ދުނިޔެ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރުގެ ދަރިކަލުން މިނިވަންކޮށްފި


މީގެ ތިން އަހަރުކުރިން ވަގަށްނަގާފައިވާ ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގިލާނީގެ ދަރިކަލުން، އަލީ ހައިދަރު ގިލާނީ އަފްޢާނިސްތާން އަދި އެމެރިކާ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިނިވަންކޮށްފިއެވެ. 

ޕާކިސްތާން އޮފިޝަލުން ވިދާޅުވީ އަފްޢާނިސްތާންގައި މިވަގުތު ހުންނެވި އަލީ ހައިދަރު ގިލާނީ މެޑިކަލް ޓެސްޓްތައް ހެދުމަށްފަހު ޕާކިސްތާނަށް ބަދަލުކުރެވޭނެ ކަމަށެވެ. އަފްއާނިސްތާނުން ޕާކިސްތާނަށް ކަޑައަޅާފައި ހުންނަވާ މަންދޫބް ވިދާޅުވީ އޭނާ ހުންނެވީ ގަދަވެ ސަލާމަތުން ކަމަށާ، ދާދި އަވަހަށް އާއިލާއާ ބައްދަލު ކުރެއްވޭނެ ކަމަށެވެ. އަދި އޭނާ ހިފަހައްޓާފައި ވަނީ އަލްޤާއިދާ އާ ގުޅުންހުރި ގްރޫޕަކުން ކަމަށް މަންދޫބް ވިދާޅުވިއެވެ.

އަލީ ހައިދަރު ގިލާނީ ވަގަށް ނަގާފައިވަނީ މިގެ ތިން އަހަރު ކުރިން އޭނާ ނިސްބަތްވެވަޑައިގަންނަވާ މުލްތާން އަވަށުގައި ޕީޕީޕީއަށް ކެމްޕެއިން ކުރައްވަން އުޅުއްވަނިކޮށެވެ. އަފްޢާނިސްތާންގައި ހަރަކާތްތެރިވާ ނޭޓޯ މިޝަނުން މައުލޫމާތުދިންގޮތުގައި އަލީ ހައިދަރު ގިލާނީ ސަލާމަތް ކުރުމަށް ހިންގުނު އޮޕަރޭޝަންގައި ޓެރަރިސްޓުންގެ ހަތަރު މީހުން މަރުވެފައިވެއެވެ.

އަލީ ހައިދަރު ގިލާނީ މިނިވަންވުމާއި ގުޅިގެން މުލްތާން އަވަށުގައި އުފާފާޅުކުރުމުގެ ހަރަކާތްތައް ކުރިޔަށްދާ ކަމަށް ޚަބަރުތައް ބުނެއެވެ. އަލީ ހައިދަރު ގިލާނީ އަކީ ދެހާސް އަށަކުން ދެހާސް ބާރަވަނަ އަހަރަށް ބޮޑުވަޒީރުކަން ކުރެއްވި ޔޫސުފްރަޒާ ގިލާނީގެ އެންމެ ހަގު ދަރިކަލުންނެވެ.