ޚަބަރު

ދުންފަތުގެ ވަބާއިން ނަފްސު ސަލާމަތް ކުރަން ކޮންމެ މީހަކުވެސް މަސައްކަތް ކުރަން ޖެހޭ: ވަޒީރު


  • ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓުމަށް އެންމެ އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް

  • ދަމަނަވެށިތައް މި 5 އަހަރު ތެރޭ ގާއިމް ކުރާނެ ކަމަށް ވިދާޅުވި

ދުންފަތުގެ ވަބާއިން ނަފްސު ސަލާމަތް ކުރަން ކޮންމެ މީހަކުވެސް މަސައްކަތް ކުރަން ޖެހޭކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދުންފަތުގެ އިސްތިއުމާލް ނުކުރާ ދުވަސް ފާހަގަ ކުރުމަށް ނ. މަނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ދުންފަތުގެ އިސްތިއުމާލް ކުރާ މީހެއްގެ އަތުން އަހަރަކު 1.8 ބިލިޔަން ރުފިޔާ ސިނގިރޭޓް ގަތުމަށް ހޭދަކުރެއެވެ. ޞިއްޙަތަށް ގެއްލުން ދޭ މިފަދަ ކަންކަމަށް މިހާބޮޑު ހޭދަކުރަމުންދާއިރު މިއީ ތަސައްވަރުވެސް ނުކުރެވޭ ފަދަ ގެއްލުމާއި ކުރިމަތިލާން ޖެހިދާނެކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސު ސަލާމަތް ކުރުން އޮތީ އެމީހެއްގެ އަމިއްލަ އަތްމަތީގައިކަމަށެވެ. އެހެންކަމުން ހަށިގަނޑަށް ގެއްލުންދޭ ކޮންމެ އެއްޗަކުން ދުރުވުމަކީ އަމިއްލައަށް ކުރެވޭނެ ކަމެއްކަމަށް ވިދާޅުވިއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވުމަށް އަމިއްލައަށް ހިތްވަރާއެކު ތެދުވަން ޖެހޭކަމަށާއި މިގޮތަށް ތެދުވެއްޖެނަމަ ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރެވޭނެ ކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޚަލީލު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރައްކާތެރިކަން ހިތްވަރު އަމިއްލައަށް ނަގައިފިއްޔާ އެހިތްވަރު އަމިއްލައަށް އަޅުގަނޑުމެންނަށް ލިބޭނެ. ދުޅަހެޔޮ މުޖްތަމަޢެއް ލިބޭނެ. ޤާނޫނަށް ބޯލަނބާ ވިޔާނުދާ އާދަތަކުން ދުރުވެފައި އޮތް މުޖްތަމަޢެއް އަޅުގަނޑުމެންނަށް ލިބޭނެ. ރަނގަޅު އާދަތައް ޕްރޮމޯޓް ކުރާ ރަނގަޅު ގޮތް އިޚްތިޔާރުކުރާ މުޖްތަމަޢެއް ލިބޭނެ" ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި އެއްގޮތަށް ކޮންމެ އަތޮޅެއްގައި ދަމަނަވެށި ގާއިމްކުރުމުގެ މަސައްކަތް މި 5 އަހަރުގެ ތެރޭގައި ނިންމާލާނެކަމަށެވެ. ދަމަނަވެށި ގާއިމްވެގެންދާއިރު އެންމެ މުހިންމުކަމަކަށް ވާނީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ބަލިވުމުގެ ކުރިން ފަރުވާ ހޯދާދިނުމުގެ މަސައްކަތް ކުރުންކަމަށެވެ.

ވަޒީރު ވިދާޅުވީ ސިޓީތަކަށް ސަރުކާރުން ކަނޑައަޅާފައިވަނީ އާރބަން ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމްތައް ވަރުގަދަ ކުރުންކަމަށެވެ.

" ރައްޔިތުން ޝައުގުވެރިވޭ. ބައެއް ގޭމްތައް ކުޅެވޭ ގޮތަށް، ހަރަކާތްތެރިވެވޭނެ އެކި އެކި އިންތިޒާމްތަކާއެކު ޕްރައިމަރީ ހެލްތު ކެއާރގެ މަސައްކަތްތަކެއް ކުރަން. އިރާދަކުރެއްވިއްޔާ ސިޓީތަކުގައި އާރބަން ޕްރައިމަރީ ހެލްތު ކެއާރ ސެންޓަރެއްގެ ގޮތުގައި ފެށިގެން ދާނެ. ވަރަށް ކައިރި މުސްތަގްބަލެއްގައި އެންމެ ފުރަތަމަ ސެންޓަރ މާލޭގައި އަޅުގަނޑުމެން ފަށާނަން" ވަޒީރު ވިދާޅުވިއެވެ.

ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދީ މަސައްކަތް ކުރުމަށް ކައުންސިލްތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ޖުމްލަކޮށް އެންމެހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.