ޚަބަރު

ރައީސް އިންޑިޔާ ދަތުރުފުޅު ނިންމަވާލައްވައިފި، ހާމަވީ ރާއްޖެ-އިންޑިއާ ގުޅުން ދެމިއޮންނާނެކަން!


  • މިއީ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ކުރެއްވި ދަތުރުފުޅެއް

  • އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވި

  • މުހިންމު ދާއިރާތަކުން މަޝްވަރާކުރެއްވި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ވަޑައިގަތުމުން ނިއުދިއްލީގެ އިންދިރާ ގާންދީ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގައި އެވަގުތު އެންމެ އިސްކޮށް ހުންނެވި މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ސެކްރެޓަރީ ޕަވަން ކަޕޫރާއި އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބާއި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.


ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިން އާދީއްތަ ދުވަހު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ އެޤައުމުގެ ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ ޖަވާހަރްލާލް ނެހްރޫއަށްފަހު ތިން ވަނަ ދައުރަކަށް އެޤައުމުގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ބޮޑުވަޒީރެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމުގެ ހުވައިލައިދެއްވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ އިސްވެރިން ހިމެނޭހެން އެކި ޤައުމުތަކުގެ އެތައް ހާސް ޢިއްޒަތްތެރީންނެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުވާކުރުމުގެ މިރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އަދި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޤައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ހަނދާނީ ފޮޓޯފުޅުގައި ބައިވެރިވެވަޑައިގެންފައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޑައިގެންނެވި އިންޑިއާގެ އަވައްޓެރި ޤައުމުތަކުގެ އިސްވެރިންގެ ޝަރަފުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ރަސްމީ ޖާފަތް ބާއްވަވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރާ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތަށް ފަހުގައެވެ.

މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފިނޭންސް ޑޮކްޓަރ މުޙައްމަދު ޝަފީޤް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މިދަތުރުފުޅުގެ ތެރެއިން ހޯމަ ދުވަހު ވަނީ އެމަނިކުފާނުގެ އަރިހަށް، އިންޑިއާގެ އައު ސަރުކާރުގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ ތާޖު ޕެލަސް ހޮޓަލުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާއާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު މަޝްވަރާކުރެއްވިއެވެ. އަދި އެއްޤައުމުން އަނެއް ޤައުމަށްދޭ އެއްބާރުލުމާއި އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމްގެ މުހިންމުކަން ފާހަގަކުރައްވާ، ރާއްޖެއާއި އިންޑިއާއިން ދެޤައުމުގެ މެދުގައި މިއޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުޤުވެރިކަން ދެބޭފުޅުންވެސް ފާޅުކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިއާގެ ސަރުކާރަށް ޝުކުރުއަދާކުރައްވައި، އިންޑިއާއިން ޒަމާނުއްސުރެ ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ޚާއްޞަގޮތެއްގައި ފާހަގަކުރައްވާފައެވެ. އަދި ބޮޑުވަޒީރާއި އައު ސަރުކާރުގެ ވަޒީރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި، އިންޑިއާގެ ރައީސް ދެއްވެވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރާއި އައު ސަރުކާރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ދަޢުވަތު ޤަބޫލުކުރައްވާ، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަތުމުން އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ވަނީ، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ކުރިމަގުގައި ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ ނިއުދިއްލީގައި ހުންނަ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ލީޑަރުން ވަނީ ދެޤައުމުގެ ތަރައްޤީއާ ފާގަތިކަމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސް މުރުމޫ ދެއްކެވި ވާހަކަފުޅުގައި ވަރަށް ވަގުތުކުޑަތަން ވެފައި ވަނިކޮށް ދެއްވި ދަޢުވަތު ޤަބޫލުކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމަކީ ދެ ޤައުމުގެ ގާތްގުޅުން ދޭހަކޮށްދޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. އިންޑިއާގެ ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ސުޕަރ މެޖޯރިޓީ ހޯދާފައިވާތީ އެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވިއެވެ. އަދި އިންޑިއާ ސަރުކާރުގެ "ނޭބަރހުޑް ފަސްޓް ޕޮލިސީ" ފާހަގަކުރައްވައި ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދިނުމުގެ ޝައުޤުވެރިކަން އިންޑިއާގެ ރައީސް ފާޅުކުރެއްވިއެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިންޑިއާ ސަރުކާރުން އެމަނިކުފާނަށް އަދާކުރެއްވި މެހުމާންދާރީ ފާހަގަކުރައްވައި އިންޑިއާގެ ރައީސަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ދެޤައުމުގެ ދެމެދު އޮންނަ ތާރީޚީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމާއި، ދެޤައުމުން ގުޅުންބަދަހިކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމާއި ބޮޑުވަޒީރު މޯދީ ހަވާލުވެވަޑައިގަންނަވާ މިއީ ތިންވަނަ ދައުރެވެ. އިންޑިއާގެ ޢާންމު އިންތިޚާބު 2024ގައި ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ) އާއި އެޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެން.ޑީ.އޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.