ކުޅިވަރު

އިންގްލަންޑް: މުހިންމު ކުޅުންތެރިންނަށް އަނިޔާވެ އާދައިގެ ހާލަތެއްގައި


އިންގްލަންޑަކީ ޔޫރަޕުގެ ޗެމްޕިއަންކަން ނުލިބި އޮތް އެންމެ މޮޅު ޓީމެވެ. އެމީހުންނަށް ބައިނަލް އަގްވާމީ މުބާރާތަށް މިހާތަނަށް ކާމިޔާބު ކުރެވުނީ 1966ގެ ވޯލްޑް ކަޕެވެ. އޭގެ ފަހުން ތައްޓެއް ހޯދަން ކުރާ މަސައްކަތުގައި އެންމެ ގާތަށް ދެވުނީ މީގެ ތިން އަހަރު ކުރިން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ.

އެ ޓީމުގައި ކުޅުނު އިސް ބައެއް ކުޅުންތެރިން މި ފަހަރުގެ ވެސް ޓީމުގައި އެބަތިއްބެވެ. ކެޕްޓަން ހެރީކޭން އާއި ކައެލް ވޯކާ އާއި ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ފަދަ ކުޅުންތެރިންނަކީ އިނގިރޭސިން މިދިޔަ ހައެއްކަ އަހަރު ހޯދި ކުރިއެރުންތަކުގައި ނަގާކިޔަން ތިބި ކުޅުންތެރިންނެވެ. ނަމަވެސް މި ފަހަރުގެ ޔޫރޯ އަށް އިނގިރޭސި ޓީމު ވަނީ މަސްހުނިވެފަ އެވެ. މުހިންމު ވަރަށް ގިނަ ކުޅުންތެރިންނަށް ފަހު ވަގުތު ކުރިމަތިވީ އަނިޔާގެ މައްސަލަތަކެވެ. ޑިފެންޑަރު ހެރީ މެގުއާ އާއި ޖެކް ގްރީލިޝް އަދި ޖޭމްސް މެޑިސަން އާއި ޖޯޑަން ހެންޑަސަން އާއި ރަހީމް ސްޓާލިން ފަދަ ކުޅުންތެރިން ޓީމުން ބާކީވުމުން އިނގިރޭސި ޓީމު ވަނީ ވަރަށް ބޮޑަށް ޒުވާންވެފަ އެވެ.
ކޯޗު ގެރެތް ސައުތުގޭޓް އެކުލަވާލި ސްކޮޑުގެ ގިނަ ކުޅުންތެރިންނަކީ އެޓޭކިން ކުޅުންތެރިންނެވެ. އޭނާގެ ޓީމަށް މައްސަލަ ކުރިމަތިވާނީ ވަރުގަދަ ޑިފެންސެއް ނެތުމާއި މެދުތެރެ ހާއަޅާނެ ކަމުގެ ބިރު އޮތުމުންނެވެ.

އިނގިރޭސި މީޑިއާތަކުން ދެކޭ ގޮތުގައި ދުނިޔޭގެ އެންމެ ވަރުގަދަ ލީގު އޮތީ އެ ގައުމުގައި ކަމަށްވެފައި މި ފަހަރުގެ ޔޫރޯ އެމީހުންނަށް ކާމިޔާބު ކުރެވެންވާނެ އެވެ. އެހާ ގާބިލް ކުޅުންތެރިން ޓީމުގައި އެބަތިއްބެވެ. އެކަމަކު އަބަދުވެސް އިނގިރޭސީންނަށް ދިމާވާ މައްސަލައަކީ ކުލަބުގައި ދައްކާ ކުޅުން ގައުމީ ޓީމުގައި މުހިންމު ބައެއް ކުޅުންތެރިންނަށް ނުދެއްކޭ މައްސަލަ އެވެ. މިފަދަ އެއް މިސާލަކީ މެންޗެސްޓާ ސިޓީގެ ފިލްފޮޑެން އެވެ. އޭނާ އަކީ ސިޓީގައި ބައެއް ފަހަރު ވަރަށް ދަށްކޮށް ކުޅޭ ކުޅުންތެރިއެކެވެ. އަމުދުން ޕްރެޝަރު މެޗުތަކުގައި ގައުމީ ޖާޒީގައި ވިދާލި ކުޅުންތެރިއެއްނޫނެވެ. އަނެއްކޮޅުން މިދިޔަ ހައެއްކަ އަހަރު އިނގިރޭސީންގެ އެންމެ ބޮޑު ބަލިފަޔަކަށްވީ އެއްވާނެއްގައި ކުޅޭނީ ވާތު ބެކެއްގެ މައްސަލައެ އެވެ.

