި ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން މި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް އޮންލައިންކޮށް ފަސޭހަކަމާއެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް 2 އެކައުންޓެއް ވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.