ކުޅިވަރު

ރޮނާލްޑޯގެ އެހީގައި އަޔަލަންޑް އަތުން ޕޯޗުގަލް މޮޅުވެއްޖެ


ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޕޯޗުގަލްއިން ރޭ ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީގައި ރިޕަބްލިކް އޮފް އަޔާލަންޑް އަތުން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ރޭގެ މެޗުން ޕޯޗުގަލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ތިން ލަނޑުގެ ތެރެއިން ދެ ލަނޑުޖަހައިދިނީ ފަހު ހާފުގައެވެ. ފުރަތަމަ ހާފުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު، 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބާސެލޯނާ އަށް ކުޅެމުން އަންނަ ފޯވާޑް ޔާއޯ ފެލިކްސް އެވެ.

ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ލީޑް ފުޅާކޮށްދޭން ރޮނާލްޑޯ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހިލޭޖެހުން އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ. ރޭގެ މެޗަކީ ޔޫރޯ އަށް ތައްޔާރުވުމަށް ޕޯޗުގަލް ކުޅުނު މެޗުތަކުގެ ތެރެއިން ރޮނާލްޑޯ ފެނިގެންދިޔަ ހަމައެކަނި މެޗެވެ.

އެންމެ ފަހުން ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ފުރަތަމަ އެގާރައަށް ހަ ބަދަލެއް ގެނެސްގެން ރޭ ނިކުތް ޕޯޗުގަލް ޓީމުން ފަހު ހާފުގައި ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން ރޮނާލްޑޯ އެވެ. މެޗުގެ 50 ވަނަ މިނެޓުގައި ރޮނާލްޑޯގެ ފުރަތަމަ ލަނޑުޖަހައިދިންއިރު، އޭގެ 10 މިނެޓުފަހުން ރޮނާލްޑޯ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

މި މެޗުގައި ޖެހި ލަނޑުތަކާއެކު ޕޯޗުގަލް އަށް ކުޅެދިން 207 މެޗުގައި ރޮނާލްޑޯ ޖެހި ގޯލްގެ އަދަދު ވަނީ 130 އަށް އަރާފައެވެ. މިހާތަނަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ ރޮނާލްޑޯ އެވެ.

މިފަހަރުގެ ޔޫރޯގައި ޕޯޗުގަލް ހިމެނުނީ ގްރޫޕް އެފްގައި ދެން އޮތީ ޗެކްރިޕަބްލިކާއި ތުރުކީ އަދި ޖޯޖިއާ އެވެ. މި މުބާރާތުގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ނިކުންނާނީ ޗެކްރިޕަބްލިކާ ދެކޮޅަށެވެ.