ކުޅިވަރު

ޑެންމާކް: މޮޅުވާނީ ކުޅުންތެރިންނާއި ކޯޗުވެސް ކުޅެގެން


ޑެންމާކަކީ 1992 ވަނަ އަހަރުގެ ޔޫރަޕިއަނުގެ ޗެމްޕިއަނުންނެވެ. އެކަމަކު މިކާމިޔާބީގެ ވާހަކަ އޭގެ ހަތަރު އަހަރު ފަހުން މުޅިން ފަނޑުވެދިޔައީ ޖެހިގެން އައި މުބާރާތުގައި ޗެމްޕިއަނެއްގެ ކިބާގައި ހުންނަންވާ އެއްވެސް ކަމެއް ނެތް ޓީމަކަށްވެ، ޑެންމާކް 1996ގައި ފެއިލްވުމުންނެވެ. 92ގައި ނޫނީ ބޮޑު ކާމިޔާބީއެއްނެތް ޓީމު ގިނަ ބަޔަކު ސިފަކުރަނީ އަބަދުވެސް އެއް މުބާރާތުގައި މޮޅަށް ކުޅެފިނަމަ، ޖެހިގެން އަންނަ މުބާރާތުގައި ބޮޑު ފްލޮޕަލަކަށްވާ ބައެއްގެ ގޮތުގަ އެވެ. ނަމަވެސް މިކަން ބަދަލުކޮށްލަން ބޭނުންވާ ތަޖުރިބާ އާއި ހުނަރު ޑެންމާކުގެ މި ފަހަރުގެ ޓީމުގައި އެބަހުއްޓެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ރަމްސުސް ހުޖްލުންޑަކީ ފާއިތުވެދިޔަ އަހަރުތަކުގައި ޑެންމާކް ޓީމުގެ ފަރާތުން އުނިވި ގޯލް ނުޖެހުމުގެ ހުސްކަމަށް ނިމުން ގެނުވޭ ވަރުގެ ފޯވަޑެކެވެ. އޭނާގެ ވަށައިގެން ދެން ވެސް ތިބީ ތަޖުރިބާކާރު ކުޅުންތެރިންނެވެ. ހާއްސަކޮށް ރިޓަޔާމަންޓާ ގާތްވަމުން އަންނަ ހަރު އުމުރުގެ ކުޅުންތެރިންނެވެ. ކްރިސްޓިއަން އެރިކްސަން އާއި ކެޕްޓަން ސިމޯން ކިޔާ އުޅެނީ މި ދެންނެވި ކެޓަގަރީގަ އެވެ. ޒުވާން ޖީލަށް ބަރާއިރު ފޯދެމުން އަންނަ ތަރިން ފެންވަރުގެ ކުޅުންތެރިން މަދު ނަމަވެސް ޓީމުގައި ތިބި ހުނަރުވެރި ކޮންމެ ޒުވާނަކީ އެމީހުންގެ ކުލަބުގެ ފުރަތަމަ 11ގައި ކުޅޭ ކުޅުންތެރިންނެވެ.

މިހެންވެ ސަޕޯޓަރުންގެ އުއްމީދުތައް މަތިވެރި އެވެ. ގައުމުގެ ރައްޔިތުން ކުރާ އުއްމީދުތަކުގައި ކުލަޖައްސަން އިސްވެހުރި ކޯޗު ކަސްޕާ ހުސްމުންޑް މިވަގުތު ވިސްނައި ފިކުރުކުރަމުންދަނީ ޓީމު ނަގާނެ ގޮތަކާމެދުގަ އެވެ.

ހުލްމުންޑްގެ ކަންފަތުގައި މިހާރު އެންމެގިނައިން ޖެހޭ އަޑަކީ ކްރިސްޓިއަން އެރިކްސަން ފުރަތަމަ 11ގައި ކުޅެންޖެހޭނެ ކަމަށް ފާޑުކިޔާ މީހުން ދައްކަމުން އަންނަ ވާހަކަ އެވެ. އެކަމަކު އެރިކްސަންގެ ކުލަބު ފޯމު އެހާ ރަނގަޅެއް ނޫނެވެ. ޒުވާން ކީޕަރު ފެރެޑިކް ރޮނޯ ވަނީ ޔޫނިއަން ބާލިންގައި މޮޅަށް ކުޅެފަ އެވެ. މިހެންވެ ކީޕަރު އަންގި ތަޖުރިބާކާރު ކީޕަރު އުމުރުން 35 އަހަރުގެ ކެސްޕާ ޝުމައިކަލްގެ އަތުގައި އަންގި ބާއްވާނެތޯ އުފެދިފައިވާ ސުވާލަކީ ވެސް މުބާރާތުގެ ކުރިން ކޯޗު ގޮތް ނިންމަންޖެހިފައިވާ މުހިންމު ކެމެކެވެ. ކެޕްޓަން ސިމޯންގެ އުމުރުން މިހާރު 37 އަހަރުވެއްޖެ އެވެ. މިއުމުރަކީ ޒުވާން ފޯވަޑުން ހުއްޓުވުމުގައި ގިނަ ކުޅުންތެރިންގެ ކިބާގައި ކޮށި ކަމެއް ހުންނަ އުމުރަކަށްވުމުން 350 މެޗު ކުޅެދީފައިވާ ތަޖުރިބާކާރު ޑިފެންޑަރު ފަހަތުގައި އިސްކޮށް ބަހައްޓާނެތޯ ނިންމަން ޖެހިފައިވަނީ ވެސް ކޯޗު ހުލްމުންޑަށެވެ.

