ޚަބަރު

ސަލްމާން ރަސްގެފާނުގެ ޚާއްސަ މެހެމާނުންގެ ގޮތުގައި ޙައްޖުވުމަށް 600 އަށްވުރެ ގިނަ މީހުން މައްކާއަށް


  • 66 ޤައުމަކުން 683 މީހުން ވަނީ މައްކާއަށް ގޮސްފައި

  • ރަސްގެފާނުގެ މެހެމާނުންގެ ގޮތުގައި ފަލަސްތީނުގެ 2000 ޙައްޖުވެރިން ހިމެނޭ

ދެ ޙަރަމްގެ ވެރިޔާ، ސަލްމާން ރަސްގެފާނުގެ ޚާއްސަ މެހެމާނުންގެ ގޮތުގައި ޙައްޖުވުމަށް 66 ޤައުމަކުން 600 އަށްވުރެ ގިނަ މީހުން މައްކާއަށް އަތުވެއްޖެއެވެ.

މީގެ ތެރެއިން 15 ޤައުމެއްގެ 223 ޙައްޖުވެރިން މިދިޔަ އާދިއްތަ ދުވަހުވަނީ މައްކާއަށް އައިސްފައެވެ. މިއާއެކު ސަލްމާން ރަސްގެފާނުގެ ޚާއްސަ މެހެމާނުންގެ ގޮތުގައި މިހާތަނަށް 683 މީހުންވަނީ ޙައްޖުވުމަށް އައިސްފައެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ކޯލް އެންޑް ގައިޑެންސް އިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން 88 އަށް ވުރެ ގިނަ ގައުމުން ޖުމްލަ 2،322 ޙައްޖުވެރިން ސަލްމާން ރަސްގެފާނުގެ މެހެމާނުންގެ ގޮތުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ފަލަސްޠީނުގެ 2000 ޙައްޖުވެރިން ހިމެނެއެވެ. މީގެތެރޭގައި ޝަހީދުންގެ އާއިލާތަކުގެ ތެރެއިން 1000 ޙައްޖުވެރިން ހިމެނެއެވެ.

ސަލްމާން ރަސްގެފާނުގެ ޚާއްސަ މެހެމާނުންގެ ގޮތުގައި ޙައްޖުވުމަށް އަންނަ މީހުން ޙައްޖުގެ އަޅުކަން އަދާކުރުމަށް އަންނަ ހިސާބުން ފެށިގެން އެމީހުން ފުރަންދެން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެކި ކޮމިޓީތަކަށް ބަހާލައިގެންނެވެ. އަދި ނަބަވީ މިސްކިތަށް ޒިޔާރަތް ކުރުމާއި މައްކާ އަދި މަދީނާގެ ތާރީޚީ ތަންތަނަށް ޒިޔާރަތްކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީވެސް ޚާއްސަ އިންތިޒާމެއްގެ ތެރެއިންނެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަހަރު 1.5 މިލިޔަން ޙައްޖުވެރިން ކަނޑާއި، އެއްގަމާއި ވައިގެ މަގުން މައްކާއަށް އައިސްފައިވެއެވެ. އެގޮތުން ވައިގެ މަގުން 1،483،312 މީހުން ވަނީ އައިސްފައެވެ. އަދި އެއްގަމު މަގުން 59،273 މީހުން މައްކާއަށް އައިސްފައިވާއިރު ކަނޑުމަގުން 4،710 ޙައްޖުވެރިން މިހާތަނަށް އައިސްފައިވެއެވެ.