ޚަބަރު

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލް އަލުން މަޖިލީހަށް


  • ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު

  • 19 ވަނަ މަޖިލީހުން ބިލު ވަނީ ބޭރުކޮށްފައި

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލް ސަރުކާރުގެ ފަރާތުން އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުއެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލް އެންމެ ފުރަތަމަ ސަރުކާރުން ހުށަހެޅީ މިއަހަރުގެ ކުރީކޮޅު 19 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. ނަމަވެސް އެ ބިލް އެމްޑީޕީގެ މެޖޯރިޓީ އޮތް އެ މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.

ސަރުކާރުން ސޮވްރިން ޑިވެލޮޕްމަންޓުގެ ބިލު ހުށަހެޅުއްވީ ފަންޑު ބޭނުންކުރެވޭނެ ކަންކަމާއި، ފަންޑު ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލުތައް ކަނޑައެޅުއްވުމަށެވެ. އަދި ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމާއި ގައުމަށް ދިމާވާ އިގުތިސާދީ ކާރިސާގެ ހާލަތްތަކުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެއްސުމަކީވެސް ސަރުކާރުން މި ބިލު ހުށަހެޅުއްވި މަގުސަދަކެވެ.

މި ބިލުގެ ފުރަތަމަ ކިޔުން 20 ވަނަ މަޖިލީހުގެ ހަތަރުވަނަ ޖަލްސާގައި އިއްވާފައިވާއިރު ދެން އޮންނާނީ ބިލް މަޖިލީހަށް ތައާރަފު ކުރެއްވުމާއި މަޖިލީހުން ބިލު ބަލައިގަތުމަށް ވޯޓަށް އެހުމެވެ. ބިލް ފާސްކުރާނީ މެންބަރުންގެ މެދުގައި ބަހުސް ކުރުމަށްފަހު ކޮމިޓީން ބިލު ފާސްކޮށް، މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.