ޚަބަރު

އިސްރާއީލު ޕާސްޕޯޓު މަނާކުރުމަށް ހުށަހެޅި ބިލު 241 ކޮމިޓީއަށް


  • ކޮމިޓީއަށް ފޮނުވުމަށް ހުށަހެޅުއްވީ ޕީއެންސީން

  • ސަރުކާރުން ދަނީ އިސްރާއީލް ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތް ކުރަމުން

އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ ވަނުން މަނާކުރުމަށް ހުށަހެޅުއްވި ބިލު މަޖިލީހުން ބަލައިގަނެ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވަނީ މިދައުރުގެ 4 ވަނަ ޖަލްސާގައެވެ.

މެމްބަރު މީކާއިލް ހުށަހެޅުއްވި އިސްލާހުގައި ވަނީ އިމިގްރޭޝަންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ ހ. ގެ 7 ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުމަށެވެ. އެއީ ރާއްޖެއަށް އެތެރެ ނުވެވޭނެ މީހުންގެ ތެރޭގައި ދެ ޕާސްޕޯޓް ގެންގުޅޭ މީހުން ހިމެނޭހެން އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން ހިމެނުމަށެވެ.

މި ބިލާ ގުޅޭގޮތުން ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ބަހުސްކުރަން ބޭނުންވާކަން ފާހަގަކޮށް އިދިކޮޅުގެ މެންބަރުން ވަނީ ފާޑުވިދާޅުވެފައެވެ. އެވާހަކަތަކަށް ރައްދުދެއްވައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން އަންނަ އަނިޔާތަކާ ދެކޮޅަށް އެކި ޕްލެޓްފޯމުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ވަކާލާތު ކުރައްވަމުން ކަމަށެވެ. އެމްޑީޕީން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުން އެމަސައްކަތް ނުކުރާކަން ދެއްކުމުގެ މަގުސަދުގައިކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު މި އިއްޒަތްތެރި މަޖިލީހުގައި ވާހަކަނުދައްކަން މިތިބެނީ މިކަން ކުރުން އަވަސްކުރުމުގެ ބޭނުމުގައި. މިކަން އަވަސްކޮށް، ވީހާވެސް އަވަހަށް ކޮމިޓީއަށް ފޮނުވައި އަވަހަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެން މިތިބެނީ ވާހަކަނުދައްކަން. އެހެންނަމަވެސް ހީލަތްތެރިގޮތަކަށް ހުރިހާ 12 މެންބަރުން (އެމްޑީޕީ މެންބަރުން) ވާހަކަދައްކަވާ މިކަން ދިގުދެންމުމަކީވެސް ހީލަތްތެރިކަމުގައި ކުރާކަމެއް،" ޝުޖާއު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވަނީ ކޮމިޓީން ބިލު ދިރާސާ ކުރާއިރު ޤައުމިއްޔަތަށާއި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާއާއި މަންފާ ވާގޮތަށް ކަންކަން ނިންމަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ނިންމަންވާ ނިންމުމަކީ ޖުމްލަގޮތެއްގައި އަޅުގަނޑުމެންގެ މިނިވަންކަމާއި ރައްކާތެރިކަން އަދި އިގްތިސާދީގޮތުންވެސް އަޅުގަނޑުމެންނަށް ގެއްލުން ނުވާނެގޮތަށް މިކަންކަން ނިންމުން.،" ނާޒިމް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭގޮތުން މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ މިފަދަ ނިންމުމެއް ނިންމުމަށް ވަރަށް ފުންކޮށް ވިސްނަން ޖެހޭނެކަމަށް ވިދާޅުވެފައެވެ.

"ދިވެހިރާއްޖެ ނޫނަސް އިސްލާމީ އެހެން ޤައުމުތައް ވަރަށް ބައިވަރު، ނަމަވެސް މިފަދަ ފިޔަވަޅެއް އަޅަން ރައްޔިތުންގެ މަޖިލީހަށް އެތަނެއްގެ ޕާލިމަންޓެއްގައި ފުރަތަމަ ވާހަކަދެއްކުނު މަޖިލީހަކީވެސް މިއީ ކަންނޭގެ. ރައްޔިތުންގެ މަންދޫބުންނަކީ މަޖިލީހުގެ މެންބަރުން. މިއަދު މެންބަރުން ނިންމާ ނިންމުން ވާންވާނީ ރާއްޖޭގެ މުސްތަގުބަލަށާއި ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން ކުރެވޭކަމަކަށް،" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

މި ބިލުގެ ބަހުސް މަރުހަލާގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ އެ ބިލް ބަލައިގަނެ ކޮމިޓީއަށް ފޮނުއްވުމަށް ހުށަހަޅުއްވާފައެވެ. އަދި ފަލާހުގެ ހުށަހެޅުއްވުމަށް މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވަނީ ތާއީދު ކުރައްވާފައެވެ. އަދި މި ބިލު ދިރާސާކުރުމަށް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވުމަށް ވަނީ މިއަދުގެ ޖަލްސާގައި ފާސްކޮށްފައެވެ.

އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ ވަނުން މަނާކުރުމަށް އެމްޑީޕީން މަޖިލީހަށް ބިލެއް ހުށަހަޅާފައިވާއިރު މިދިޔަ ހަފުތާގައި ސަރުކާރުން ވަނީ ގާނޫނަށް ބަދަލު ގެނެސް އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ ވަނުން މަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ. އެ މަސައްކަތް ކުރުމަށް ފަސް ވަޒީރުން ހިމެނޭ ކޮމިޓީއެއްވެސް ސަރުކާރުން ވަނީ އުފައްދަވާފައެވެ.