ޚަބަރު

ބިންވެރިޔާ ސްކީމުގެ ސަބަބުން 11 ބިލިއަން ރުފިޔާގެ ގެއްލުންވި: އޮޑިޓް ރިޕޯޓު


  • އެޗްޑީސީއަށް ލިބެން އޮތް އާމްދަނީން 3.3 ބިލިއަން ރުފިޔާގެ ގެއްލުން އެޗްޑީސީއަށްވި

  • ބިމުގެ އަގުގެ ގޮތުގައި 7.7 ބިލިއަން ރުފިޔާގެ ގެއްލުން އެޗްޑީސީއަށްވި

ބިންވެރިޔާ ސްކީމުގެ ސަބަބުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއަށް 11 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަމަށް އޮޑިޓު ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ތައްޔާރުކުރި 2023 ވަނަ އަހަރު ބަޖެޓު ޕޮޒިޝަން ރިޕޯޓުގައި ވަނީ ދައުލަތުގެ ކުންފުނިތަކަށް މިދިޔަ އަހަރު ލިބުނު ބައެއް ގެއްލުންތަކަށް އަލިއަޅުވާފައެވެ. އެގޮތުން އެ ރިޕޯޓުގައި އެޗްޑީސީއަށް ބިންވެރިޔާ ސްކީމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަންވަނީ ފާހަގަކޮށްފައެވެ. އަދި އެ ގެއްލުންތައް ފޫބެއްދަންޖެހެނީ ދިވެހި ދަޢުލަތުން ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ބިންވެރިޔާ ސްކީމްގައި ގޯތި ދޫކުރަނީ، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް އޮތީ ނިންމާފައެވެ.

އޭގެ ތެރެއިން ހުޅުމާލެއިން 1351 ގޯތި ދޫކުރާއިރު، މި ގޯތިތައް ހިލޭ ދޫކޮށްލުމުގެ ސަބަބުން 7.2 ބިލިއަން ރުފިޔާއާއި 10.5 ބިލިއަން ރުފިޔާ ދެމެދު ގެއްލުން އެޗްޑީސީއަށް ވެފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކުރިއެވެ. އޮޑިޓް ރިޕޯޓުގައި މިކަން ފާހަގަކޮށްފައިވަނީ އެޗްޑީސީގެ ލިޔެކިއުންތަކާއި ހަވާލާދީއެވެ.

އެޗްޑީސީއަށް ލިބުނު ގެއްލުންތަކަށް ބަލާއިރު، ހަމަ އެކަނި ބިމުގެ އަގަށް ބަލާނަމަ 7.7 ބިލިއަން ރުފިޔާ ގެއްލުންވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކުރެއެވެ. އަދި މި ބިންތައް ވިޔަފާރި އުސޫލުން ދޫކުރުމުން ލިބެން އޮތް 3.3 ބިލިއަން ރުފިޔާގެ އާމްދަނީވެސް އެކުންފުންޏަށް ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކުރިއެވެ.

މި ބިންތަކުގެ ލިބުނު އާމްދަނީގެ ގެއްލުމުގެ ބަދަލުގައި ސަރުކާރުން "މާގިރިފަޅު" އަދި "ގަލުފަޅު" އެޗްޑީސީއަށް ދިނުމަށް ނިންމާފައިވާކަން އޮޑިޓް ރިޕޯޓުން އެނގެއެވެ. އަދި ބިމުގެ އަގުގެ ގޮތުގައި ލިބުނު 7.7 ބިލިއަން ރުފިޔާގެ އާއި މެދު ވަކި ގޮތެއް ނިންމުމަށް ފިނޭންސް މިނިސްޓްރީއާއެކު އެއްބަސްވުމަކަށް ހަމަޖެހިފަިއވާ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ފާހަގަކުރެއެވެ.

އެ އޮފީހުން ވަނީ "ބިންވެރިޔާ" ސްކީމުގެ ދަށުން ހިލޭ ބިންތައް ބަހާލުމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކަށް ދައުލަތަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ވިދާޅުވެއެވެ.