ކުޅިވަރު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން އޭޝިއަން ގޭމްސްއަށް ކޮލިފައިވުމުގެ ފުރުސަތު


މި އަހަރުގެ އޮގަސްޓު މަހު ރާއްޖޭގައި ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕަކީ 2026 ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްގެ ކޮލިފިކޭޝަން އިވެންޓެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މިކަން ހާމަކޮށްފައިވަނީ މި އަހަރު ކ. ތުލުސްދޫގައި ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕު ރަސްމީކޮށް ލޯންޗުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ބައިވެރިވި އެތުލީޓުންނަށް ވުރެ މި އަހަރު ބައިވެރިވި އެތުލީޓުންގެ އަދަދު ގިނައެވެ. އެގޮތުން މިދިޔަ އަހަރު 8 ގައުމަކުން 90 އެތުލީޓުން ބައިވެރިވިއިރު، މިއަހަރުގެ މުބާރާތުގައި 25 ގައުމަކުން 140 އެތުލީޓުން ވަނީ ބައިވެރިވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ އުންމީދަކީ މި މުބާރާތުގައި، އިތުރު ކުރިއެރުންތައް ލިބި، އޭޝިއަން ގޭމްސްއަށް ދިވެހި އެތުލީޓުން ކޮލިފައިވުން ކަމަށެވެ. އަދި ރާއްޖެއަށް ބޭރުގެ އެތުލީޓުން ގެންނަން ވަރަށް ބާރު އަޅާއިރު، މޫދުގެ ކުޅިވަރުގެ ތެރެއިން މުބާރާތް ބާއްވަން ހާއްސަ އަހައްމިއްޔަތުކަމެއް ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ސޮބާހު (ޗޭ) ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އަށް ކުޅިވަރަކަށް ބަލާއިރު އެންމެ ފައިދާ ބޮޑު ކުޅިވަރަކީ ސާފިން ކަމަށާއި މިދިޔަ އަހަރު ބޭއްވި މުބާރާތް ދުނިޔޭގެ 40 ވަރަކަށް ގައުމުން މިލިއަނަކަށް ވުރެ ގިނަ މީހުން ބަލާފައިވާ ކަމަށެވެ.

މިދިޔަ އަހަރު ކ. ތުލުސްދޫގައި ވަނީ އޭޝިއަން ސާފިން ޗެމްޕިއަންޝިޕު ބާއްވާފައެވެ. މި އަހަރުވެސް އެ މުބާރާތް ތުލުސްދޫގައި ބާއްވަން ނިންމީ މިދިޔަ އަހަރުގެ ކާމިޔާބީއަށް ބެލުމަށްފަހު އެވެ. ކ. ތުލުސްދޫގަ މުބާރާތް ކުރިއަށްދާނީ އޮގަސްޓު 17-24 އަށެވެ.