ކުޅިވަރު

ފްރާންސް: ކުރިއަށްވުރެ ވަރުގަދަ، އަމާޒަކީ ތަށި


ފްރާންސަކީ ދުނިޔޭގައި ވެސް މި ވަގުތު އޮތް އެންމެ ވަރުގަދަ އެއް ޓީމެކެވެ. ފާއިތުވެދިޔަ އަށެއް އަހަރަށް ބަލާއިރު ވެސް އެންމެ ވަރުގަދަ ޓީމެވެ. މި އަށް އަހަރު ތެރޭގައި އެމީހުން ވަނީ ވޯލްޑްކަޕުގެ ފައިނަލުގައި ދެ ފަހަރު ކުޅެ އެއް ތަށި ހޯދައިފަ އެވެ. ޔޫރޯގެ ސެމީ ފައިނަލެއްގައި ކުޅެފަ އެވެ. ނަމަވެސް އެންމެ ފަހުގެ ޔޫރޯގެ ދެ ވަނަ ބުރުން ކަޓަން ޖެހުން ފަދަ ކަމެއްވިޔަ ނުދިނުމަށް ކޯޗު ޑިޑިއޭ ޑެޝޯން ހުރީ ތައްޔާރުވެގެންނެވެ.

ފްރާންސްގެ ކޯޗުކަމާ ޑެޝޯން ހަވާލުވީ ގައުމީ ޓީމު ވަރަށް ބޮޑަށް ހާވިއާވެފައި އޮއްވަ އެވެ. އޭނާގެ ޖީލުގައި ހިމެނުނު ބައެއް ކުޅުންތެރިން ގައުމީ ޓީމުގައި ދެމިތިބެން ކުރި މަސައްކަތުގައި އުފެދުނު ހިލާފުތަކާހުރެ ކޯޗުންނަށްވުރެ ކުޅުންތެރިންގެ ބާރު ގަދެވަފައި އޮތް ވަގުތެއްގަ އެވެ. މި ހުރިހާ މައްސަލަތަކެއް ހައްލުކުރަން ކެރިގެން ކުރިމަތިލައި، މޫނަކަށް ނުބަލައި ސާމިރު ނަސްރީ އާއި ކްރީމް ބެންޒެމާ ފަދަ ކުޅުންތެރިން ބާކީކޮށް، ޓީމު ހަމަމަގަށް އެޅުވި އެވެ. ފްރާންސް ޓީމުގައި އޭނާއަށްވުރެ މަތިން ބަސްބުނެވޭނެ މީހަކު ނުހުންނާނެ ކަމަށް އަންގައި ލީޑަރޝިޕް ދެއްކި އެވެ. ނަތީޖާއަކަށްވީ 1998 ވަނަ އަހަރުގެ ވޯލްޑްކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްދިން ކެޕްޓަންގެ މި ފިޔަވަޅުތަކާއެކު ގައުމީ ޓީމުގައި ހުރި މައްސަލަތައް މަޑުމަޑުން ހައްލުވެ، ކާމިޔާބު ހޯދާ ވަރުގަދަ ޓީމަކަށް ފްރާންސް ބަދަލުވާކަށް މާގިނަ ދުވަހެއް ވެސް ނުނެގިކަމެވެ. އޭނާގެ ކޯޗުކަމުގައި 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ހޯދި ޓީމުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން މިފަހަރުގެ ޔޫރޯގައި ފުރަތަމަ 11އިން ފެނުން ގާތީ އެންމެ ދެ ކުޅުންތެރިންނެވެ. މިހެންވެ މިއީ ޑެޝޯންގެ ކާމިޔާބީއެކެވެ. އޭނާގެ ކޯޗުކަމުގައި ފްރާންސުން ތަށި ހޯދާނެ ދެ ވަނަ ޖީލު އުފަންވެއްޖެނަމަ ކަމުގެ ފުރިހަމަ މިސާލެކެވެ.

ޕައުލް ޕޮގްބާ މަނާ ބޭސް ބޭނުންކުރުމުގެ ކުށުގައި ސަސްޕެންޑްކުރި ނަމަވެސް ފްރާންސްގެ މެދުތެރޭގައި ނިކަމެތިކަމެއްނެތެވެ. އެއަށްވުރެ މާމޮޅު ހުނަރުވެރިން މެދުތެރެއަށް ގަދަވެގެންފި އެވެ. އެޑްރިއަން ރަބިއޮޓާއި މަޓެއޯ ގުއެންޑޯޒީ އާއި އާއި އައުރެލިއެން ޗުއާމެނީ އާއި އެޑުއާޑޯ ކަމަވިންގާއާއެކު ތަޖުރިބާކާރު އެންގޯލޯ ކާންޓޭ ހިމެނޭ މިޑްފީލްޑަކީ ބަދަހި ފައުޖެކެވެ.