މިހުރިހާ ކަމަކާއެކު އޭނާ އަށް އޮތީ ދެ ގޮތެކެވެ. ތަޖުރިބާކާރު ކުޅުންތެރިންނަށް އިސްކަންދީގެން ޓީމު އެތުރުމެވެ. ނޫނީ މުޅިން އެއްކޮށް ޓީމު ޒުވާންކޮށްލައި ރިސްކު ނެގުމެވެ. ހުލްމުންޑް ދެކޭ ގޮތުގައި ފުޓްބޯޅަ ޓީމެއްގައި ކުޅޭ 11 ކުޅުންތެރިން ނެގުމަކީ ރޮކެޓް ސައިންސެއްނޫނެވެ. މިހެންވެ ދެގޮތުންކުރެ އެއްވެސް ގޮތެއް ގޯހެއްނުވާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. ކޮންމެ ބަޔަކު ލައްވައި ކުޅުވިޔަސް ގޯސްވާނީ އޭނާ ނަގާ ޓީމު ނަތީޖާ ނުނެރޭ ހިސާބުންނެވެ.

އަނެއްކޮޅުން ދެން އޮތީ އެއްފެންވަރެއްގައި ނަތީޖާ ނުނެރެވުމުގެ މައްސަލަ އެވެ. 10 މެޗުން ބަލިނުވެ ތިބުމަށްފަހު އާދައިގެ ޓީމެއްގެ އަތުން ބަލިވުމާއެކު މުޅި ޓީމުގެ ކުރިއެރުމާއެކު އުފެދޭ ސުވާލެވެ. މިފަދަ އެއް މިސާލަކީ އޭޝިއާގެ ގައުމެއް ކަމަށްވާ ކަޒަކިސްތާން އަތުން ބަލިވުމެވެ. ޔޫރޯގެ ފުރަތަމަ މެޗުގައި ޑެންމާކް ކުޅެން ޖެހޭ ސްލޮވީނިއާ އަކީ ވެސް މިފަދަ ގައުމެކެވެ. އެމީހުންނަކީ ވެސް ޔޫރަޕުގެ މުބާރާތްތަކުގެ ތަޖުރިބާ ވަރަށް މަދު ގައުމެކެވެ. މިހެންވެ ކޯޗު ދެކޭ ގޮތުގައި އެންމެ މުހިންމު ކަމަކީ ސީނިއާ ކުޅުންތެރިން އެމީހުންގެ ލީޑަރޝިޕް ދެއްކުމެވެ.

ޓީމަށް ނަތީޖާ ނުނެރެވިދާ ހާލަތަތްތަކުގައި ހުލްމުންޑަށް މިހާރު ފެންނަމުންދާ އެންމެ ރަނގަޅު ބަދަލަކީ ބާސެލޯނާގެ ކުރީގެ ކޯޗު ޒަވީ ހަނާންޑޭޒްގެ ފަރާތުން އޭނާ ދަސްކުރި ކަމެކެވެ. އެއީ ޑިފެންޑަރު އަންދްރޭސް ކްރިސްޓިއަންސަން މެދަށް ލައިގެން ކުޅުމެވެ. ކްރިސްޓިއަންސެން އަކީ ފަހަތުން ކުރިއަރައި ގޯލު ޖަހާ އަދި މިހާރު މެދުތެރެއިން ޓީމު ލައްވައި ކުޅުވަން ދަންނަ ކުރިއަށްވުރެ ހަރުދަނާ ކުޅުންތެރިއެކެވެ. މިހެންވެ ޑެންމާކް ޓީމާމެދު ގިނަ ތަޖުރިބާކާރުން ދެކެނީ އެއީ ގައުމީ ކޯޗު އެކުލަވާލަންޖެހޭ މޮޅު ކުޅުންތެރިން ތިބި ޓީމެއް ކަމަށެވެ. މި ޓީމު މޮޅުވާނީ ކުޅުންތެރިންނާ އެއްވަރަށް ކޯޗު ވެސް މޮޅަށް ކުޅެގެންނެވެ.