ޚަބަރު

ރައީސުލްޖުމްހޫރިއްޔާ 'ފަލަސްޠީނާއެކު ދިވެހީން' ޓެލެތޯން ފައްޓަވައިދެއްވައިފި


  • ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޤައުމީ ފެންވަރުގައި ބާއްވާ ޚާއްޞަ ޓެލެތޯން 'ފަލަސްޠީނާއެކު ދިވެހީން' ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާއިން އިސްވެއޮވެ، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، ފަލަސްޠީނަށް އެހީވުމަށް ބާއްވާ 'ފަލަސްޠީނާއެކު ދިވެހީން' ޚާއްޞަ ޓެލެތޯނަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ކުރިއަށްގެންދާ ޓެލެތޯނެކެވެ.

ޓެލެތޯން ރަސްމީކޮށް ފެއްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ފަންޑު ފޮއްޓަށް ފައިސާގެ އެހީއެއް ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ކުރިއަށްވުރެ ބޮޑަށް ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާކަމުގައެވެ. އެގޮތުން މުޅި އިސްލާމީ އުންމަތް ޝާމިލުވެގެން ކޮންމެ މުސްލިމެއްގެ ޙައްޤެއް، ޒިންމާއެއް އަދި މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކިގެން ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ކޮންދެވެން އޮތް ހުރިހާ މަސައްކަތަކާއި ހުރިހާ ކަމެއް ކޮށްދިނުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. ހަމައެއާއެކު "މިއީ ދީލަތިކަމުގައި އިންތިހާއަށް ދާންޖެހޭކަމެއް" ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާއެކުގައިކަން ވަރަށް ފުރިހަމައަށް މިއަދު ސާބިތުކޮށްދެއްވާނެކަމާމެދު އެމަނިކުފާނު އެއްވެސް ޝައްކެއްނުކުރައްވާކަމުގައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް އަބަދުވެސް އެހީތެރިވަމުން ދިއުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އިލްތިމާސް ކުރެއްވިއެވެ.

'ފަލަސްޠީނާއެކު ދިވެހީން' ޚާއްޞަ ޓެލެތޯނުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންގޮސް، މިހަރަކާތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާކަން ޔަޤީންކުރުމަށް މިނިވަން އޮޑިޓަރެއް ވަނީ ހަމަޖައްސަވާފައެވެ. މި ޓެލެތޯން ކުރިއަށް ދާނީ މިރޭ 12 ޖެހުމާ ހަމައަށެވެ. މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށިވަނީ ބަހައްޓާފައެވެ.

މީގެ އިތުރުން މި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް އޮންލައިންކޮށް ފަސޭހަކަމާއެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް "އަންރުވާ" އަކީ އދ މަޖިލީހުން 1948 ވަނަ އަހަރު ފާސްކުރި ޤަރާރަކުން ވުޖޫދަށް ގެނައި ފަންޑެކެވެ. މި ފަންޑަށް ދިވެހި ސަރުކާރުން މީގެކުރީން ދިޔައީ ކޮންމެ އަހަރަކު 5000 ޑޮލަރުގެ އެހީއެއް ވެދެމުންނެވެ. އެހެންނަމަވެސް މި އެހީ ދިހަ ގުނައަށް އިތުރުކުރުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ނިންމަވައި، މީގެ ފަހުން ކޮންމެ އަހަރަކު 50 ހާސް ޑޮލަރު ދިވެހި ސަރުކާރުން މި ފަންޑަށް ޖަމާކުރަމުން ދާނޭކަމަށް މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ވަނީ އިޢުލާނުކުރައްވާފައެވެ.