އެކަމަކު މި ހުރިހާ ޕްރެޝަރަކާއެކު މެދުތެރެއަށް ކޯޗު ނެރޭ 17 އަހަރުގެ ކޯބީ މައިނޫ އަކީ ޕްލަސް ޕޮއިންޓެކެވެ. ޔުނައިޓެޑްގައި މޮޅަށް ކުޅުނަސް އޭނާ އަށް ބޮޑު މުބާރާތެއް ކާމިޔާބުކުރަން މުޅި ގައުމު ކުރާ އުއްމީދު ކޮނޑުއަޅައިގެން ދުވަސްޖެހުންވާނީ މުޅިން އައު ތަޖުރިބާއަކަށެވެ. މުބާރާތުގެ ކުރިން މީޑިއާތަކުން މިހާރު ވެސް ފާޑުކިއުން އޮއްސަންފަށާފައިވާއިރު ކުޅުންތެރިންނަށް މި ފަހަރު އޮތް އަނެއް ޕްރެޝަރއަކަށްވާނީ ތަށި ނޫން އެއްޗެއް ސަޕޯޓަރުން ގަބޫލުނުކުރާނެތީ އެވެ.

ޖޫޑް ބެލިންހަމް ރެއާލް މެޑްރިޑްގައި މޮޅަށް ކުޅެ ގޯލު ޖެހި ނަމަވެސް އޭނާ އަށް ފްރީ ރޯލެއްދީގެން، ބޭނުން ގޮތަކަށް ކުޅެގަންނަ އިނގިރޭސި ޓީމުގެ މެދުގައި ބާރެއް ނެތެވެ. މިހެންވެ ބެލިންހަމް އިތުރު ޒިންމާތަކެއް ނަގަންޖެހިދާނެ އެވެ. އެއިރުން މެޑްރިޑުގައި ފެނިގެންދާ ފަދަ ބެލިންހަމެއް އިނގިރޭސި ގައުމީ ޖާޒީގައި ނުފެނިދާނެ އެވެ.

މެދުގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ޑިކްލައިން ރައިސް އެވެ. އާސެނަލްގައި އޭނާ ދަނީ ކުރިއަށްވުރެ މާމޮޅަށް ކުޅެމުންނެވެ. ކޯޗު ސައުތު ގޭޓާއި ސަޕޯޓަރުންނަށް ވެސް އޭނާއާ މެދު ޝައްކެއްނެތެވެ. ނަމަވެސް މުޅި ޓީމުގެ ތަޖުރިބާއަކީ ތައްޓެއް ހޯދޭ ވަރުގެ ގާބިލްކަމެއްނޫނެވެ.

އަނެއްކޮޅުން ކޯޗު ސައުތު ގޭޓް ވެސް ހުރީ ގާއިމް މަގާމެއްގައެއްނޫނެވެ. އިނގިރޭސި އެފްއޭއިން އޭނާ 2026އާ ހަމައަށް މަގާމުގައި ބަހައްޓަން ބޭނުންވި ނަމަވެސް އެގޮތެއް އޭނާ ބޭނުމެއްނުވެ އެވެ. ގައުމީ ކޯޗުކަމުގައި 10 އަހަރު ހޭދަކޮށް، ވޯލްޑްކަޕުގެ ސެމީ ފައިނަލަށާއި ޔޫރޯގެ ފައިނަލަށް ދެވުމުން އޭނާ ހުރީ މީޑިއާތަކުން ކުރިމަތިކޮށްފާނެ ފިއްތުންތަކަކުން ސަލާމަތްވުމަށް ތައްޔާރުވެގެންނެވެ. އެއްބަޔަކު ގަބޫލުކުރާ ގޮތުގައި މި ވޯލްޑްކަޕަށް ފަހު ގޭޓް ހަވާލުވާނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. މިވާހަކައަށް ބާރު ލިބެނީ ކޮންޓްރެކްޓް އާކުރާނީ ޔޫރޯގައި ރަނގަޅު ނަތީޖާއެއް ލިބިއްޖެނަމަ އެކަނި ކަމަށް ސައުތުގޭޓް ތަޖުރާރުކޮށް ބުނަމުންދިއުމާއި މެންޗެސްޓާ ޔުނައިޓެޑްގެ އައު ވެރިން އަންނަ ސީޒަނުގައި އެ ޓީމުގައި ހުންނާނެ ކޯޗަކު ފައިނަލް ނުކޮށް ލަސްކުރާތީ އެވެ.