ޚަބަރު

އިންޑިއާ ދަތުރު ވަރަށް ކާމިޔާބު، ރައްޔިތުންނަށް ފައިދާވާގޮތަށް ކަންކަން ފަހިވާނެ: ރައީސް


  • އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ރައީސް ބައްދަލުކުރެއްވި

  • މުހިންމު ދާއިރާތަކުން މަޝްވަރާކުރެއްވި

  • ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަޤީންކަން ދެއްވި

އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށާއި، ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭގޮތަށް ދެޤައުމުގެ ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ނަރެންދުރަ މޯދީ އެ މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިއީ ބޮޑުވަޒީރު މޯދީގެ ޚާއްޞަ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްކަމަށް ސިފަކުރައްވާފައެވެ. އަދި މިއީ ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށްވެސް ރަނގަޅު ދަތުރުފުޅެއްކަމަށް ވިދާޅުވަމުން ރައީސް ވަނީ، ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތުދެއްވީތީ އުފާކުރައްވާކަމަށް ވިދާޅުވެ އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ، ރައީސާ ދުރޫޕަދީ މުރްމޫއާއި، އެކްސްޓަރަނަލް އެފެއަރޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާވެސް ބައްދަލުކުރައްވާފައެވެ. ރައީސް ވިދާޅުވީ އެ ބައްދަލުކުރެއްވުންތަކުގެ ސަބަބުން ކުރިއަށްވުރެވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށެވެ.

"މިދަތުރަކީ ދިވެހިރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރެއް. އަދި އަޅުގަނޑުމެންގެ ސަރަހައްދަށްވެސް އިރާދަކުރެއްވީތީ ވަރަށް ރަނގަޅު ދަތުރެއް. ވަރަށް އުފާކުރަން އަޅުގަނޑަށް މި ދައުވަތު ދެއްވިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށް. އަދި މިދަތުރުގައި އާދެވި މިކަމުގައި ބައިވެރިވެވި ބައްދަލުކުރެއްވުންތަކަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުމުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ރާއްޖެއަށް ފަހިވެގެންދާނެކަމަށެވެ. އެގޮތުން ދިވެހި ޤައުމާއި، ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެގޮތަށް ދެޤައުމުގެ ގުޅުން ފެނިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ރާއްޖެއަށް އިރާދަކުރެއްވިއްޔާ ރަނގަޅު ކަންތައްތައް. ކުރިއަށް އޮތްތާނގައި ދެޤައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށްވުރެވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވެގެންދާނެކަމަށް އުންމީދުކުރަން. ރާއްޖެއަށް އެންމެ ރަނގަޅުގޮތް، ދިވެހި ރައްޔިތުންނަށް ހެވާ ލާބަ ލިބޭގޮތަށް އަޅުގަނޑުމެން ދެޤައުމުގެ އެކުވެރި ގާތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގެން އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުން ފެނުނީ ދެޤައުމުގެ ގުޅުމަށް ހީނަރުކަމެއް ނައިސް އެގޮތުގައި ދެމި އޮތްކަމެވެ. އަދި ކުރެއްވި މަޝްވަރާތަކުން އިތުރަށް ގުޅުން ބަދަހިވެގެން ދިޔަކަން މި ދަތުރުފުޅުން ވަނީ ހާމަވެފައެވެ.