ފަހަތުން ކަނާތު ބެކަށް ހޫލްސް ކޫންޑޭ ކުޅޭއިރު ޑަޔަޓް އުޕަމެނާކޯ އާއި ފާލަންޑް މެންޑީ އާއި އިބްރާހީމާ ކޮނާޓޭ އާއި ވިލިއަމް ސަލީބާ އާއި އަކީ ކުލަބު ލެވެލްގައި ވެސް ވިދަމުން އަންނަ ކުޅުންތެރިންނެވެ. ވާތް ފަރާތުން ތިއޯ ހަނާންޑޭޒް އާއި ކަނާތުން ބެންޖަމިން ޕަވާޑް އަދިވެސް ތިބީ އެންމެ ޕީކްގަ އެވެ.

އެކަމަކު ގޯލްކީޕަރު ބަދަލުވެއްޖެ އެވެ. ތަޖުރިބާކާރު ކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސް ރިޓަޔާ ކުރުމުން މިހާރުގެ އެއްވަނަ ކީޕަރަކީ އޭސީ މިލާނުގެ ކީޕަރު މިކޭ މައިގްނަން އެވެ. އޭނާ ވަނީ މިލާނުގައި ރަނގަޅު ކުޅުމެއް ދައްކައި ގައުމީ ޖާޒީ ހައްގުވާވަރުގެ ކުޅުމެއް ދައްކައިފަ އެވެ. ފްރާންސްގެ އެހެން ކުޅުންތެރިންނާ ހިލާފަށް އޭނާގެ ކިބައިން މަދުވަނީ ގައުމީ ޖާޒީގައި ބޮޑު މުބާރާތެއް ކުޅުމުގެ ޕްރެޝަރު ފިލާފައި ނުވުމުގެ މައްސަލަ އެވެ.

ހަގީގަތުގައި ވެސް ފްރާންސް ޓީމުގައި ތިބީ ތަރިންނެވެ. ކެޕްޓަން ކީލިއަން އެމްބާޕޭ އަކީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕުގެ އެންމެމޮޅު ޒުވާން ކުޅުންތެރިޔާ އެވެ. އެންމެ ފަހުގެ ވޯލްޑްކަޕުގެ ރަންބޫޓު ހޯދި ކުޅުންތެރިޔާ އެވެ. އުމުރަކީ 25 އަހަރު ކަމުން ޑެޝޯން ތައްޔާރުކުރާ ދެ ވަނަ ޖީލު ލީޑްކޮށްލަން އޭނާ އަށް އިމެއްނެތި ފުރުސަތު އެބައޮތެވެ. ނިމިދިޔަ ސީޒަނުގައި ޕީއެސްޖީގައި މާގިނައިން ކުޅެން ފުރުސަތު ނުދިން ނަމަވެސް ޑެޝޯން ބުނީ ފްރާންސްގެ ޓީމުގައި އެމްބާޕޭ ފެނިގެންދާނީ ތަފާތު މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ކަމަށެވެ. ހާއްސަކޮށް ކެޕްޓަން ބޭންޑާއެކު އޭނާގެ ޒިންމާތައް އިތުރުވެފައި ކުރިއަށްވުރެ ހަރުދަނާވާނެ ކަމަށް ޔަގީން ކުރާ ކަމަށެވެ.

އެމްބާޕޭއާއެކު ކުރިއަށް ކުޅެން ހުރި އެންޓޮއިން ގްރިއެޒްމަނަކީ ގައުމީ ޓީމުގައި އަބަދުވެސް މޮޅަށް ކުޅޭ ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް 127 ވުރެ ގިނަ މެޗު ކުޅެފައިވާ ގްރިއެޒްމަން ވިދިވިދިގެން ފްރާންސް ކުޅުނު 84 މެޗަކީ ދުނިޔޭގެ ވެސް ރެކޯޑެކެވެ. އެންމެ ފަހުން ފްރާންސް ބަލިވި މެޗަކީ ވެސް އޭނާ ނުލައި ކުޅުނު މެޗެކެވެ. މިހެންވެ ކުލަބު ފޯމު ކޮންމެ ގޮތަކަށް ހުއްޓަސް ޑެޝޯންގެ ޓީމުން އޭނާ އަށް ޖާގަ ލިބޭނެ އެވެ. އައު ކައިވެންޏަށް ފަހު، ފްރާންސަށް ދިރިއުޅުން ބަދަލުކުރި އޮސްމާނޭ ޑެމްބެލޭ ވެސް ހުރީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ.