ޚަބަރު

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ހަރަކާތްތައް މަނަދޫގައި ނިންމާލީ ހިނގާލުމަކުން


  • ދުވަހާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިޔަ

  • ދަފަރާ ކެމްޕެއިން ލޯންޗްކުރި

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ކުރިއަތް ގެންދިޔަ ހަރަކާތްތައް ހިނގާލުމަކާއެކު ނިންމާލައިފިއެވެ.

މި އަހަރުގެ ދުންފަތުގެ އިސްތިއުމަލު ނުކުރާ ދުވަސް ފާހަގަކުރުމަށް ރަސްމީ ހަރަކާތްތައް ކުރިއަތް ގެންދިޔައީ ނ. މަނަދޫގައެވެ.

ހިނގާލުން ފެށުމުގެ ގޮތުން ވާހަކަ ދައްކަމުން ސިއްހަތާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ހަމްދާން ނާސިރު ވިދާޅުވީ ދުންފަތުގެ ވަބާގައި ކުޑަކުދިންނާ ޒުވާނުން ޖައްސާ އެ ވިޔަފާރީގެ މަންފާ އިތުރުކުރުމަށް ދުންފަތުގެ ވިޔާފާރިތަކުން ސީދާގޮތުންނާ ނުސީދާގޮތުންވެސް ތަފާތު އެކި އުކުޅުތައް ބޭނުންކުރަމުންދާކަމަށެވެ. އެތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ މަކަރުވެރި ރޭވުމުން ކުޑަކުދިން ސަލާމަތްކުރުމަކީ މިހާރުންމިހާރަށް ކުރަންޖެހޭކަމެއް ހަމްދާން ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ ދުންފަތުގެ ސަބަބުން ކުދިންގެ ސިކުނޑިއާ ފުއްޕާމޭ ގެއްލުންވެ ތޫނުފިލިކަން ކުޑަވެ، ކެއުމާ ކިޔެވުމަށް ފޫހިވެ، ޅައުމުރުގައި ބޮޑެތި ބަލިތަކަށް ހުށަހެޅޭކަމަށެވެ. އަދި ވޭޕް ގެ އާލަތްތަކުގެ ސަބަބުން ކުދިން ނުރައްކާތެރި ޑްރަގަށްވެސް ހުށްހެށިގެން ދާކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ނަތީޖާއަކީ، ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ޢާއިލާތަކާއި ދައުލަތުގެ މާލިއްޔާތުން އަންދާޒާ ނުކުރެވޭ ހާ ބޮޑެތި ހޭދަކުރަންޖެހި ޞިއްޙީ ނިޒާމާއި މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވާކަމަށެވެ. އޭނާ ވިދާޅުވީ އެހެންވުމުގެ ސަބަބުން ކެންސަރާއި ހިތުގެ ބައްޔާ ފުއްޕާމެއާ ކިޑްނީގެ ބައްޔާ ހަކުރުބަލި މާދަމާގެ ބަލި މީހުންނަށް ވެގެންދާނީ މިއަދުގެ މި ލޯބިވާ މަޢުޞޫމް ދަރިންކަމަށް ހަމްދާން ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ މި ކުޑަކުޑަ ދިވެހިރާއްޖޭގައި އަހަރަކު ގާތްގަނޑަކަށް 150 މީހުން، ނުވަތަ ކޮންމެ 2 ދުވަހުން 1 ދުވަހަކު ދުންފަތުގެ ސަބަބުން މީހަކު ދުނިޔެދޫކުރާކަމަށް އަންދާޒާ ކުރެވިފައިވާއިރު، ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާގެ ދުންފަތުގެ ބާވަތްތައް އަހަރަކު ރާއްޖެއަށް އެތެރެކުރަމުން ދާކަމަށެވެ. ހަމްދާން ވިދާޅުވީ އެކިއެކި މޭވާގެ ރަހަތަކާ އަދި ކުޅޭ އެއްޗިއްސާ ސްކޫލްގައި ކިޔެވުމުގައި ބޭނުންކުރާ ތަކެއްޗާ ރީތިވުމަށް ބޭނުންކުރާ ސާމާނު ގެ ސިފައިގައި ވޭޕް/އީ-ސިގިރެޓްގެ ބާވަތްތައް އުފައްދާ މާރކެޓްކުރަމުން ދާކަމަށެވެ. 1500 (ފަނަރަ ސަތޭކަ) އަށްވުރެ ގިނަވައްތަރުގެ އީ-ސިގިރޭޓްގެ އުފެއްދުންތައް ދުނިޔޭގައި މިހާރު ވިއްކާ ބޭނުންކުރަމުންދާކަން ހަމްދާން ފާހަގަކުރެއްވިއެވެ.

“ކުޑަކުދިން ދުންފަތުގެ ޞިނާޢަތުގެ ނުފޫޒުން ސަލާމަތް ކޮށް ދަފަރާ ކުރެވޭނީ، މުޅި މުޖުތަމަޢުގެ އަތުކުރި އޮޅާލައިގެން އެކަތިގަނޑަކަށް ވެގެން މިކަމުގައި އުޅެގެންކަމަށާއި ވަކިން ޚާއްޞަކޮށް މި މަސައްކަތުގައި ބެލެނިވެރިންގެ ދައުރު ވަރަށްވެސް މުހިއްމު “ ހަމްދާން ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ ދުންފަތުގެ ސިނާޢަތުން ކުޑަކުދިންނާ ޒުވާނުން ރައްކާތެރި ކުރުން ކަމުގައިވިއަސް އަދި ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ދުޅަހެޔޮ ޞިއްޙީ އާދަތަކަށް މީހުން އަހުލުވެރިކުރުން ކަމުގައިވިއަސް، އެންމެ މުހިއްމު ވެގެން ދަނީ ފުރިހަމަ މަޢުލޫމާތު ދީ މުޖްތަމަޢު ހޭލުންތެރިކުރުން ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން ނ. މަނަދޫގެ ސުކޫލް ބެލެނިވެރިންނަށާއި އެކި މުވައްސަސަތަކަށް ހާއްސަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނަތަކެއް ވަނީ ކުރިއަތް ގެންގޮސްފައެވެ. ދުވަހާއި ގުޅޭ ރަސްމިީ ޖަލްސާ ބާއްވާފައިވާއިރު 1 އަހަރު ދުވަހުގެ މުއްދަތައް ދުންފަތަށް ހޭލުންތެރި ކުރުވުމަށް " ދަފަރާ"ގެ ނަމުގައި ކެމްޕެއިނެއްވެސް ވަނީ އިފްތިތާހުކޮށްފައެވެ